ދުނިޔެ

އިންޑިޔާގައި ކޯވިޑް ޖެހުނު ޢަދަދު 5 މިލިއަނަށް، 17 މަޖިލިސް މެންބަރުން ހިމެނޭ

އިންޑިޔާގެ ޤާނޫނު ހަދާ މަޖިލީހުގެ 17 މެންބަރުންނަށް ކޯވިޑް-19 ޖެހިފައިވާކަމަށް އެ ޤައުމުގެ ސަރުކާރުން ބުނެފިއެވެ.
ދުނިޔޭގައި ދެވަނައަށް އެންމެ ހަލުވިކޮށް ކޯވިޑް-19 ފެތުރެނީ އިންޑިޔާގައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 1.3 ބިލިއަން މީހުންގެ އާބާދީއެއް އޮންނަ އިންޑިޔާގައި ބަލިޖެހިފައިވާ މީހުންގެ ޢަދަދުވަނީ 5 މިލިއަނަށް އިތުރުވެފައެވެ. އެ ޤައުމުގައި ބަލީގެ ސަބަބުން މިހާތަނަށް 82،091 މީހުންވަނީ މަރުވެފައެވެ. މިދިޔަ 24 ގަޑިއިރުގެ ތެރޭގައި 91،120 މީހުންނަށް ބަލިޖެހި 1،283 މީހުންވަނީ މަރުވެފައެވެ.

6 ހަމަށްފަހު ޤާނޫނު ހަދާ މަޖިލީސް އަލުން ހުޅުވުމުގެ ކުރިން މަޖިލީހުގެ ހުރިހާ މެންބަރުންވަނީ ކޯވިޑް-19އަށް ސްކްރީންކޮށްފައެވެ. ސްކްރީންކުރުމުން ފާސްވި މެންބަރުން ޤާނޫނު ހަދާ މަޖިލީހުގައި މަސައްކަތްކޮށްފައިވަނީ މާސްކު އަޅައިގެންނެވެ.

ކޯވިޑް-19 ޖެހިފައިވާ 17 މެންބަރުންނަކީ 545 މެންބަރުންގެ މައްޗަށް އެކުލެވިގެންވާ މަޖިލީހުގެ ތިރިގެ، ލޮކް ސަބާއަށް ނިސްބަތްވާ މެންބަރުންނެވެ. އޭގެ ތެރެއިން 12 މެންބަރުންނަކީ ވެރިކަންކުރާ ބަރާތިޔަ ޖަނަތަ ޕާޓީ، ބީޖޭޕީގެ މެންބަރުންނެވެ. 245 މެންބަރުންގެ މައްޗަށް އެކުލެވިގެންވާ އިންޑިޔާގެ ޤާނޫނު ހަދާ މަޖިލީހުގެ މަތިގެ، ރަޖްޔާ ސަބާއިން ބަލި ޖެހިފައިވަނީ ކިތައް މެންބަރުންނަށްކަން މިހާތަނަށް ސާފުވެފައެއް ނުވެއެވެ.

މީގެ ކުރިން ކުރިން އިންޑިޔާގެ ދާޚިލީ ވަޒީރު އަމިތު ޝާހަށްވެސްވަނީ ކޯވިޑް-19 ޖެހިފައެވެ. އޯގަސްޓު މަހުގެ ބޮޑެ ބައެއް އޭނާ ހޭދަކުރެއްވީ ހަސްފަތާލުގައެވެ. ފާއިތުވި ހަފުތާ ބަންދުގެ ތެރޭގައި އިތުރު ތަހުލީލުތައް ކުރުމަށް އޭނާވަނީ ހަސްފަތާލުގައި އަނެއްކާވެސް އެނދުމަތިކޮށްފައެވެ. އަދި މަޖިލީހަށް ހާޒިރުވެވަޑައިގަތުމަށް ފައްޓަވާފައެއް ނުވެއެވެ.

ޤާނޫނު ހަދާ މަޖިލީހުގެ މަތިގޭގައި ވާހަކަ ދައްކަވަމުން މައި ސަރުކާރުގެ ޞިއްޙަތާއި ބެހޭ ވަޒީރު ހަރްޝު ވަރުދަން ވިދާޅުވީ ކޯވިޑް-19އާ ދެކޮޅަށް އިންޑިޔާއިން ކުރަމުންދާ ހަނގުރާމަ ނިމެން ގާތްނުވާކަމަށެވެ. ޤައުމުގެ ރައްޔިތުންގެ މެދުގައި ބައްޔާއި މެދު ހޭލުންތެރިކަން އިތުރުކުރުމަށް އިތުރު މަސައްކަތްކުރެއްވުމަށް އޭނާވަނީ މަޖިލީހުގެ މެންބަރުންގެ ކިބައިން އެދިވަޑައިގެންފައެވެ.