ނޫސްވެރިންގެ އަގު ވަޒަންކުރުމުގެ ގޮތުން މޯލްޑިވްސް މީޑިއާ ކައުންސިލުން ކޮންމެ އަހަރަކު ދެމުން އަންނަ ދޭ ނޫސްވެރިކަމުގެ އިނާމަށްް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެ ކައުންސިލުން ބުނީ މިމަހުގެ 10 އިން ފެށިގެން މިމަހުގެ 24ގެ ނިޔަލަށް މި ފުރުސަތު ހުޅުވާލާފައިވާކަމަށެވެ. މިފަހަރުގެ އިނާމަށް އެމްއެމްސީން ހުޅުވާލާފައިވަނީ އަލަށް ދެ ދާއިރާއަކުން އިނާމު އިތުރުކުރުމަށްފަހުއެވެ. މި ފަހަރުގެ އެވޯޑަށް އަލަށް އިތުރުކޮށްފައިވަނީ ތަޙްޤީގީ ނޫސްވެރިކަން ( އިންވެސްޓިގޭޓިވް ޖާރނަލިޒަމް ) އާއި ތިމާވެއްޓާއި ދެމެހެއްޓެނެވި ތަރައްޤީ މި ދެ ދާއިރާއެވެ. މީގެއިތުރުންވެސް 9 ދައިރާއަކުން ނޫސްވެރިންނަށް އިނާމު ދިނުމަށް އެމްއެމްސީން ވަނީ ނިންމާފައެވެ.
- ތަޙްޤީގީ ނޫސްވެރިކަން ( އިންވެސްޓިގޭޓިވް ޖާރނަލިޒަމް )
- އިޖުތިމާއީ، ތާރީޚާއި ސަޤާފަތް، ފަންނުވެރިކަން
- ތިމާވެއްޓާއި ދެމެހެއްޓެނެވި ތަރައްޤީ
- ސިޔާސީ
- ޝަރުއީ އަދި ޤާނޫނީ
- ވިޔަފާރިއާއި އިޤުތިޞާދު
- ކުޅިވަރު
- ފޮޓޯ ޖާރނަލިޒަމް
- ވީޑިއޯ ޖާރނަލިޒަމް
- ފީޗަރ / ރިޕޯޓް
- އެންމެ އުންމީދީ ނޫސްވެރިޔާގެ އިނާމު
މީޑިއާ ކައުންސިލުން ބުނީ އިނާމްތަކަށް ނަން ހުށައަޅާނީ އެކަމަށް އެ ކައުންސިލުން ހާއްސަކޮސްފައިވާ ފޯމުންނެވެ. މި ފޯމާއި، މާކްސް ދިނުމުގައި ބަލާނެ މިންގަނޑުތަކާއި ނޫސްވެރިކަމުގެ އިނާމު ދިނުމުގެ އުސޫލު" އެމްއެމްސީން ވަނީ އާއްމުކޮށްފައެވެ.
އެމްއެމްސީން ބުނީ އެހެން އަހަރުތަކުގައި އިނާމަށް ހުށައެޅުމުގެ ފުރުސަތު އިތުރުކޮށްދިން ނަމަވެސް މި އަހަރު މި މުއްދަތު އެހެން އަހަރު ތަކެކޭ އެއްގޮތަށް އިތުރު ނުކުރެވޭނެކަމަށެވެ.
ނޫސްވެރިންގެ އަގު ވަޒަންކުރުމުގެ ގޮތުން 2014 ވަނަ އަހަރުން ފެށިގެން މޯލްޑިވްސް މީޑިއާ ކައުންސިލުން އަންނަނީ ނޫސްވެރިކަމުގެ އިނާމް ދެމުންނެވެ.