މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، މީރާއަށް މިދިޔަމަހު 1.71 ބިލިއަން ރުފިޔާ ބަލައިގެންފައިވާކަމަށް އެ އޮތޯރިޓީން ވިދާޅުވެއްޖެއެވެ.
މީރާއަށް މިދިޔަ އޮގަސްޓްމަހު 1.71 ބިލިއަން ރުފިޔާ ބަލައިގެންފައިވާއިރު، މިއީ މިދިޔަ އަހަރުގެ އޮގަސްޓްމަހު މީރާއިން ބަލައިގަތް 862.9 މިލިއަން ރުފިޔާގެ އާމްދަނީއާ އަޅާބަލާއިރު 97.6 އިންސައްތަ އިތުރު އަދަދެއްކަމަށް މީރާއިން ބުނެއެވެ. މީރާއިން ބުނީ މިދިޔަ އޮގަސްޓްމަހު ލިބުނު އާމްދަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު އިތުރުވެފައިވަނީ ގިނަ ޓެކްސްތަކެއްގެ ސުންގަޑި އޮގަސްޓްމަހަށް ލަސްކުރުމުންކަމަށެވެ. އޭގެ ތެރޭގައި ބެންކް ޕްރޮފިޓް ޓެކްސް، ދެވަނަ ކުއާޓަރުގެ ޖީއެސްޓީ ހިމެނެއެވެ.
މީރާއަށް މިދިޔަމަހު 1.71 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނުއިރު، އޭގެ ތެރޭގައި ހިމެނެނީ ޓެކްސްގެ ގޮތުގައި ލިބުނު 1.5 ބިލިއަން ރުފިޔާއާއި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބުނު 142.7 މިލިއަން ރުފިޔާއެވެ. އަދި ޑޮލަރުން ބަލައިގަތް އާމްދަނީ އުޅެނީ 21.67 މިލިއަން ޑޮލަރުގައިކަމަށްވެސް މީރާގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
މިދިޔަމަހު މީރާއިން ބަލައިގަތް އާމްދަނީގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އާމްދަނީން ނަގާ ޓެކްސްއެވެ. އާމްދަނީން ނަގާ ޓެކްސްގެ ގޮތުގައި މިދިޔަމަހު 783 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ ޓެކްސްގެ ގޮތުގައި މީރާއަށް ލިބުނު އާމްދަނީގެ 46 އިންސައްތައެވެ. އަދި ބީޕީޓީގެ ގޮތުގައި 474 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ ޓެކްސް އާމްދަނީގެ 27.8 އިންސައްތައެވެ. ޖީއެސްޓީގެ ގޮތުގައި 293 މިލިއަން ރުފިޔާ ލިބިފައިވާއިރު މިއީ އާމްދަނީގެ 17.2 އިންސައްތައެވެ.
ކޯވިޑްއާ ގުޅިގެން މީރާއިން ދަނީ ވިޔަފާރިވެރިންނާއި ޓެކްސް ދައްކާ ފަރާތްތަކަށް ލުއި ފަސޭޙަ އިންތިޒާމްތަކެއް ހަމަޖައްސަމުންނެވެ. އެގޮތުން މީރާއިން ބަލައިގަންނަ ހުރިހާ ޓެކުހާއި ފައިސާ އޮންލައިންކޮށް ދެއްކޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. ޓެކުހުގެ އިތުރުން މީރާއަށް ބަލައިގަންނަމުންދާ އެހެނިހެން ފައިސާގެ ތެރެއިން އޮންލައިންކޮށް ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިނުވާ ފައިސާވެސް މިހާރު އޮންލައިންކޮށް ދެއްކޭނެ އިންތިޒާމްވެސް ވަނީ ހަމަޖައްސާފައެވެ. މިފަދަ ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ޓެކްސް ފިޔަވައި އެހެނިހެން ފައިސާ ބަލައިގަތުމަށް ޙާއްސަކޮށްފައިވާ މީރާގެ "ވާރުޕޭ" މެދުވެރިކޮށެވެ.