ޚަބަރު

އިންޑިޔާއާއި ޗައިނާ ބޯޑަރުގައި އަނެއްކާވެސް ހަމަނުޖެހުންތަކެއް


އިންޑިޔާއާއި ޗައިނާއިން ޙިއްޞާކުރާ ސަރަޙައްދީ ރޮނގުގައި އަނެއްކާވެސް ހަމަނުޖެހުންތަކެއް ހިނގާ އިންޒާރެއްގެ ގޮތުން ވައިގެ ތެރެއަށް ބަޑިޖަހާފައިވާކަމަށް ދެ ޤައުމުންވެސް ބުނެފިއެވެ. ހިމާލިޔާ ސަރަޙައްދުގައި އޮންނަ ސަރަޙައްދީ ރޮނގު ކައިރީގައި ހިނގި ހަމަނުޖެހުންތައް އެއްޤައުމުން އަނެއް ޤައުމުގެ ބޮލުގައި އަންނަނީ އަޅުވަމުންނެވެ.

ޗައިނާގެ ދިފާޢީ ވުޒާރާއިން ބުނީ އިންޑިޔާގެ އަސްކަރިއްޔާއިން ލައިން އޮފް އެކްޗުއަލް ކޮންޓްރޯލް (އެލްއޭސީ) ހުރަސްކޮށް ސަރަޙައްދީ ރޮނގުގައި ޙަރަކާތްތެރިވަމުންދިޔަ ޗައިނާގެ ސިފައިންނަށް ބިރުދެއްކުމަށް ވައިގެ ތެރެއަށް ބަޑި ޖަހައިފައިވާކަމަށެވެ. ޗައިނާއިން ބުނީ ޗައިނާގެ އަސްކަރިއްޔާއިން ސަރަޙައްދީ ރޮނގުގެ ކައިރިއަށް ދިޔައީ މަޝްވަރާކުރުމަށް ކަމަށެވެ. ނަމަވެސް އިންޑިޔާގެ ސިފައިން ޗައިނާއަށް ވީ ފަޅިއަށް ބަޑި ޖަހާފައިވާކަމަށާއި އެއަށްފަހު ރައްދެއްގެ ގޮތުން ޗައިނާއިންވެސް ފިޔަވަޅު އަޅާފައިވާކަމަށެވެ. ނަމަވެސް އެއީ ކޮން ފިޔަވަޅުތަކެއްކަމެއް އަދި އެ ހާދިޘާގެ ސަބަބުން އެއްވެސް މީހަކަށް ގެއްލުން ލިބުނުކަމެއް ސާފެއް ނުވެއެވެ. އެ ހާދިޘާ ތަހުޤީޤުކުރުމަށް ޗައިނާގެ ޗައިނީސް ލިބަރޭޝަން އާމީ (ޕީއެލްއޭ)އިންވަނީ އިންޑިޔާއަށް ގޮވާލައިފައެވެ.

އިންޑިޔާއިން ބުނީ ސަރަޙައްދީ ރޮނގުގައި ޙަރަކާތްތެރިވާ ޗައިނާގެ ސިފައިން ދެ ޤައުމުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމާއި ޚިލާފުވެފައިވާކަމަށާއި ބާރުދައްކާފައިވާކަމަށެވެ. ހަމަނުޖެހުން އުފައްދަން ޗައިނާއިން މަސައްކަތްކުރިނަމަވެސް އިންޑިޔާގެ ސިފައިން އެކަމަށް ފަރުވާލެއް ބަހައްޓާފައިނުވާކަމަށާއި ޒިންމާދާރުކަމާއެކު އިންޑިޔާގެ ސިފައިން ޢަމަލުކޮށްފައިވާކަމަށް އެ ޤައުމުން ބުންޏެވެ. ބައެއް ޚަބަރުތައް ބުނާގޮތުން ޗައިނާގެ އަސްކަރިއްޔާއިން ވަނީ އިންޑިޔާގެ ސިފައިންގެ ބައެއް މަޤާމުތަކަށް ޙަމަލާދިނުމަށް މަސައްކަތްކޮށް ވައިގެ ތެރެއަށް ބަޑިޖަހައިފައެވެ.

ސަރަޙައްދީ ރޮނގުގެ މައްސަލައިގައި ދެ ޤައުމުގެ ދެމެދުގައި ނުތަނަވަސްކަން އުފެދިފައިވާތާ ގިނަ މަސްތަކެއްވަނީ ވެފައެވެ. އިންޑިޔާއާއި ޗައިނާގެ ސަރަޙައްދީ ރޮނގުގައި ޙަރަކާތްތެރިވާ ސިފައިންގެ ދެމެދުގައި ފަހަކަށް އައިސް ބޮޑެތި ހަމަނުޖެހުންތަކެއްވަނީ ހިނގައިފައެވެ. އެގޮތުން، ގަލްވާން ވާދީ ކައިރީގައި މިދިޔަ ޖޫން މަހުގެ 20ވަނަ ދުވަހު ހިންގި ހަމަނުޖެހުމެއްގައި އިންޑިޔާ ސިފައިންގެ 20 މީހުންވަނީ މަރުވެފައެވެ. އެ ހަމަނުޖެހުމުގައި ޗައިނާގެ ސިފައިންނަށް ބޮޑެތި ގެއްލުންތަކެއްވަނީ ލިބިފައެވެ. އެއީ ފާއިތުވި 50 އަހަރުގެ ތެރޭގައި ދެ ޤައުމުގެ ދެމެދުގައި ހިނގި އެންމެ ނުރައްކާތެރި ކުރިމަތިލުމެވެ. އެ ކުރިމަތިލުމަށްފަހު ދެ ޤައުމުންވެސްވަނީ ޙާމަލާ ދިނުން ހުއްޓާލުމަށް އެއްބަސްވެފައެވެ.

ނަމަވެސް އޭގެ ފަހުން އޮގަސްޓު މަހުގެ 29 އަދި 30ވަނަ ދުވަހު އެ ސަރަޙައްދުގައި އަނެއްކާވެސްވަނީ ހާދިޘާއެއް ހިނގާފައެވެ. ސަރަޙައްދީ ރޮނގު ހުރަސްކޮށް ޕީއެލްއޭއިން އިންޑިޔާގެ ސަރަޙައްދަށް ވަދެފައިވާކަމަށް އިންޑިޔާއިން ތުހުމަތުކުރިއެވެ. ނަމަވެސް ޗައިނާއިން އެ ތުހުމަތުތައް ދޮގުކުރިއެވެ. އޭގެ ފަހުން ދެ ޤައުމުގެ ދިފާޢީ ވަޒީރުން މަޝްވަރާކުރުމަށްފަހު މައްސަލަ އިތުރަށް ގޯސްވިޔަ ނުދިނުމަށްވަނީ އެއްބަސްވެފައެވެ.