ކުޅިވަރު

އިނގިރޭސި ލީގުކަޕުގެ ތިންވަނަބުރުގައި ސިޓީ އާއި ބޯންމައުތު ވާދަކުރަނީ



އިނގިރޭސި ލީގުކަޕުގެ ތިންވަނަބުރުގައި މުބާރާތުގެ އެންމެފަހު ޗެމްޕިއަން މެންޗެސްޓަރ ސިޓީ އާއި އިނގިރޭސި ޗެމްޕިއަންޝިޕުގައި ވާދަކުރާ ބޯންމައަތު ވާދަކުރަން ޖެހިއްޖެއެވެ.

މުބާރާތުގެ ތިންވަނަ ބުރުން ބޯންމައުތު ޖާގަހޯދީ ދެވަނަ ބުރުގައި ކިރިސްޓަލް ޕެލޭސްއާ ވާދަކޮށް މެޗު އެއްވަރުވުމުން ޕެނެލްޓީ 10-11 ލަނޑުން ކުރި ހޯދައިގެންނެވެ. މުބާރާތް އަށްވަނަ ފަހަރަށް ކާމިޔާބުކުރަން ހިފައިފަވާ ސީޓީ ވަނީ ވެތުވެދި ތިން ސީޒަނުގައި ވެސް މުބާރާތް ކާމިޔާބުކޮށްފައެވެ. މުބާރާތުގައި ސިޓީން ތިންވަނަ ބުރުން ފެށިގެން ވާދަކުރަނީ ހުސްވި ސީޒަނުގައި ޔޫރަޕުގެ މުބާރާތްތެއްގައި ވާދަކުރުމުންނެވެ.

މުބާރާތުގެ ތިންވަނަ ބުރުގައި އިނގިރޭސި ބޮޑެތި ޓީމްތައް ވާދަކުރާނެއެވެ. ހުސްވި ސީޒަނުގެ ލީގު ޗެމްޕިއަން ލިވަޕޫލް ރަށުން ބޭރުގައި ނުކުންނާނީ ލިންކޯލްއާ ދެކޮޅަށް ނުކުންނައިރު މެންޗެސްޓަރ ޔުނައިޓެޑު ރަށުން ބޭރުގައި ވާދަކުރާނީ ލުޓޮންއާއެވެ. މުބާރާތުގެ ތިންވަނަ ބުރުގެ އެންމެ ފޯރިގަދަ މެޗަކަށް ވާނީ ލެސްޓަރ ސީޓީއާ އާސެނަލް ވާދަކުރާމެޗެވެ. އާސެނަލްވަނީ މީގެ ކުރިން ދެފަހަރު މުބާރާތް ކާމިޔާބުކޮށްފައެވެ.

މުބާރާތުގެ ތިންވަނަ ބުރުގެ ކުޅުން އޮންނާނީ އަންނަ ހަފްތާގައެވެ. ލީގުކަޕަކީ އިނގިރޭސީ އެންމެ މަތީ ހަތަރު ލީގުގައި ވާދަކުރާ ޓީމުތަކުގައި މެދުގައި ކުރިޔަށްދާ ނޮކައުޓް މުބާރާތެކެވެ. އާއްމުކޮށް މުބާރާތް ކާމިޔާބު ކުރާޓީމަކަށް ޔޫރަޕުން ޖާގަ ލިބޭއިރު މިއަހރުން ފެށިގެން މުބާރާތް ކާމިޔާބު ކުރާ ޓީމަކަށް ފުރުސަތު ލިބޭނީ އަންނަ އަހަރު ޔޫއެފާއިން މުޅިން އަލަށްފަށާ ޔޫއެފާ ކޮންފަރެންސް ލީގުންނެވެ.