ވިޔަފާރި

ޑަބްލިޔުޓީއެމް ފެއަރ މިއަހަރު އޮންނާނީ ވަރޗުއަލް


ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބައިވެރިވާ އެންމެ ބޮޑު ފެއަރކަމަށްވާ، ވޯލްޑް ޓްރެވަލް މާކެޓް، ޑަބްލިޔުޓީއެމް ފެއަރ މިއަހަރު ވަރޗުއަލްކޮށް ބޭއްވުމަށް ހަމަޖައްސައިފިއެވެ.

ޑަބްލިޔުޓީއެމް ފެއަރގެ 40 އަހަރުގެ ތާރީޙުގައި ފުރަތަމަ ފަހަރަށް މިފެއަރ ވަރޗުއަލްކޮށް ބޭއްވުމަށް ނިންމީ، ކޯވިޑްއާ ގުޅިގެން ދަތުރުފަތުރުކުރުމާއި އެހެނިހެން ކަންކަމަށް ކުރިމަތިވެފައިވާ ދަތިތަކުގެ ސަބަބުންނެވެ.

ލަންޑަންގައި ބާއްވާ ޑަބްލިޔުޓީއެމް ފެއަރ މިއަހަރު ކުރިއަށްދާނީ ނޮވެމްބަރުމަހުގެ 9 ވަނަ ދުވަހުން 11 ވަނަ ދުވަހުގެ ނިޔަލަށްކަމަށް ފެއަރ އިންތިޒާމްކުރާ އިނގިރޭސިވިލާތުގެ ރީޑް އެގްޒިބިޝަންއިން ބުނެއެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުޞަތު ކޮންމެ ދުވަހަކު ހެނދުނު 7:00 އިން ރޭގަނޑު 10:00 އަށް ފެއަރ ކުރިއަށްގެންދާނެކަމަށްވެސް ރީޑްސްއިން ބުނެއެވެ.

މިއަހަރުގެ ފެއަރގައި ލައިވް ކޮންފަރެންސް ސެޝަންސްއާއި ފޯރަމްތައް ބާއްވާއިރު، ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ކުރިމަތިވަމުންދާ މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކުރާނެއެވެ. އަދި ދަތުރުފަތުރުކުރުމާއި ފަތުރުވެރިކަމުގެ ސިނާއަތަށް ލިބިފައިވާ ގެއްލުމުން އަރައިގަތުމަށް މަގުޗާޓެއް އެކުލަވާލުމުގެ މަސައްކަތްކުރާނެކަމަށްވެސް ޑަބްލިޔުޓީއެމް ފެއަރ އިންތިޒާމްކުރާ ރީޑް އެގްޒިބިޝަންއިން މަޢުލޫމާތުދެއެވެ.

އިނގިރޭސިވިލާތުގައި ބާއްވާ ޑަބްލިއުޓީއެމް ފެއާއަކީ ރާއްޖެއިންވެސް ބައިވެރިވާ އެންމެ ބޮޑު އެއް ފެއަރއެވެ. ކޮންމެ އަހަރަކުވެސް ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ގިނަ ކުންފުނިތަކަކުން މިފެއަރގައި ބައިވެރިވެއެވެ.

މިއަހަރުގެ ޑަބްލިޔުޓީއެމް ފެއަރ ވަރޗުއަލްކޮށް ބާއްވަން ނިންމާފައިވާއިރު، ކޯވިޑް-19ގެ ސަބަބުން މިއަހަރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބާއްވާ މިފަދަ ގިނަ ހަރަކާތްތަކެއް ވަނީ އޮންލައިންކޮށް ކުރިއަށްގެންދިއުމަށް ނިންމާފައެވެ.