މާލީގެ އަސްކަރިއްޔާއިން ބަޣާވާތްކޮށް ޤައުމުގެ ހިންގުވާ ޙަވާލުވެފައިވާ ފަރާތްތަކުން ސެޕްޓެމްބަރު މަހުގެ 15ވަނަ ދުވަހުގެ ކުރިން އިންތިޤާލީ ރައީސަކާއި ބޮޑުވަޒީރަކު އައްޔަނުކުރުމަށް ހުޅަނގު އެފުރިކާގެ ސަރަޙައްދީ އިސްވެރިން އަންގައިފިއެވެ.
އޮގަސްޓު މަހުގެ 18ވަނަ ދުވަހު މާލީގައި ކުރި ބަޣާވާތަށްފަހު އެކޮނޮމިކް ކޮމިއުނިޓީ އޮފް ވެސްޓް އެފްރިކަން ސްޓޭޓްސް (އީކޯވަސް)އިންވަނީ މާކީއާ ދެކޮޅާށް ދަތިކުތުމުގެ ފިޔަވަޅު އަޅައިފައެވެ. އެގޮތުން އެޅި ފިޔަވަޅުތަކުގެ ތެރޭގައި ސަރަޙައްދީ ރޮނގުތައް ބަންދުކުރުމާއި އެ ޤައުމާއެކު ވިޔަފާރިކުރުން މަނާކުރުން ހިމެނެއެވެ. އެ އީކޯވަސްއިންވަނީ ކުރިއަށް އޮތް 12 މަސް ދުވަހުގެ ތެރޭގައި މާލީގެ އިންތިޚާބު ބޭއްވުމަށް ގޮވާލައިފައެވެ. އެއާ ވިދިގެން ބަޣާވަތްކުރި ފަރާތްތަތުންވަނީ ގިނަ އަހަރު ތަކެއްވަންދެން އަސްކަރިއްޔާއިން ޤައުމުގެ ހިނގުމާ ޙަވާލުވުމަށް ހުށަހަޅާފައެވެ. ނަމަވެސް އީކޯވަސްއިންވަނީ 12 މަސްވަންދެން ޢާންމުންގެ ތެރެއިން ރައީސަކާއި ބޮޑުވަޒީރަކު ޢައްޔަނުކުރަން ޖެހޭނެކަމަށް ބުނެފައެވެ.
15 ޤައުމުގެ މައްޗަށް އެކުލެވިފައިވާ އީކޯވަސްއިން ނެރެނު ބަޔާނެއްގައި ބުނީ ސެޕްޓެމްބަރު މަހުގެ 15ވަނަ ދުވަހުގެ ކުރިން އިންތިޤާލީ ރައީސާއި ބޮޑުވަޒީރުގެ މަޤާމަށް ޢައްޔަނުކުރާ ބޭފުޅުން ނިންމަންވާނެކަމަށާއި އެ ބޭފުޅުން ވާންވާނީ ޢާންމުންގެ ތެރެއިން ޢައްޔަނުކުރާ ބައެއްކަމަށެވެ. ނަމަވެސް އެހާ ކުރު މުއްދަތެއްގެ ތެރޭގައި އީކޮވަސްއިން ހިތްހަމަޖެހޭފަދަ ނިންމުމެއް ބަޣާވާތުގެ ބައިވެރިންނަށް ނިންމިދާނެކަމާމެދުވަނީ ސުވާލުއުފެދިފައެވެ.
މާލީގައި ބަޣާވާތްކުރުމުން އީކޯވަސްއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އެ ޖަމުޢިއްޔާއިންވަނީ ދަމަހައްޓާފައެވެ. ނަމަވެސް ފާއިތުވި ހަފުތާގައި ބަޣާވާތްކުރި ފަރާތްތަކުން އިންތިޤާލީ މަރުޚަލާއާ ގުޅޭގޮތުބް މާލީގެ ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމުޢިއްޔާތަކާ މަޝްވަރާކޮށްފައިވާތީ އީކޯވަސްއިންވަނީ އެކަމަށް މަރުޙަބާ ކިޔާފައެވެ. މީގެ ކުރިން އީކޮވަސްއިންވަނީ ޢާންމުންގެ ވެރިކަމެއް ޤާއިމްކުރުމަށް އެދެވޭ މަސައްކަތްކުރާނަމަ މަރުޚަލާތަކަކަށް ބަހާލައިގެން ދަތިކުރުމުގެ ފިޔަވަޅުތައް އުވާލާނެކަމުގެ އިޝާރާތެއް ކޮށްފައެވެ.