ޚަބަރު

ޔޫއޭއީގައި ކޯވިޑް-19 ޖެހޭ މީހުންގެ އަދަދު ފަސްގުނަ އިތުރުވެއްޖެ


ފާއިތުވި އެއް މަސް ދުވަހުގެ ތެރޭގައި ދުވާލެއްގެ މައްޗަށް ކޯވިޑް-19ޖެހޭ މީހުންގެ ޢަދަދު ޔޫއޭއީގައި ފަސްގުނަ އިތުރުވެއްޖެއެވެ.

ޔޫއޭއީގައި މިހާތަނަށް 76،911 މީހުންނަށް ކޯވިޑް-19ޖެހި 398 މިހުންވަނީ މަރުވެފައެވެ. މިދިޔަ މަހުގެ 10ވަނަ ދުވަހު ދުވާލެއްގެ މައްޗަށް ބަލިޖެހޭ މީހުންގެ އަދަދުހުރީ 179ގައެވެ. ނަމަވެސް ސެޕްޓެމްބަރު މަހުގެ 10ވަނަ ދުވަހު 930 މީހުންނަށް އެ ޤައުމުގައިވަނީ ބަލިޖެހިފައެވެ.

އެމިރޭޓްސްގެ ޞިއްޙަތާބެހޭ ދާއިރާގެ ތަރުޖަމާނު ފަރީދާ އަލްހުސައިނީ ވިދާވީ އެންމެ ފަހުގެ އަދަދުތަކަކީ ފާއިތުވި ހަތަރު މަސް ދުވަހުގެ ތެރޭގައި ދުވާލެއްގެ މައްޗަށް ބަލިޖެހޭ މީހުންގެ އަދަދު އެންމެ އިތުރުވެފައިވާ މިންވަރުކަމަށެވެ. ބަލިފެތުރުން ހުއްޓުވުމަށް މީގެ ކުރިން އެ ޤައުމުގައި އަޅާފައިވާ ފިޔަވަޅުތަކަށް ޢަމަލުނުކުރާ މީހުންނާމެދު ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އޭނާ ދެއްވިއެވެ.

ޔޫއޭއީއަށް އެތެރެވުމުގެ ހުއްދަ ދިނުމަށް އެ ޤައުމުގެ ސަރުކާރުން ކަނޑައަޅާފައިވާ ޝަރުތުތަކުގެ ތެރޭގައި ބޭރު ޤައުމުތަކުން ދަތުރުކުރާ މީހުން ފުރުމުގެ ކުރިން ކޯވިޑް-19އަށް ތަހުލީލުކޮށް ބަލި ޖެހިފައި ނުވާކަން ޔަޤީންކުރުން ހިމެނެއެވެ. ނަމަވެސް ހުސައިނީ ވިދާޅުވީ ބަލިޖެހިފައިވާ މީހުންގެ ތެރެއިން 12 އިންސައްތަ މީހުންނަކީ ބޭރު ޤައުމުތަކުން ޔޫއޭއީއަށް އެނބުރި އަންނަ މީހުންކަމަށެވެ. ދެން ބަލިޖެހޭ މީހުންގެ ތެރެއިން ގިނަ މީހުންނަކީ ގިނަ މީހުން އެއްވެ އުޅޭ ތަންތަނަށް ގޮސް އުޅޭ މީހުންނާއި މަސައްކަތުގެ މާހައުލުންނާއި އެހެނިހެން އިޖުތިމާޢީ އެއްވުންތަކުގެ ޒަރިއްޔާއިން ބަލި ޖެހިފައިވާ މީހުންކަމަށް އޭނާ ވިދާޅުވިއެވެ. ހުސައިނީ ވިދާޅުވީ ބަލިފެތުރޭ މިންވަރު އިތުރުވެފައިވާ މައިގަނޑު ސަބަބަކީ އިޖުތިމާޢީ ގައިދުރުކަން ބެހެއްޓުމާއި މާސްކު އެޅުންފަދަ ޤަވާއިދުތަކަށް ޢަމަލުނުކޮށް، ގިނަ މީހުން އެއްފަހަރާ އެއްވެ އުޅުންކަމަށެވެ.

ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް މިދިޔަ މާރިޗު މަހުގެ ތެރޭގައި ޔޫއޭއީވަނީ ފުރަބަންދުކޮށްފައެވެ. ނަމަވެސް ގިނަ ސަރަޙައްދުތަކުގައި އަޅާފައިވާ ފިޔަވަޅުތަކަށް މިހާރުވަނީ ލުއިދީފައެވެ. ޑުބާއީގައި ވިޔަފާރި އަދި ފަތުރުވެރިކަމުގެ ޚިދުމަތްތައްދަނީ ވަރަށް ފުޅާކޮށް ފޯރުކޮށްދެމުންނެވެ.