2018ވަނަ އަހަރުގެ އޮކްޓޯބަރު މަހު ތުރުކީވިލާތުގެ އިސްތަންބުލްގައި ހުންނަ ސަޢުދީ ޢަރަބިއްޔާގެ ކޮންސިއުލޭޓުގައި އަނިޔާވެރިކޮށް މަރާލި ސަޢުދީ ޢަރަބިއްޔާގެ ނޫސްވެރިއެއްކަމަށްވާ ޖަމާލް ޚާޝޫޤްޖީގެ މައްސަލައިގައި ތުހުމަތު ކުރެވޭ އަށް މީހުން ޖަލަށްލުމަށް ސަޢުދީ ޢަރަބިއްޔާގެ ކޯޓަކުން ޙުކުމްކޮށްފިއެވެ.
ޚާޝޫޤްޖީގެ މަރުގެ މައްސަލައިގައި ހިމެނޭ އަށް މީހުންގެ ތެރެއިން ފަސް މީހުން މެރުމަށް މިދިޔަ އަހަރުގެ ޑިސެންބަރު މަހު ސަޢުދީ ޢަރަބިއްޔާގެ ކޯޓަކުންވަނީ ޙުކުމްކޮށްފައެވެ. ނަމަވެސް މީގެ ހަތަރު މަސްކުރިން ޚާޝޫޤްޖީގެ ޢާއިލާއިން އޭނާގެ ގާތިލުންނަށް މަޢާފުކުރުމުން އެ ހުކުމްވަނީ އަނެއްކާވެސް ބަދަލުކޮށްފައެވެ.
އަލަށްކުރި ޙުކުމުގެ ދަށުން ޚާޝޫޤްޖީ މެރުމުގައި ބައިވެރިވި އަށް މީހުންގެ ތެރެއިން މެރުމަށް ހުކުމުކޮށްފައިވާ ފަސް މީހުން ވިހި އަހަރަށް ޖަލަށްލުމަށްވަނީ ހުކުމްކޮށްފައެވެ. ޚާޝޫޤްޖީ މެރުމުގައި ބައިވެރިވި އަނެއް ތިން މީހުން ހަތް އަހަރާއި ދިހަ އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމަށްވަނީ ހުކުމްކޮށްފައެވެ. ހުކުމާމެދު ޚާޝޫޤްޖީގެ ޢައިލާއިން ހިތްހަމަޖެހޭކަމަށް އެ ޢާއިލާ ތަމްޞީލްކުރާ އާއިލާއަށް ނިސްބަތްވާ ވަކީލު، މުޢުތަސިމް ޚާޝޫޤްޖީ ބުންޏެވެ. އޭނާ ބުނީ ހުކުމަކީ އިންސާފުވެރި ހުކުމެއްކަމަށާއި ޢާއިލާއިން ބޭނުންވީ އިސްލާމީ ޝަރީޢަތާ އެއްގޮތަށް ޝަރީޢަތް ކުރިއަށް ގެންދިޔުމަށްކަމަށެވެ. އިސްލާމީ ޝަރީޢަތް ތަންފީޒުކުރުމުގައި ސަޢުދީ ޢަރަބިއްޔާގެ ކޯޓުތަކަށްވުރެ ކުޅަދާނަ އެހެން ކޯޓެއް ދުނިޔޭގެ އެހެން ތަނަކު ނުހުންނާނެކަމަށް ޢާއިލާއިން ޤަބޫލުކުރާކަމަށް އޭނާ ބުންޏެވެ.
ނަމަވެސް އެ ޝަރީޢަތް ހިންގާފައިވަނީ އިންސާފުވެރިކޮށް ނޫންކަމަށާއި ޚާޝޫޤްޖީ މަރާލުމުގެ މޭސްތިރިން އެ ޝަރީޢަތުން ސަލާމަތްވެފައިވާކަމަށް ޚާޝޫޤްޖީއާ ކައިވެނިކުރުމަށް ތައްޔާރުވަމުންދިޔަ ތުރުކީވިލާތުގެ ރައްޔިތެއްކަމަށްވާ ހަތީޖާ ގެންގިސް ހިމެނޭގޮތަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ. އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ޖަމުޢިއްޔާތަކުންވެސްވަނީ ކޯޓުގެ ހުކުމާމެދު ހިތްހަމަ ނުޖެހުން ފައުޅުކޮށްފައެވެ. ގިނަ ބަޔަކު ޤަބޫލުކުރާ ގޮތުގައި ސަޢުދީ ޢަރަބިއްޔާގެ ސަރުކާރަށް ފައުޅުގައި ފާޑުކިޔަމުން ދިޔަ ޚާޝޫޤްޖީ މަރާލި ޖަރީމާގެ ފަހަތުގައިވަނީ ސައޫދީ ވަލީއުލްއަހްދު މުހައްމަދު ބިން ސަލްމާނެވެ.
ޚާޝޫޤްޖީގެ މަރުގައި ބައިވެރިވިކަމުގެ ދައުވާ ރައްދުވާ 20 މީހުންގެ ޣައިރު ހާޒިރުގައި ތުރުކީވިލާތުގައިވެސްވަނީ ޝަރީޢަތެއް މިދިޔަ ޖުލައި މަހުގެ ތެރޭގައި ފަށައިފައެވެ. ތުރުކީވިލާތުން ޤަބޫލުކުރާ ގޮތުގައި ސަޢުދީ ޢަރަބިއްޔާއިން ޝަރީޢަތް ހިންގާފައިވަނީ އިންސާފުވެރިކޮށް ނޫނެވެ. އަދި ތަހުޤީޤު ކުރިއަށްގެންދިއުމަށް ސަޢުދީ ޢަރަބިއްޔާއިން ހުރަސްއަޅާފައިވާކަމަށްވެސް ތުރުކީވިލާތުން ތުހުމަތުކުރެއެވެ. ސަޢުދީ ޢަރަބިއްޔާގެ ޝަރީޢަތުގައި ހުކުމްކޮށްފައިވާގޮތާމެދު ހިތްހަމަނުޖެހޭކަމަށްބުނެ ތުރުކީވިލާތުން ކުރިއަށްގެންދާ ތަހުޤީޤަށް ސަޢުދީ ޢަރަބިއްޔާއިން އެއްބާރުލުން ދިނުމަށް ތުރުކީވިލާތުންވަނީ އެ ޤައުމަށް ގޮވައިލައިފައެވެ.