ދުނިޔެ

ގަލްފުގެ މައްސަލަ ޙައްލުކުރުމަށް އެމެރިކާއިން ބޭނުންވޭ


ތިން އަހަރަށް ދެމިގެން ގޮސްފައިވާ ގަލްފުގެ ޤައުމުތަކުގެ މެދުގައި އުފެދިފައިވާ ދެބަސްވުންތައް ޙައްލުކުރުމަށް އެމެރިކާއިން ބޭނުންވާކަމަށް އެ ޤައުމުން ބުނެފިއެވެ.

2017ވަނަ އަހަރުގެ ޖޫން މަހުގައި ޓެރަރިސްޓް ޖަމާޢަތްތަކަށް އެހީތެރިވެ އީރާނަށް އެއްބާރުންދޭކަމަށް ބުނެ ގަލްފުގެ ބާރުތައްކަމަށްވާ ސަޢުދީ ޢަރަބިއްޔާއާއި ޔޫއޭއީއާއި ބަޙުރައިނުންވަނީ ޤަތަރާއެކު އޮންނަ ސިޔާސީ އަދި ވިޔަފާރީގެ ގުޅުންތައް ކަނޑާލާފައެވެ. އެއަށްފަހު ޤައުމުތަކާ ބައިވެރިވެގެން މިޞްރުންވެސް ޤަތަރާ ގުޅުން ކަނޑާލިއެވެ. އަދި ޤަތަރުގެ އެއްވެސް އުޅަނދަކަށް އެ ޤައުމުތަކުގެ ވައިގެ އަދި ކަނޑުގެ ސަރަޙައްދުން ދަތުރުނުކުރެވޭނެކަމަށްވަނީ ނިންމާފައެވެ. ސަޢުދީ ޢަރަބިއްޔާއިންވަނީ ޤަތަރުގެ ހަމައެކަނި އެއްގަމުގެ ސަރަޙައްދީ ރޮނގު ބޭނުންކުރުމަށްވެސް ހުރަސް އަޅައިފައެވެ.

ޤަތަރާ ގުޅުންކަނޑާލާފައިވާ ޤައުމުތަކުންވަނީ 13 ޝަރުތެއް ކޮށްފައިވެއެވެ. އޭގެ ތެރޭގައި އަލްޖަޒީރާ ޓީވީ ބަންދުކުރުމާއި ތުރުކީވިލާތުގެ އަސްކަރީ މަރުކަޒެއް ބަންދުކުރުމުގެ އިތުރުން އީރާނާއި މުސްލިމު ބްރަދަހޫޑާއެކު އޮންނަ ގުޅުން ކުޑަކުރުމަށްވަނީ ޝަރުތުކޮށްފައެވެ. ނަމަވެސް ގަލްފުގެ ޤައުމުތަކުން ކޮށްފައިވާ ތުހުމަތުތަކަށް އިންކާރުކޮށް، ޤަތަރުންވަނީ މުސްލިމް ބަރަދަހޫޑާއެކު އެއްވެސް ގުޅުމެއް ނޯންނަކަމަށް ބުނެފައެވެ.

ޤަތަރުގެ ބޮޑުވަޒީރުގެ ނައިބު އަދި ޚާރިޖީ ވަޒީރު ޝައިޚް މުޙައްމަދު ބިން އަބްދުލްރަޙްމާން ޢައްސާނީއާއެކު ބޭއްވެވި ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެމެރިކާގެ ޚާރިޖީ ވަޒީރު، މައިކް ޕޮންޕެއޯ ވިދާޅުވީ މެދުއިރުމަތީގައި އީރާނުން ހިންގަމުންދާ ޙަރަކާތްތަކާ ދެކޮޅަށް ފިޔަވަޅުއެޅުމަކީ މުހިންމުކަމެއްކަމަށެވެ. އީރާނުގެ ނުފޫޒުން ރައްކާތެރިވުމަށް ފިޔަވަޅުއެޅުމުގައި އިތުރަށް ސަމާލުވާންޖެހޭކަމަށާއި ގަލްފުގެ މައްސަލައަށް ޙައްލެއް ހޯދަންޖެހިފައިވާތާ ގިނަ ދުވަސްތަކެއް ވެފައިވާކަމަށް ޕޮންޕެއޯ ވިދާޅުވިއެވެ. މައްސަލަ ޙައްލުކޮށް ޤަތަރުގެ ވައިގެ ސަރަޙައްދާއި އެއްގަމުގެ ސަރަޙައްދީ ރޮނގު އަލުން ހުޅުވައިލުމަކީ އެމެރިކާއިން އެދޭކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމެރިކާގެ ރިޔާސީ އިންތިޚާބު ކައިރިވަމުންދާ ދަނޑިވަޅުގައި އެމެރިކާގެ ޚާރިޖީ ސިޔާސަތުތައް މެދުއިރުމަތީގައި ކާމިޔާބުވެފައިވާކަން ދެއްކުމަށް އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަންޕުދަނީ މަސައްކަތްކުރައްވަމުންނެވެ. އެގޮތުން އިސްރާއީލާއެކު ގަލްފުގެ ދެ ޤައުމުކަމަށްވާ ޔޫއޭއީއާއި ބަހުރައިނުން ގުޅުންބަދަހިކުރުމުގެ މުއާހަދާއަކާއި ހަމައަށް ވާސިލްވުމަށް އެމެރިކާއިންވަނީ ފާއިތުވި ދުވަސްތަކުގައި ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. މިދިޔަ ހަފުތާގައި ގަލްފުގެ މައްސަލައަށް ކުރިއެރުމެއް ލިބިދާނެކަމުގެ އިޝަރާތެއް މެދުއިރުމައްޗަށް ކަނޑައަޅާފައި ހުންނަވާ އެމެރިކާގެ އެންމެ އިސް ޚާރިޖީ ފަރާތް، ޑޭވިޑް ޝެންކާވަނީ ކުރައްވާފައެވެ.