ވިޔަފާރި

ބީއެމްއެލް ކާޑުން މަހަކަށް ރާއްޖޭން ބޭރުގައި 750 ޑޮލަރު، ރާއްޖޭގައި 250 ޑޮލަރު


ބީއެމްއެލް ޑެބިޓް އަދި ކްރެޑިޓް ކާޑުން ރާއްޖެއިން ބޭރުގައި މުޢާމަލާތްކުރެވޭނެ އާ އަދަދުތަކެއް ބެންކް އޮފް މޯލްޑިވްސްްއިން ކަނޑައަޅައިފިއެވެ.

ބެންކް އޮފް މޯލްޑިވްސްއިން ބުނީ މިއަދުން ފެށިގެން ބެންކް އޮފް މޯލްޑިވްސްއިން ދޫކޮށްފައިވާ ހުރިހާ ޑެބިޓް އަދި ކްރެޑިޓް ކާޑުގެ ތެރެއިން ކޮންމެ ކާޑަކުން މަހެއްގެ މައްޗަށް ރާއްޖެއިން ބޭރުގެ މުޢާމަލާތްކުރެވޭނެ އަދަދެއްކަމުގައި 250 ޑޮލަރު ކަނޑައަޅާފައިވާކަމަށެވެ. އަދި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް އެހީތެރިވުމުގެ ގޮތުން ބެންކުން ވަނީ މަހެއްގެ މައްޗަށް ކޮންމެ ކާޑަކުން 750 ޑޮލަރު ބޭނުންކުރެވޭނެ ގޮތް ހަމަޖައްސާފައިވާކަމަށްވެސް ބީއެމްއެލްއިން ބުނެއެވެ. ބީއެމްއެލްއިން ބުނީ މިއަދަދުތައް ކަނޑައަޅާފައިވަނީ ދިވެހި ރުފިޔާ އެކައުންޓް މެދުވެރިކޮށް ކާޑުން ކުރާ ބޭރުގެ މުޢާމަލާތްތަކަށްކަމަށެވެ.

ބީއެމްއެލްއިން ބުނީ ކާޑުން ކުރެވޭ މުޢާމަލާތުގެ އަދަދު ދަށް ކުރެވުނު ކަމުގައިވިޔަސް، ބޭސް ފަރުވާއާއި ތައުލީމާ ގުޅުންހުރި ކަންކަމުގައި ފައިސާ ދެއްކުމަށް ވަގުތީ ލިމިޓެއް ކަސްޓަމަރުންނަށް ހަމަޖައްސައިދޭނެކަމަށެވެ. މިގޮތަށް ލިމިޓް ހަމަޖައްސަން ބޭނުންވާ ކަސްޓަމަރުން އިންޓަނެޓް ބޭންކިންގ މެދުވެރިކޮށް އެކަމަކާ ގުޅުންހުރި ލިޔުންތައް ބޭންކަށް ފޮނުވުމަށް ބީއެމްއެލްއިން މައުލޫމާތުދެއެވެ.

ބީއެމްއެލްއިން ބުނީ މި ފިޔަވަޅުތަކަކީ ރާއްޖެއިން ބޭރަށްދާ ޑޮލަރުގެ އަދަދު ހިފެހެއްޓުމަށާއި ޒަރޫރީ ބޭނުންތަކަށް މުދާ އެތެރެކުރުމަށާއި އަދި ހަމަ އެހެންމެ ރާއްޖެއިން ބޭރުގައި ސިއްހީ ހިދުމަތާއި ތައުލީމް ހޯދުމަށް ދައްކަންޖެހޭ ފައިސާއަށް އިސްކަންދިނުމުގެ ގޮތުން ކޮންމެހެންވެސް އަޅަން މަޖުބޫރު ފިޔަވަޅުތަކެއްކަމަށެވެ.

ބީއެމްއެލްއިން ބުނީ މިބަދަލާ ގުޅިގެން ބެންކުގެ 95 އިންސައްތަ ކަސްޓަމަރުންނަށް މިކަމުގެ އެއްވެސް އަސަރެއް ނުކުރާނެކަމަށެވެ، ބީއެމްއެލްއިން ބުނީ ހާލަތު ބަދަލުވުމާއެކު މި ނިންމުން އަނެއްކާވެސް ބަދަލުކުރާނެކަމަށެވެ.

ޑޮލަރ ލިކުއިޑިޓީއަކީ ދިމާވެފައިވާ ބޮޑު ގޮންޖެހުމަކަށްވާއިރު، ބައިނަލްއަޤްވާމީ އިދާރާތަކާ ގުޅިގެން ފަންޑިންގ ހޯދުމަށް ބީއެމްއެލްއިން ކެނޑިނޭޅި މަަސައްކަތްކުރަމުންނެވެ، އަދި މިދަތ ހާލަތުގައިވެސް ގައުމީ ބެންކުގެ ގޮތުގައި ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ބީއެމްއެލް ދެމި އޮންނާނެކަމުގެ ޔަޤީންކަންވެސް ބީއެމްއެލްއިން އަރުވައެވެ.

ދުނިޔޭގެ އެހެން ޤައުމުތަކާ އެއްފަދައިން ކޯވިޑްގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށްވެސް ވަނީ ވަރަށް ބޮޑު ހީނަރުކަމެއް ކުރިމަތިވެފައެވެ. ފަތުރުވެރިކަމުގެ ސިނާއަތުގެ ހަރަކާތްތަކަށް ހުރަސްއެޅި، ބޭރު ފައިސާ ލިބޭ މިންވަރު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. އެކަމާ ގުޅިގެން އެމްއެމްއޭއިން ވަނީ ހަމައެކަނި ޒަރޫރީ ބޭނުންތަކަށް މުދާ ގެނައުމަށް ބޭންކުތަކަށް އިތުރަށް ޑޮލަރު ދޫކުރުމަށް ވަނީ ނިންމާފައެވެ. އެކަމުން ކޮންމެވެސް ވަރެއްގެ ލުޔެއް ލިބުނަސް، ޑޮލަރ ލިކިއުޑިޓީ ދެމެހެއްޓުމަށްޓަކައި އިތުރު ފިޔަވަޅުތައް އަޅަންޖެހޭކަމަށް ބީއެމްއެލްއިން ބުނެއެވެ.