ދުނިޔެ

އަފްޣާނިސްތާނުގައި ސުލްޙަ ޤާއިމްކުރުމާގުޅޭ މަޝްވަރާތައް ފަށައިފި


އަފްޣާނިސްތާނުގައި ހިންގަމުންދާ ހަމަނުޖެހުންތަކާއި ލޭ އޮހޮރުވުންތައް ހުއްޓުމަކަށް ގެނެސް އެ ޤައުމުގައި ސުލްޙާ ޤާއިމްކުރުމާގުޅޭ ތާރީޚީ މަޝްވަރާތައް ޤަތަރުގެ ދައުހާގައި ފަށައިފިއެވެ. ހަނގުރާމަކުރާތާ ގިނަ އަހަރުތަކަކަށްފަހު އަފްޣާނިސްތާނުގައި ސުލްޙަ ޤާއިމްކުރުމާގުޅޭ މަޝްވަރާތައް ފަށައިފައިވަނީ 2001ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 11ވަނަ ދުވަހު އެމެރިކާއަށް ދިން ނިރުބަވެރި ޙަމަލާއަށް 19 އަހަރު ފުރުމުގެ އެއް ދުވަސް ފަހުންނެވެ. އެ ޙާދިޘާއަށްފަހު އެމެރިކާގެ އަސްކަރިއްޔާއިންވަނީ އަފްޣާނިސްތާނުގައި ޙަރަކާތްތެރިވާން ފަށައިފައެވެ.

ފާއިތުވި 20 އަހަރު އަފްޣާނިސްތާނުގައި ކުރަމުންދާ ހަނގުރާމައިގައި އެތައް ހާސް އާންމުންނާއި ހަނގުރާމަވެރިންވަނީ މަރުވެފައެވެ. މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައި އަފްޣާނިސްތާނުގައި ޙާރަކާތްތެރިވާ ހަނގުރާމަވެރި ޖަމާޢަތް ޠާލިބާނުންނާއި އެމެރިކާއާ ދެމެދުވަނީ އަފްޣާނިސްތާނުގައި ޞުލްޙަ ޤާއިމުކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެއްބަސްވުމުގެ ދަށުން އަފްޣާނިސްތާނުގައި ތިބި އެމެރިކާގެ ސިފައިން އަނބުރާ އެމެރިކާއަށް ގެންދިއުމަށާއި ޠާލިބާނުންނާއި އަފްޣާނިސްތާނުގެ ސަރުކާރާދެމެދު ސުލްޙައިގެ ވާހަކަތައް ފެށުމަށްވަނީ އެއްބަސްވެފައެވެ.

މަޝްވަރާތައް ފެށުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ދުނިޔޭގެ ޤައުމުތަކުންވަނީ ވަގުތުން ވަގުތަށް ޙަމަލާ ބަދަލުކުރުން ހުއްޓާލާ ސުލްޙަ ޤާއިމްކުރުމަށް ހަނގުރާމަކުރަމުންދާ ދެ ފަރާތަށް ގޮވާލައިފައެވެ. އަދި މަޝްވަރާތަކުގައި އަންހެނުންގެ ހައްޤުތައް ރައްކާތެރިކޮށްދޭފަދަ އެއްބަސްވުމަކާހަމައަށް ވާޞިލްވުމަށްވެސް ޤައުމުތަކުންވަނީ ހިތްވަރު ދީފައެވެ.

އަފްޣާނިސްތާނުގެ ޕީސް ކައުންސިލްގެ އިސްވެރިޔާ އަބްދުﷲ އަބްދުﷲ ވިދާޅުވީ މަޝްވަރާތަކުގައި ހުރިހާ މައްސަލަތަކާއި ގުޅޭ ގޮތުން ދެ ފަރާތަށް އެއްބަސް ނުވެވުނުނަމަވެސް ދެ ފަރާތުންވެސް ދޫދީ އެދެވޭ ޙައްލެއް ހޯދުމަށް މަސައްކަތްކުރަންވާނެކަމަށެވެ. އޭނާ ވިދާޅުވީ ޕީސް ކައުންސިލުގެ ވަފުދު ދައުހާގައި ޙާރަކާތްތެރިވަމުންދަނީ އަފްޣާނިސްތާނުގެ އެތައް މިލިއަން ރައްޔިތުންނެއް ތާއީދުކުރާ ސިޔާސީ ނިޒާމެއް ތަމްސީލުކުރުމަށްކަމަށެވެ.

ޠާލިބާނުގެ އިސްވެރިޔާ މުއްލާ ބަރާދަރު އަޚުންދު ބުނީ އަފްޣާނިސްތާނުގައި އިސްލާމީ ނިޒާމެއް އޮތުން މުހިންމުކަމަށާއި ހުރިހާ ގަބީލާއަކާއި ނަސްލެއްގެ މީހުންނަށްވެސް އެއްވެސް ތަފާތުކުރުމެއްނެތި އަޚުވަންތަކަމާ ލޯތްބާއެކު ދިރިއުޅުމުގެ ހައްޤު ލިބެންޖެހޭކަމަށް ޠާލިބާނުން ޤަބޫލުކުރާކަމަށެވެ.

އަފްޣާނިސްތާނުގައި ސުލްޙަ ޤާއިމްކުރުމުގެ މަސައްކަތް ކާމިޔާބުކުރުމަށް އެންމެ ބޮޑަށް މަސައްކަތްކުރަމުންދާ އެމެރިކާއިން ބުނީ އެއްބަސްވުމަކާއި ހަމައަށް ވާޞިލްވުމަށް ހިތްވަރުދިނުމުގެ ގޮތުން އަފްޣާނިސްތާނަށް މާލީ އަދި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށް އޮތްކަމަށެވެ. އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮންޕެއޯވަނީ ފުރުޞަތުގެ ބޭނުންކޮށް ރަނގަޅު އެއްބަސްވުމަކާހަމައަށް އައުމަށް ދެ ފަރާތަށްވެސް ގޮވާލައްވައިފައެވެ.

