ޚަބަރު

ޙާލަތު ގޯސްވެ އިންޑިނޭޝިޔާގެ ޖަކާޓާ އަލުން ފުރަބަންދުކޮށްފި


އިންޑޮނޭޝިޔާގައި ކޯވިޑް-19 ފެތުރޭ މިންވަރު އިތުރުވުމުގެ ސަބަބުން އެ ޤައުމުގެ ވެރިކަންކުރާ ޖަކާޓާ އަނެއްކާވެސް ފުރަބަންދކޮށްފިއެވެ.

މިދިޔަ މާރިޗު މަހުން ފެށިގެން އިންޑޮނޭޝިޔާގައި މިހާތަނަށް 203،342 އަށް ކޯވިޑް-19ޖެހި 8،336 މީހުންވަނީ މަރުވެފައެވެ. މިދިޔަ އޭޕްރިލް މަހުގެ 10ވަނަ ދުވަހު އެ ޤައުމުގައިވަނީ ލުއި ފުރަބަންދެއް އިޢުލާނުކޮށްފައެވެ. އެއަށްފަހު ޖޫން މަހުގެ ތެރޭގައި ފިޔަވަޅުތައް ހަރުކަށިކޮށް އިޖުތިމާޢީ ގައިދުރުކަމުގެ ފިޔަވަޅުތައްވަނީ އިތުރުކޮށްފައެވެ. ވިޔަފާރިތައް ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވަންފެށީ ބަލިފެތުރޭ މިންވަރު ދަށަށްދާން ފެށުމުންނެވެ. ނަމަވެސް ފާއިތުވި ދުވަސްތަކުގައި ބަލިޖެހޭ މީހުންގެ ޢަދަދު އަނެއްކާވެސް އިތުރުވެ ޖަކާޓާގައި ދުވާލަކު 1000އަށްވުރެ ގިނަ މީހުންނަށްދަނީ ބަލިޖެހެމުންނެވެ. މިހާތަނަނަށް 49،397 މީހުންނަށް ޖަކާޓާގައިވަނީ ބަލިޖެހިފައެވެ.

ޖަކާޓާގެ ގަވަރުނަރު އަނީސް ބަސްވެދަން ވިދާޅުވީ ސެޕްޓެމްބަރު މަހުގެ 9ވަނަ ދުވަހުން ފެށިގެން އެ ސިޓީ އަލުން ފުރަބަންދުކުރަން ނިންމާފައިވާކަމަށެވެ. އޭނާ ވިދާޅުވީ އެގޮތަށް ޢަމަލުކުރުމަށް ސަރުކާރުން ނިންމީ ބަލީގައި މަރުވާ މީހުންގެ ޢަދަދު އިތުރުވަމުންދާތީ ކަމަށާއި ކޯވިޑް-19 ޖެހިފައިވާ މީހުންނަށް ފަރުވާ ދޭން ބޭނުންކުރާނެ އައިސޮލޭޝަން މަރުކަޒުތަކާއި އައިސީޔޫ އެނދު މަދުވުމުގެ ސަބަބުން ކަމަށެވެ.

އޮގަސްޓު މަހުގެ މެދުތެރެއިން ފެށިގެން ޖަކާޓާގައި މަރުވާ މީހުންގެ ޢަދަދު އިތުރުވަމުންދާކަމަށް ފާހަގަކުރައްވާ ބަސްވެދަން ވިދާޅުވީ ޖަކާޓާގައި ހުރީ 4،053 އައިސޮލޭޝަން އެނދުކަމަށާއި އޭގެ ތެރެއިން 77 އިންސައްތަ އެނދު މިހާރުވެސްދަނީ ބޭނުންކުރަމުންކަމަށެވެ. ރައްކާތެރިކަމުގެ އިތުރު ފިޔަވަޅުތައް ނާޅައިފިނަމަ ސެޕްޓެމްބަރު މަހުގެ 17ވަނަ ދުވަހާހަމައަށް ބާކީ ހުރި އެނދުތައް ފުރޭނެކަމަށް އޭނާ ވިދާޅުވިއެވެ. ހަމަ އެއާއެކު އައިސީޔޫގެ 528 އެނދުވެސް ސެޕްޓްމްބަރު މަހުގެ 15ވަނަ ދުވަހުގެ ކުރިން ހުސްވުން އެކަށީގެންވާކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން މީހުން މަރުވާ ނިޞްބަތާއި އައިސޮލޭޝަން އެނދާއި އައިސީޔޫގެ އެނދު ލިބެންހުރި މިންވަރުގެ މައްޗަށް ބެލުމުން ޖަކާޓާގެ ޙާލަތު ވަރަށް ގޯސްވެފައިވާކަން ދޭހަވާކަމަށް އޭނާ ވިދާޅުވިއެވެ. ގަވަރުނަރު ބަސްވެދަން ވިދާޅުވީ ޤައުމުގެ ޞިއްޙީ ޙާލަތު ހަމައަކަށް ނޭޅެނިސް އިޤްތިޞާދީ ޙަރަކާތްތައް އަލުން ނުފެށުމަށް ޤައުމުގެ ރައީސް އިރުޝާދުދެއްވާފައިވާކަމަށާއި އެންމެ ބޮޑު އަހަމިއްޔަތުކަމެއް ރައީސް ދެއްވަނީ ޤައުމުގެ ޞިއްޙީ ޙާލަތަށްކަމަށެވެ. ޤައުމުގެ ޙާލަތު ބަލި ފުރަތަމަ ފެތުރެންފެށި އިރަށްވުރެ ގޯސްވެ ކުއްލި ޙާލަތުގައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ޖަކާޓާގައި އަލުން އަޅާ ފިޔަވަޅުތަކުގެ ތެރޭގައި ގޭގައި މަސައްކަތްކުރުމާއި ކިޔެވުމާއި އަޅުކަންކުރުން ހިމެނެއެވެ. އަދި ކޮންމެހެން ބޭނުންވާ ޚިދުމަތްތައް ނޫން ޚިދުމަތްދޭ ވިޔަފާރިތަކުންވެސް ދެން މަސައްކަތްކުރަން ޖެހޭނީ ގެއިންނެވެ. ވިޔަފާރިކުރާ މަރުޒަކުގައި ވިޔަފާރި ހިންގުމުގެ ޙުއްދަ އޮންނާނީ ހަމައެކަނި ކޮންމެހެން ބޭނުންވާ ޚިދުމަތްތައްދޭ ވިޔަފާރިތަކަށެވެ.

އޭގެ އިތުރުން މުނިފޫހިފިލުވުމުގެ ޚިދުމަތްތައްދޭ ޕާކުތަކާއި ސިނަމާތައް ބަންދުވާނެއެވެ. އަދި ޢާންމު ދަތުރުފަތުރުގެ ނިޒާމު ބޭނުންކުރުމުގައި ބަދަލުތަކެއްވަނީ ގެނެސްފައެވެ. ނަމަވެސް ރެސްޓޯރަންޓުތަކާއި ކެފޭތަކުން ޓޭކްއަވޭގެ ޚިދުމަތްދިނުމަށް ހުޅުވާފައި ބެހެއްޓޭނެއެވެ.