ރާއްޖެއާއި އިންޑިއާ އާއި ދެޤައުމުގެ ދެމެދުގައިވާ ގުޅުމަކީ ހިތާ ހިތުގެ ގުޅުމެއްކަމަށާއި، އެކަން ޤަބޫލު ނުކުރެވިގެން އުޅޭ ބަޔަކީ މިސަރުކާރުން ހިންގަވާ ތަރައްޤީގެ މަޝަރޫޢުތައް ފެނި ހިތްދަތިވާ މީހުންކަމަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ، އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މ. ކޮޅުފުށީގައި މަގުބައްތި ޖެހުމަށް ހިންގި މަޝްރޫއު ނިމުން ފާހަގަކުރުމަށް ވަރޗުއަލްކޮށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ފޮރިން މިނިސްޓަރގެ ވާހަކަފުޅުގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ސަރުކާރު، ކޮޅުފުށީގެ ރައްޔިތުންނަށް ބޭނުންވާ ކަންކަން ކުރުމަށް އިސްކަންދެއްވާކަމަށެވެ. ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ސަރުކާރުން ކުރައްވަމުން ގެންދަވާ ތަރައްގީގެ މަޝްރޫއުތައް ރާއްޖޭގެ ހުރިހާ ސަރަޙާއްދަކުން ފެންނަން އެބަހުރިކަމަށާއި، މުޅި ދުނިޔެ ކޮވިޑްގެ ނުރައްކާތެރި ވަބާގައި އޮތްއިރުވެސް އެއްވެސް މަޝްރޫއަކަށް މަޑުޖެހިލުމެއްނެތި ކުރިއަށްދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ބޮޑެތި ޕްރޮޖެކްޓްތައް ފެށުމަށް ތައްޔާރުވަމުން އަންނަކަމަށާއި، ޚާއްޞަކޮށް އައްޑޫސިޓީގެ މަގުތަކުގެ މަޝްރޫޢުއާއި، އައްޑޫގެ ތަރައްޤީއަށް އަމާޒު ކުރައްވާފއިވާ ޙާއްސަ މަޝްރޫއުތަކުގެ ޢަމލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެކަމަށެވެ. މީގެ އިތުރުން ގްރޭޓާ މާލެ ކަނެކްޓިވިޓީ ބްރިޖް ނުވަތަ، މާލެއާ ވިލިނގިއްޔާ ތިލަފުއްޓާ ގުޅާލާ ބްރިޖު މަޝްރޫޢުވެސް ލަސްތަކެއްނުވެ ފެށޭނެކަމުގެ ޔަޤިންކަން މިނިސްޓަރ ދެއްވިއެވެ.
"މުޅި ދުނިޔެ ކޮވިޑްގެ ނުރައްކާތެރި ވަބާގައި އޮތްއިރުވެސް އެއްވެސް މަޝްރޫއަކަށް މަޑުޖެހިލުމެއްނެތި ކުރިއަށް އެހެރަދަނީ ވަރަށް ހަލުއި ސްޕީޑެއްގަ. އަދި ބޮޑެތި ޕްރޮޖެކްޓްތައް އަންނަނީ ތައްޔާރުވަމުން. ނަގާ ބޮޑުކުރަމުން އަންނަަނީ. އެންމެ ދެކުނުގައި އައްޑޫ އަތޮޅުގެ މަގުތައް އައްޑޫ އަތޮޅުގެ ތަރައްޤީއަށް އަމާޒު ކުރައްވާފއިވާ ޙާއްސަ މަޝްރޫއު، އިރާދަކުރެއްވިއްޔާ ލަހެއްނުވެ އަމަލީ މަސައްކަތްތައް ފެށިގެންދާނެ. ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓްގެ ގޮތުގައި އޮތް، މާލެއާ ވިލިނގިއްޔާ ތިލަފުއްޓާ ގުޅާލެވިގެންދާ ރާއްޖޭގައި ހިނގޭ އެންމެ ބޮޑުއެއް މަޝްރޫއު މިހާރުނަގާ ބޮޑުކޮށްފަވަނީ، އިރާދަކުރެއްވިއްޔާ އެމަސައްކަތްވެސް ލަހެއްނުވެ ފެށިގެންދާނެ." ޢަބްދުﷲ ޝާހިދު ވިދާޅުވިއެވެ.
އިންޑިއާ ސަރުކާރުގެ އެހީގައި ކުރިއަށްގެންދާ ބައެއް މަޝްރޫޢުތަކަށް އަލިއަޅުއްވާލައްވަމުން ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވީ، ރާއްޖޭގައި ކެންސަރުގެ ބައްޔަށް ބެސްކުރާ ފަރާތްތަކުން އުފުލަމުން ގެންދާ ހިތްދަތިކަމަށް ހައްލެއްގެނައުމުގެ ގޮތުން، ހުޅުމާލޭގައި ކެންސަރަށް ޚާއްސަ ކޮށްގެން އަޅާ ހޮސްޕިޓަލްގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށޭނެކަމަށެވެ. އަދި ހދ.ހަނިމާދޫ އެއާރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުއާއި، އެނޫންވެސް ތަރައްޤީގެ އެތައް ކަމެއް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް ޜާއްވަމުން ގެންދަވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރ ޝާހިދު ވަނީ ކުދި އަދި ބިޔަ މަޝްރޫޢުތަކަށް އިންޑިއާ ސަރުކާރުން ދެއްވާ އެހީތެރިކަމަށްޓަކައި އިންޑިއާ ސަރުކާރަށް ޝުކުރު ދަންނަވާފައެވެ.
