ކުޅިވަރު

ރޮނާލްޑޯ ރެކޯޑް ހެދި މެޗުން ޕޯޗުގަލްއަށް މޮޅެއް


ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކާމިޔާބުކޮށްދިން 100 ވަނަ ލަނޑާއެކު ޕޯޗުގަލްއިން ސްވިޑެންގެ މައްޗަށް ކުރި ހޯދައިފިއެވެ.

ޔުއެފާ ނޭޝަންސް ލީގުގައި ސްވިޑެންއާއި ދެކޮޅަށް ކުޅުނު މެޗުގައި ކާމިޔާބުކުރި ދެ ލަނޑާއެކު ރޮނާލްޑޯ ޕޯޗުގަލްއަށް ކާމިޔާބުކޮށްދިން ލަނޑުގެ އަދަދު ވަނީ 101 އަށް އަރާފައެވެ. ޕޯޗުގަލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ސްވިޑަންގެ މައްޗަށް ޕޯޗުގަލްއިން ކުރި ހޯދާފައިވަނީ 1-2 ގެ ނަތީޖާއަކުންނެވެ.

މިހާތަނަށް ޤައުމީ ޓީމަށް 100 ލަނޑު ހަމަކޮށްފައިވަނީ އެންމެ ދެ ކުޅުންތެރިންނެވެ. އެއީ ރޮނާލްޑޯއާއި އީރާނުގެ ލެޖެންޑް ޢަލީ ދައެއީއެވެ. ޤައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓްގެ ދެވަނާގައި ރޮނާލްޑޯ އޮތްއިރު، 109 ލަނޑާއެކު މި ލިސްޓްގެ އެއްވަނާގައި އޮތީ އީރާނުގެ ލެޖެންޑް ޢަލީ ދައެއީއެވެ.

ފަސް ފަހަރު ބެލޮންޑިއޯ ކާމިޔާބުކޮށްފައިވާ ރޮނާލްޑޯ ޕޯޗުގަލްއަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑު ޖަހާފައިވަނީ 2004 ވަނަ އަހަރުގެ ޔޫރޯގައެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފްގައި ޕޯޗުގަލްގެ ރޮނާލްޑޯ އާއި ބްރޫނޯ ފެނާންޑޭޒަށް ވަނީ ލަނޑު ޖަހާނެ ރަނުގެ ފުރުސަތުތަކެއް ލިބި އެ ފުރުޞަތުތަކުގެ ބޭނުން ކުރެވޭގޮތް ނުވެފައެވެ.

މެޗުގެ 44 ވަނަ މިނެޓްގައި ސްވިޑެންގެ މިޑްފީލްޑަރު ގުސްޓާވް ސްވެންސަން ކުރި ފައުލަކާ ގުޅިގެން ރެފްރީ ވަނީ ދެ ވަނަ ރީނދޫ ކާޑާއެކު އޭނާ އަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލައިފައެވެ.

މެޗުގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ޕޯޗުގަލް އަށް ކާމިޔާބު ކޮށްދިނީ ލިބުނު ހިލޭ ޖެހުމަކުން ކެޕްޓަން ރޮނާލްޑޯއެވެ. ދެވަނަ ހާފު ފަށައިގެން ޕޯޗުގަލުން އެޓީމުގެ އެޓޭކުތައް ވަރުގަދަ ކުރިިއިރު، މެޗުގެ 72 ވަނަ މިނެޓުގައި ރޮނާލްޑޯ ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާ ކޮށްފައެވެ.

މި މޮޅާ އެކު ލީގު އޭ ގްރޫޕް ތިނެއްގެ އެއްވަނައިގައި އޮތީ ޕޯޗުގަލްއެވެ.