ކުޅިވަރު

ސުޕަ ޔުނައިޓެޑް ސްޕޯޓްސްގެ ކޯޗަކަށް ނާޝިދު ހަމަޖައްސައިފި


ކުރިއަށް އޮތް ސީޒަނަށް ފުރަތަމަ ޑިވިޝަނަށް އަލަށް ޕްރޮމޯޓްވި ސުޕަ ޔުނައިޓެޑް ސްޕޯޓްސްގެ ކޯޗަކަށް ތަކުރިބާކާރު ކޯޗު އަޙުމަދު ނާޝިދު ހަމަޖައްސައިފިއެވެ.

ސުޕަ ޔުނައިޓެޑް ސްޕޯޓްސްގެ ކޯޗަކަށް ނާޝިދު ހަމަޖެއްސީ އެއް އަހަރުގެ ކޮންޓްރެކްޓެއްގެ ދަށުންނެވެ.

މި ސީޒަންގެ ފުރަތަމަ ޑިވިޝަންގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް ވާދަކުރަނީ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ރަނަރަޕް ޓީމުގެ ހައިސިއްޔަތުންނެވެ. ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދައިގެން ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވީ ކުރިންވެސް ފުރަތަމަ ޑިވިޝަންގައި ކުޅެފައިވާ ކްލަބް ވެލެންސިއާއެވެ.

ނާޝިދުގެ ކޯޗް ކަމުގެ ދަށުން، ޤައުމީ އަންހެން ފުޓްބޯޅަ ޓީމުން ވަނީ މިދިޔަ ޑިސެމްބަރު މަހު ނޭޕާލްގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްއިން ބްރޯންޒް މެޑަލް ހޯދާފައެވެ. ފުރަތަމަ ޑިވިޝަންގައި ކުރިން ވިކްޓަރީ އާއި އޭވައިއެލްއަށް ކޯޗްކޮށްދިން ނާޝިދު ވަނީ އެއް އަހަރު ތެރޭ ދެ ޑިވިޝަންގެ ޗެމްޕިއަންކަން ދެ ޓީމަކަށް ހޯދައިދީފައެވެ. ދެހާސް ސަތާރަ ވަނަ އަހަރު ކުރީކޮޅު އޭނާ ވަނީ ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ޒެފްރޯލްއަށް ހޯދައިދީފައެވެ. އަދި އެ އަހަރު ފަހު ކޮޅު ތިން ވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ދިވެހި ސިފައިންގެ ކުލަބަށް ހޯދައިދިނެވެ.

ނާދުގެ އިތުރުން ދެން ސަސްގެ ކޯޗިން ޓީމުގައި ހިމެނެނީ ޒުވާން ގައުމީ ޓީމުތަކާއި ފުރަތަމަ ޑިވިޝަނުގެ ބައެއް ކްލަބްތަކުގައި މަސައްކަތްކުރި ޒުވާން ކޯޗު ފަރީދު މުހައްމަދެއެވެ. ގޯލްކީޕަރު ޓްރެއިނަރަކީ ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރި ހަސަން ހަމީދުއެވެ.