ޚަބަރު

"މަދަހަ ރަންއަޑު"ގެ އެއްވަނަ އާމިނަތު ރާޔާ އަޝްރަފު ހޯދައިފި


ފުރަތަމަ ފަހަރަށް ވަރޗުއަލްކޮށް ކުރިއަށްގެންދިޔަ މަދަހަ މުބާރާތް، މޯލްޑިވްސް މިއުޒިކް އެންޑް އަރޓްސް ސެންޓަރުގެ "މަދަހަ ރަން އަޑު"ގެ އެއްވަނަ އާމިނަތު ރާޔާ އަޝްރަފު ހޯދައިފިއެވެ. މުބާރާތުގެ ވަނަތައް އިޢުލާންކޮށްފައިވަނީ ވަރޗއަލްކޮށް ބޭއްވި ޙަފްލާއެއްގައެވެ.

ޕީއެސްއެމްއާއި މޯލްޑިވްސް މިއުޒިކް އެންޑް އަރޓްސް ސެންޓަރު ގުޅިގެން ކުރިއަށްގެންދިޔަ "މަދަހަ ރަަން އަޑު" މުބާރާތުގައި 18އަހަރުން ދަށުގައި 6ކެޓަގަރީއަކުން ބައިވެރިން މަދަހަ ހުށައަޅާފައިވެއެވެ. މުޅި މުބާރާތުގެ އެއްވަނަ ޙާސިލްކުރި އާމިނަތު ރާޔާ އަޝްރަފްވަނީ ސީނިއާ ގްރޫޕްގެ 1ވަނަ އާއި، 19އަހަރުން ދަށުގެ އެންމެ މޮޅު މަދަހަކިޔުންތެރިޔާގެ ވަނަވެސް ޙާސިލްކޮށްފައެވެ.

މުޅި މުބާރާތުން ދެވަނަ ޙާސިލްކޮށްފައިވަނީ މުޝާތު މުސްތާޤްއެވެ. އަދި ތިންވަނަ ޙާސިލްކޮށްފައިވަނީ ޢާއިޝަތު ޖޫނީ ޖިނާހުއެވެ.

މުބާރާތުގައި ވާދަކޮށްފައިވާ ކެޓަގަރީތަކަކީ 19އަހަރުން ދަށް، 16އަހަރުން ދަށް، 13އަހަރުން ދަށް، 9އަހަރުން ދަށް އަދި 6އަހަރުން ދަށުގެ ކެޓަގަރީއެވެ. މިއިން ކޮންމެ ކެޓަގަރީއަކުން އެއްވަނަ ދެވަނަ އަދި ތިންވަނަވަނީ ހޮވާފައެވެ. އަދި މުޅި މުބާރާތުގެ ސީނިއަރ ގްރޫޕާއި ޖޫނިއާ ގްރޫޕް، ޅެންވެރިކަމުގެ ސީނިއަރ، ޖޫނިއަރ ގްރޫޕް އަދި އަމިއްލަ ރާގާއި ބެލުންތެރިންގެ އެންމެ މަޤުބޫލު މަދަހަވެސްވަނީ ހޮވާފައެވެ. މި ކެޓަގަރީގައި އަތޮޅު ފެންވަރާއި ރަށު ފެންވަރުގައި ފާހަގަކޮއްލެވޭ ހުށަހެޅުންތަކަށްވަނީ ވަނަ ދީފައެވެ.

އަތޮޅު ފެންވަރުގައި ބެލުންތެރިންގެ އެންމެ މަޤުބޫލު މަދަހަ ހުށައަޅުންތެރިއަކީ ކ.އަތޮޅުން ޒުވައިލް އަލީ ތާރިޤެވެ. އަދި ރަށު ފެންވަރުގައި ބެލުންތެރިންގެ އެންމެ މަޤުބޫލު މަދަހަ ހުށައަޅައިދީފައިވަނީ ގއ.ވިލިންގިލިން އާއިޝަތު ޝުބާ ޝާހެވެ. މުޅި މުބާރާތުގެ އެންމެ މޮޅު އަމިއްލަ ރާގަކަށް ހޮވިފައިވަނީ ލައިބާ އަޙްމަދު މަޙުލޫފު ހުށައަޅައިދިން މަދަހައިގެ ރާގެވެ.

މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ މަދަހަ މުބާރާތުގައި ހުށައަޅައިދިން %70މަދަހައަކީ އަތޮޅުތަކުގެ އެކި ރަށްތަކުން ހުށައަޅާފައިވާ މަދަހައެވެ. މުބާރާތުގައި 5ފަނޑިޔާރަކުވަނީ ފަނޑިޔާރުކަންކޮށްދީފައެވެ. ވަރޗުއަލްކޮށް ކުރިއަށްގެންދިޔަ މުބާތާރަކަށްވުމުން، ބައިވެރިވުމުގެ ފުރުސަތު ވަރަށް ބޮޑަށް ލިބިގެން ދިޔަކަން މުބާރާތް އިންތިޒާމްކުރި މޯލްޑިވްސް މިއުޒިކް އެންޑް އަރޓްސް ސެންޓަރާއި ޕީއެސްއެމްއިން ފާހަގަކުރެއެވެ. މި މުބާރާތުގެ މަދަހަތައް ޕީއެސްއެމްގެ މުންނާރު ޗެނަލުންވަނީ ދައްކާފައެވެ.