މަޝްވަރާތަކުގައި ގޮންޖެހުންތަކާ ކުރިމަތިވާނެކަން ހަނދުމަކޮށްދެއްވަމުން ޕޮންޕެއޯ ވިދާޅުވީ އަފްޣާނިސްތާނުގެ ސިޔާސީ ނިޒާމު ހަރުދަނާކުރުމުގެ އިޚްތިޔާރު އޮތީ އަފްޣާނިސްތާނުގެ އަތްމަތީގައި ކަމަށާއި އެތައް އަހަރެއްވަންދެން އަފްޣާނިސްތާނުގައި ހިންގަމުންދާ ހަމަނުޖެހުންތަކާއި ލޭއޮހޮރުވުންތައް ނިމުމަކަށް ގެނެވޭނީ ޤައުމުގެ ރައްޔިތުންގެ ހައްޤުތައް ރައްކާތެރިކޮށްދީގެންކަމަށެވެ. ޕޮންޕެއޯވަނީ ކުރިއަށްއޮތް ތަނުގައި އެމެރިކާގެ ފަރާތުން އަފްޣާނިސްތާނަށް ފޯރުކޮށްދޭ އެހީތެރިކަން ބަރޯސާވަނީ އަފްޣާނިސްތާނުގެ ނިންމުންތަކާއި ޢަމަލުތަކުގެ މައްޗަށް ކަމަށް ވިދާޅުވެފައެވެ. އޭގެ އިތުރުން އެމެރިކާއިން އަފްޣާނިސްތާނަށް ކަނޑައަޅާފައި ހުންނަވާ ޚާއްޞަ މަންދޫބު ޒަލްމޭ ޚާލީލްޒާދީވަނީ ނިރުބަވެރިކަން ނައްތާލުމަކީ އެމެރިކާގެ މައި ޝަރުތެއްކަމަށް ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވެފައެވެ. މައިނޯރިޓީއާއި އަންހެނުންގެ ހައްޤުތައް ރައްކާތެރިކުރާ މިންވަރަކީވެސް އެމެރިކާއިން ފޯރުކޮށްދޭ އެހީތެރިކަމުގެ މިންވަރަށް އަސަރުކުރާނެކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

ކަމާބެހޭ މާހިރުންނާއި މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނީ ހަނގުރާމަކުރަމުންދާ ދެ ފަރާތް އެއް މޭޒެއްގެ ދޮށުގައި މަޝްވަރާކުރުމަކީ ބޮޑު ކާމިޔާބީ އެއްކަމަށެވެ. ނަމަވެސް ސުލްޙައާ ހަމައަށް ވާސިލްވުމަށް ކުރާ މަސައްކަތް ފަސޭހަވާނެކަމަށް ޤަބޫލުނުކުރެވޭކަމަށާއި ގޮންޖެހުން ކުރިމަތިވާނެކަމަށެވެ.

ޙަމަލާބަދަލުކުރުން ހުއްޓާލުމުގެ ޝަރުތުތައް

މަޝްވަރާތައް ފެށުމުގެ ރަސްމިއްޔާތަށްފަހު އަފްގާނިސްތާނުގެ ސަރުކާރާއި ޠާލިބާނުގެ މަންދޫބުންވަނީ މަޝްވަރާތައް ކުރިއަށް ގެންދާނެގޮތަކާމެދު ވާހަކަދެއްކުމަށް ބައްދަލުކޮށްފައެވެ.

އަބްދުﷲ އަބްދުﷲ ވިދާޅުވީ ހަމަނުޖެހުމާއި ލޭއޮހޮރުވުން މަދުކޮށް ޙަމަލާބަދަލުކުރުން ދާއިމީ ގޮތަކަށް ހުއްޓާލުމަށް ކުރެވިދާނެ ކަންކަމަކީ އެންމެ ފުރަތަމަ މަޝްވަރާކުރާނެ މައުޟޫތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަމަށެވެ. އޭގެ އިތުރުން ސަރުކާރު ހިންގުމުގައި ޠާލިބާނުން ބައިވެރިކުރާނެގޮތަކާއި މީގެ ކުރިން ޠަލިބާނުންގެ ސަބަބުން ގިނަ ގޮންޖެހުންތަކާއި ކުރިމަތިލާފައިވާ އަންހެނުންނާއި މައިނޯރިޓީއިންގެ ހައްޤު ރައްކާތެރިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮންޕެއޯ ވަނީ އަފްޣަނިސްތާނުގެ ވަފުދުގައި އަންހެން ހަތަރު ބޭކަނބަލުން ހިމެނޭކަން ފާހަގަކުރައްވާ، އެއީ އާންމު ދިރިއުޅުމުގައި ބައިވެރިވުމުގައި އަފްޣާނިސްތާނުގައި އަންހެނުންނަށް ލިބިފައިވާ ކުރިއެތުންތަކުގެ ހެއްކެއްކަމަށް ސިފަކުރައްވާފައެވެ. އޭނާވަނީ އިޖުތިމާޢީ ހައްޤުތައް އެންމެންނަށްވެސް ޔަޤީންކޮށްދިނުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. ނަމަވެސް ޠާލިބާނުންގެ ވަފުދުގައި އެއްވެސް އަންހެނަކު ނެތްކަން ފާހަގަކޮށް ގިނަ ބަޔަކުވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.