"ރާއްޖޭގައި ކެންސަރުގެ ބައްޔަށް ބެސްކުރާ ފަރާތްތަކުން އެއުފުލަމުން ގެންދާ ހިތްދަތިކަމަށް ހައްލެއްގެނައުމުގެ ގޮތުން، ހުޅުމާލޭގައި ކެންސަރަށް ޙާއްސަ ކޮށްގެން އަޅާ ހޮސްޕިޓަލެއްގެ މަސައްކަތް އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި ފެށޭ ހިސާބަށް މިހާރު އެވަނީ ގޮއްސަ. ހަނިމާދޫ އެއާރޕޯޓް ހެދެނީ. އަދި މި ނޫންވެސް ތަރައްޤީގެ އެތައް އެތައް ކަމެއް މެދުނުކެނޑި ކުރިއަށް ގެންދެވުމުގެ ރޭވުންތައް ރޭވިގެން މިަދަނީ. މި ފުރުސަތުގައި، މިފަދަ ބޮޑެތި މަޝްރޫއުތަކާ، މިއަދު މިނިމުނުފަދަ ކުދިކުދި މަޝްރޫޢުތަކަށްވެސް އިންޑިއާގެ ސަރުކާރުން އެދެއްވާ އެހީތެރިކަމަށްޓަކައި އިންޑިއާގެ ބޮޑު ވަޒީރަށާއި، އިންޑިއާ ސަރުކާރުގެ ވެރީންނަށް، ޙާއްސަގޮތެއްގައި ޙާރިޖީ ވަޒީރު، ޑރ. ޖައެޝަންކަރު، އަޅުގަނޑު އިޙްލާސްތެރި ޝުކުރެއް ދަންނަވަން. އަދި އިންޑިއާއިން ރާއްޖޭގައި މިހުންނަވާ ސަފީރާ އެމަނިކުފާނުގެ އަރިހުގައި މަސައްކަތް ކުރައްވާ ހީވާގި ޓީމަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން." ޢަބްދުﷲ ޝާހިދު ވިދާޅުވިއެވެ.
މިނިސްޓަރގެ ވާހަކަފުޅު ނިންމަވާލައްވަމުން ވަނީ އިންޑިއާއާއި ރާއްޖޭގެ ގުޅުމަކީ ދެ ޤައުމުގެ ރައްޔިތުންގެ މެދުގަ އޮތް ހިތާ ހިތުގެ ގުޅުމެއްކަމަށް ސިފަކުރައްވާފައެވެ. އެކަން މިސަރުކާރުން ޤަބޫލު ކުރަކަމަށާއި، އެކަން ޤަބޫލު ނުކުރެވިގެން އުޅޭ ބަޔަކީ މިސަރުކާރުން ހިންގަވާ ތަރައްޤީގެ މަޝަރޫޢުތައް ފެނި އެކަމަށް ހިތްދަތިވާ މީހުންކަމަށްވެސް ވިދާޅުވިއެވެ. އެމީހުން ދައްކާ ވާހަކައަކަށް ބަލާކަށް ނުތިބޭނެކަމަށާއި، މި ސަރުކާރުން ކުރަމުން ގެންދާނީ ރާއްޖޭގެ ރައްޔިތުންނަށް ފައިދާހުރި މަސައްކަތްތައްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
"އިންޑިއާ އާއި ރާއްޖެއާ މިއޮތް ގުުޅުމަކީ ޙާއްސަ ގުޅުމެއް. މި ގުޅުމަކީ ދެ ޤައުމުގެ ރައްޔިތުންގެ މެދުގަ އޮތް ގުޅުމެއް. ދެ ޤައުމުގެ ރައްޔިތުންގެ ހިތާ ހިތާ ގުޅިފަ އޮތް ގުޅުމެއް. އެކަން އަޅުގަނޑުމެން ޤަބޫލު ކުރަން. އެކަން ޤަބޫލު ނުކުރެވިގެން އުޅޭ ބަޔަކީ މިސަރުކާރުން ހިންގަވާ ތަރައްޤީގެ މަޝަރޫޢުތަކަށް، އެތަންތަން ފެނި އެކަމަށް ހިތްދަތިވާ ފަރާތްތައް. އެކަން މިއަދުގެ ޒަމާނީ އިބާރާތުން ދަންނަވާކަމަށްވަންޏާ، ހަޖަމް ނުކުރެވޭ ފަރާތްތައް." ޢަބްދުﷲ ޝާހިދު ވިދާޅުވިއެވެ.
މިނިސްޓަރ ޝާހިދުގެ ވާހަކަފުޅުގައި ވަނީ ރާއްޖޭގެ ރައްޔިތުންގެ ތަރައްޤީއަށް ކުރަންޖެހޭ ކޮންމެ ކަމެއް ސަރުކާރުން ކުރައްވާނެކަމުގެ ޔަޤީންކަންދެއްވާފައެވެ.