ޚަބަރު

ކަށީގެ ޚާއްސަ 2 ސަރޖަރީއާއެކު ނ.އަތޮޅު ހޮސްޕިޓަލް ތާރީޚުގެ ތެރެއަށް


ނ.އަތޮޅު ހޮސްޕިޓަލުގައި މުޅިން އަލަށް ކަށީގެ ޚާއްސަ ދެ އޮޕަރޭޝަނެއް ކަމިޔަބުކަމާއެކު ކޮށްފިއެވެ. އެހޮސްޕިޓަލުން މި ސަރޖަރީ ކުރިއަށްގެންދިޔައީ އައުޓް ރީޗް ޕްރޮގްރާމްގެ ދަށުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާ ގުޅިގެންނެވެ.

މި އޮޕަރޭޝަންތައް ކޮށްފައިވަނީ އައުޓް ރީޗް ޕްރޮގްރާމްގެ ދަށުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި ނ.އަތޮޅު ހޮސްޕިޓަލް ގުޅިގެންނެވެ. ޢުމުރުން 57 އަހަރުގެ ފިރިހެނަކާއި، 52 އަހަރުގެ އަންހެނެއްގެ މި ދެއޮޕަރޭޝަނަކީ، އަތުގައި ރިއްސާ މީހެއްގެ "ކަރޕަލް ޓަނަލް" ރިލީސްކުރުމަށް ކުރި އޮޕަރޭޝަނަކާއި އަތުގައި އުފެދޭ "ގޭންގްލިއަން ސިސްޓް" ނުވަތަ ލަމްޕް ނެގުމަށް ކުރިއަށްގެންދިޔަ އޮޕަރޭޝަނެކެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ނ.އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރ ހެލްތު ސަރވިސް އިސްމާއިލް ޝަފީގް ވިދާޅުވީ އަންގާރަދުވަހު ކުރި އޮޕަރޭޝަނަށްފަހު އޮޕަރޭޝަން ކުރެވުނު ދެމީހުންގެ ޙާލުވެސް ރަގަނޅުކަމަށާ މިހާރު އެދެމީހުންވެސް ގެއަށް ދޫކޮށްލަފައިވާކަމަށެވެ. މިއީ މިފަދަ އޮޕަރޭޝަނެއް އެހޮސްޕިޓަލުގައި ކުރި ފުރަތަމަ ފަހަރުކަން ފާހަގަކުރައްވައި ރަނގަޅު ވަޞީލަތްތަކާއެކު ބޮޑެތި ސަރޖަރީކުރުމުގެ ޤާބިލުކަން އެބަހުރިކަމަށް އޭނާ ވިދާޅުވިއެވެ.

އެ ހޮސްޕިޓަލުގައި މިވަގުތުވެސް ސަރޖަންއަކު މަސައްކަތްކުރައްވާއިރު ވަޞީލަތްތައް ހުރިނަމަ ރަށުން ބޭރަށް ނުގޮސް ކުރެވޭނެ ސަރޖަރީތައް ހުރިކަމަށް އެހޮސްޕިޓަލުން ފާހަގަކުރައްވައެވެ.

ނ.އަތޮޅު ހޮސްޕިޓަލުގައި މިވަގުތުވެސް އެންމެ ފަހުގެ ޒަމާނީ ސްކޭން މެޝިނެއް ހުރިއިރު ރޭޑިއޮލޮޖިސްޓެއް ނެތުމަކީ އެހޮސްޕިޓަލަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުންކަމަށް ހޮސްޕިޓަލުން ފާހަގަކުރައްވައެވެ. މެޝިން ހުރިނަމަވެސް މާބަނޑު މީހުންނާއި އެނޫންވެސް ސްކޭންގެ ޚިދުމަތް ބޭނުންވާ މީހުންޖެހެނީ އެހެން ހޮސްޕިޓަލަކަށް ފޮނުވާށެވެ. އަދި ބައެއް ޙާލަތްތަކުގައި ގދ.އިން ރޭޑިއޮލިޖިސްޓަކު ގެނެސްގެންވެސް ޚިދުމަތްދޭކަމަށް އެހޮސްޕިޓަލުން ވިދާޅުވެއެވެ. މީގެއިތުރުން ދަތުގެ ފަރުވާދިނުމަށް ސްޕެޝަލިސްޓަކު ހުންނައިރު އެކަށީގެންވާ ވަޞީލަތްތައް ނެތުމުގެ ސަބަބުން ފުރިހަމަ ޚިދުމަތެއް ނުދެވޭކަމަށް ހޮސްޕިޓަލުން ވިދާޅުވެއެވެ.

އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 75 މީހުން ނ.އަތޮޅު ހޮސްޕިޓަލުން ޚިދުމަތް ހޯދައެވެ. މިހާރަށްވުރެ ރަނގަޅު ވަޞީލަތްތަކެއް ހުރިނަމަ ރަށާއި އަތޮޅުގެ ރައްޔިތުންނަށް ފުރިހަމަ ޚިދުމަތްދެވޭނެކަމުގެ ޔަޤީންކަން އެބައޮތްކަމަށް އެހޮސްޕިޓަލުން ވިދާޅުވެއެވެ.