ޚަބަރު

ސޫރިޔާގައި ހަރަކާތްތެރިވާ 200އަށްވުރެ ގިނަ އދ.ގެ މުވައްޒަފުންނަށް ކޯވިޑް-19 ޖެހިއްޖެ


ސޫރިޔާގައި ހަރަކާތްތެރިވާ އދ.ގެ 2200އަށްވުރެ ގިނަ މުވައްޒަފުންނަށް ކޯވިޑް-19 ޖެހިފައިވާކަމަށް އެ އިދާރާއިން ބުނެފިއެވެ.

ސޫރިޔާގައި ހުންނަވާ އދ.ގެ ރެސިޑެންޓް ކޯޑިނޭޓަރު، އިމްރާން ރިޒާ އދ.ގެ މުވައްޒަފުންނަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ސޫރިޔާގައި ތިބި އދ.ގެ 200އަށްވުރެ ގިނަ މުވައްޒަފުންނަށް ކޯވިޑް-19 ޖެހިފައިވާކަމަށާއި ބައެއް ބަލިމީހުން ހަސްފަތާލުގައި އެނދުމަތިކޮށްފައިވާކަމަށެވެ. ތިން މުވައްޒަފަކު އިތުރު ފަރުވާއަށް އެހެން ތަނަކަށް ގެންގޮސްފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ. ސޫރިޔާގައި ތިބި އދ.ގެ މުވައްޒަފުންނަށް ފަރުވާދިނުމަށް ޞިއްޙީ މަރުކަޒެއް ހަމަޖެއްސުމުގެ ފަހު މަރުޚަލާ ކުރިއަށްދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރިޒާގެ ސިޓީގައި އިތުރަށް ވިދާޅުވީ ސޫރިޔާގެ ޙާލަތު ގޯސްވެ މީގެ ދެ މަސް ދުވަސް ކުރިން އދ.ގެ މުވައްޒަފުންނާ ޙިއްޞާކުރި ޢަދަދުތަކަށްވުރެ ދިހަ ގުނަ އިތުރު މީހުންނަށް އެ ޤައުމުގައި މިހާރު ބަލިޖެހިފައިވާކަމަށެވެ. އެ ޤައުމުގައި މިހާތަނަށް 3،171 މީހުންނަށް ބަލިޖެހި 134 މީހުން މަރުވެފައިވާކަމަށް ސޫރިޔާގެ ޞިއްޙަތާބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައެވެ. ނަމަވެސް އެ ޢަދަދުތަކަށްވުރެ ސޫރިޔާގައި ބަލިޖެހިފައިވާ މީހުންނާއި މަރުވެފައިވާ މީހުންގެ ޢަދަދު ވަރަށް ބޮޑަށް އިތުރުވާނެކަމަށާއި ސަރުކާރުން ޢަދަދުތައް އޮޅުވާލަމުންދާކަމަށް އެ ޤައުމުގައި ޙަރަކާތްތެރިވާ ދަރުމަވެރިންނާއި ޞިއްޙީ ޚިދުމަތްތެރިންދަނީ ބުނަމުންނެވެ. އެ ތުހުމަތުތައް ސޫރިޔާގެ ސަރުކާރުން ދޮގުކުރެއެވެ. ނަމަވެސް އެކަށީގެންވާ މިންވަރަށް ތަހުލީލު ނުކުރެވޭކަމަށް ސަރުކާރުން އެއްބަސްވެއެވެ.

އިންސާނީ މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ޞިއްޙީ ޚިދުމަތްތެރިންވަނީ ސޫރިޔާގައި ކޯވިޑް-19 ޖެހިފައިވާ އދ. އަށް ނިސްބަތްވާ މުވައްޒަފުންގެ ހަޤީޤީ ޢާދަދު 200އަށްވުރެ އިތުރުވާނެކަމަށް އަންދާޒާކޮށްފައެވެ. އެއީ އެ އިދާރާއާ ބައިވެރިވެ މަސައްކަތްކުރާ އެހެން ޖަމުޢިއްޔާތަކުގެ މަސައްކަތްތެރިންވެސް ހިމެނޭގޮތަށެވެ.

ހަނގުރާމައިގެ ޙާލަތުގައި ގިނަ އަހަރުތަކެއް ވަންދެން އޮތުމުގެ ސަބަބުން ޞިއްޙީ ނިޒާމު އެއްކޮށް ވީރާނާވެފައިވާ ޤައުމެއްގައި ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާތީ އދ.ންވަނީ ކަންބޮޑުވުން ފައުޅުކޮށްފައެވެ. އެ ޤައުމުގައި ޞިއްޙީ ސާމާނު ހޯދުމުގައިވެސް ގިނަ ދަތިތަކާދަނީ ކުރިމަތިލަމުންނެވެ. ފާއިތުވި ހަފުތާތަކުގއި ގިނަ ޢަދަދެއްގެ ޑޮކްޓަރުންނާއި އިންސާނީ މަސައްކަތުގައި ޙަރަކާތްތެރިވާ ފަރާތްތައް އެ ޤައުމުގައި މަރުވެފައިވާކަމަށް ބައެއް މަސްދަރުތަކުން ބުނެއެވެ.