ޚަބަރު

ލީބިޔާގެ ބޮޑުވަޒީރު އިސްތިއުފާ ދެއްވަން ބޭނުންވެވަޑައިގަންނަވާކަމަށް ވިދާޅުވެއްޖެ


އޮކްޓޯބަރު މަސް ނިމުމުގެ ކުރިން މަޤާމުން އިސްތިއުފާ ދެއްވަން ބޭނުންވެވަޑައިގަންނަވާކަމަށް އދ.ން ބަލައިގަނެފައިވާ ލީބިޔާގެ ސަރުކާރުގެ ބޮޑުވަޒީރު، ފާއިޒް އައްސައްރާޖު ވިދާޅުވެއްޖެއެވެ. އިސްތިޢުފާ ދެއްވަން ބޭނުންވެވަޑައިގަންނަވާކަން ސައްރާޖު އިޢުލާނުކުރެއްވީ ލީބިޔާގައި ހިންގަމުންދާ ހަމަނުޖެހުންތަކަށް ސިޔާސީ ޙައްލެއް ހޯދުމަށް އައު ހިތްވަރަކާއެކު މަސައްކަތް ކުރަމުންދާ ވަގުތެއްގައެވެ.

ޓީވީ މެދުވެރިކޮށް ދެއްވި ހިޠާބެއްގައި އައްސައްރާޖު ވިދާޅުވީ އޭނާގެ ހުރިހާ މަސްޢޫލިއްޔަތުތައް އޮކްޓޯބަރު މަސް ނިމުމުގެ ކުރިން ދެން މަޤާމާ ޙަވާލުވެލައްވާ ބޭފުޅުކަށް ޙަވާލުކުރައްވަން ބޭނުންފުޅުވާކަމަށެވެ. އދ.ން މެދުވެރިވެ ސްވިޒަލޭންޑްގެ ޖެނީވާގައި ކުރިއަށްދާ މަޝްވަރާތަކަށް އިޝާރާތްކުރައްވާ އައްސައްރާޖު ވިދާޅުވީ ބައިބައިވެފައިވާ ލީބިޔާ އެއްގަލަކަށް އަރުވައި އިންތިޚާބެއް ބޭއްވުމުގެ އުންމީދު މަޝްވަރާތަކުގެ ސަބަބުން އައު ވެފައިވާކަމަށެވެ.

އައްސައްރާޖަކީ ލީބިޔާގެ ގަވަމަންޓް އޮފް ނޭޝަނަލް އެކޯޑް، ޖީއެންއޭގެ ސަރުކާރުގެ އެންމެ އިސް ފަރާތެވެ. އެ ސަރުކާރު މަރުކަޒުވެފައިވަނީ ވެރިރަށް ތުރާބުލުސްގައެވެ. އިދިކޮޅު ޚަލީފާ ޙަފްތާރުގެ ލީބިއަން ނޭޝަނަލް އާމީ، އެލްއެންއޭ ޙަރަކާތްތެރިވަނީ ދެކުނާއި އުތުރުގެ ސަރަޙައްދުތަކުގައެވެ. އދން ބަލައިގަނެފައިވާ ޖީއެންއޭއާއި އެލްއެންއޭއާމެދު ކުރިމަތިލުންތައް ހިންގާތާ ގިނަ އަހަރުތަކެއްވަނީ ވެފައެވެ. އެ ހަމަނުޖެހުންތަކުގައި މިޞްރާއި ޔޫއޭއީއާއި ރަޝިޔާއިން ވާގިވެރިވަނީ އެލްއެންއޭއަށެވެ. ޖީއެންއޭއަށް ވާގިވެރިވަނީ ތުރުކީވިލާތުންނެވެ.

ބޮޑުވަޒީރުކަމުގެ މަޤާމު އައްސައްރާޖު ދޫކުރައްވައިދިނަމަ ޖީއެންއޭގެ އިސްވެރިންގެ މެދުގައި އަނެއްކާވެސް ގިނަ ދެބަސްވުންތައް އެފެދުމުގެ ފުރުޞަތު ވަރަށް ބޮޑުކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ޤަބޫލުކުރެއެވެ، އޭގެ އިތުރުން އަސްކަރީ ޙަމަލާތައްވެސް އިތުރުވާނެކަމަށް ގިނަ ބަޔަކު ދެކެއެވެ.