ފެނަކަ ކޯޕަރޭޝަނުން ދެމުންގެންދާ ޚިދުމަތުގެ ފެންވަރު ރަނގަޅުވުމާ ގުޅިގެން އިންޓަރނޭޝަނަލް އޮގަނައިޒޭޝަން ފޯޯ ސްޓޭންޑަރޑައިޒޭޝަންގެ ސާރޓިފައިޑް ތަނަކަށް އެކުންފުނި ވެއްޖެއެވެ.
ފެނަކަ ކޯޕަރޭޝަން އައިއެސްއޯއަށް ސާޓިފައިވެފައިވަނީ ބައިނަލްއަޤުވާމީ ގޮތުން މުއައްސަސާތަކާއި ކުންފުނިތަކުން ފޯރުކޮށްދޭ ޚިދުމަތްތަކަކީ ރަނގަޅު ފެންވަރުގައި ހިފެހެއްޓިފައިވާ ޚިދުމަތްތަކެއްތޯ ބަލާ، އަދި ބައިނަލްއަޤުވާމީ ގޮތުން މަސައްކަތުގެ މާހައުލުގައި އެކަށޭނަ މިންވަރަށް ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅިފައިވޭތޯ ބެލުމަށްޓަކައި އެކުލަވާލެވިފައިވާ މިންގަނޑުތަކަށް ފެތޭތީއެވެ.
ފެނަކައިން ބުނީ އައިއެސްއޯއަށް ސާރޓިފައިވުމަށް ކުރި މަސައްކަތުން މިހާރު ކުންފުނީގެ ލަނޑުދަނޑިއާއި، ލަނޑުދަނޑި ހާސިލްކުރުމަށް މަސައްކަތް ކުރަން ޖެހޭ ގޮތުގެ އުޞޫލުތަކާއި، ލަނޑުދަނޑި ހާސިލްކުރުމަށް ކުރެވޭ މަސައްކަތް ވަޒަންކުރާނެ މިންގަނޑުތަކެއް އެކުލަވާލާފައިވާކަމަށެވެ. އަދި މަސައްކަތްތަކާއި ގުޅުންހުރި މުހިއްމު މައުލޫމާތު އެއްކުރެވޭ ފޯމެޓްތަކާއި، ރިޕޯޓުތައް ހުށަހަޅަންޖެހޭ ފަރާތްތަކާއި، މަސައްކަތްތައް ބަލައި ޗެކު ކުރާނެ އިންތިޒާމް ހަމަޖެހި ޢަމަލު ކުރަމުން އަންނަކަމަށެވެ.
އައު މިންގަނޑުގެ ދަށުން ކޮންމެ ޑިޕާޓްމަންޓަކަށްވެސް ހާސިލްކުރަންޖެހޭ ސްމާރޓް ލަނޑުދަނޑިތަކެއް ކަނޑައެޅިފައި ހުރުމާއިއެކު އަދި މި ލަނޑުދަނޑިތައް ކުންފުނީގެ ތަސައްވުރާއި، ވަކި ވަކި މުވައްޒަފުންގެ ކީ ޕާރފޯމަންސް އިންޑިކޭޓާރސް އާއި ގުޅުވިފައި ހުންނާނެކަމަށްވެސް އެ ކޯޕަރޭޝަނުން ވިދާޅުވެއެވެ.
ފެނަކަ ހިންގުމަށް އައި ފުރިހަމަ ބަދަލާއިއެކު ލިބުނު އެންމެ ބޮޑު ހިންހަމަޖެހުމަކީ 2018 ވަނަ އަހަރާއި ހަމައަށް ދަރަނީގައި ހިންގަމުންދިޔަ ކުންފުނި 2019 ވަނަ އަހަރު އަރަނި ކުންފުންޏެއްގެ ގޮތުގައި ނިންމާލުން ކަމަށް ފެނަކަ ކޯޕަރޭޝަނުން މަޢުލޫމާތުދެއެވެ.
ފެނަކަ ކޯޕަރޭޝަނުން އަންނަނީ ފެނާ ނަރުދަމާގެ ޚިދުމަތުގެ އިތުރަށް ކަރަންޓުގެ ޚިދުމަތްތައްވެސް ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ފޮރުކޯށްދެމުންނެވެ.