ޚަބަރު

ޒުވާނުންގެ މެދުގައި ކޯވިޑް-19 އިތުރުވެ، އިނގިރޭސިވިލާތުގައި ކަންބޮޑުވުން


އިނގިރޭސިވިލާތުގައި ކޯވިޑް-19ޖެހޭ މީހުންގެ ޢަދަދު ކުއްލިއަކަށް އިތުރުވާން ފަށައިފައިވާތީ ކަންބޮޑުވެލައްވާކަމަށް އެ ޤައުމުގެ ޞިއްޙަތާބެހޭ ވަޒީރު މެޓް ހެންކޮކް ވިދާޅުވެއްޖެއެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިނގިރޭސިވިލާތުގައި 2،988 މީހުންނަށްވަނީ ކޯވިޑް-19 ޖެހިފައެވެ. އޭގެ ތެރޭގައި ގިނައީ ޒުވާނުންނެވެ. އެއާއެކު އެ ޤައުމުގައި ބަލިޖެހިފައިވާ މީހުންގެ ޖުމްލަ ޢަދަދުވަނީ 347،152އަށް އިތުރުވެފައެވެ. އިނގިރޭސިވިލަތުގައި ކޯވިޑް-19 ޖެހޭ މީހުންގެ ޢަދަދު ދަށަށް ދިއުމަށްފަހު އަނެއްކާވެސް އިތުރުވާން ފަށައިފައިވަނީ ފާއިތުވި ހަފްތާތަކުގެ ތެރޭގައެވެ. އެއާއެކު ދުވަސްވީ މީހުންނަށާއި އެހެނިހެން ޞިއްޙީ މައްސަލަތައް ހުންނަ މީހުންނަށް ބަލިޖެހުމުގެ ފުރުޞަތު އިތުރުވެދާނެކަމާމެދުވަނީ ކަންބޮޑުވުން އިތުރުވެފައެވެ.

ހެންކޮކް ވިދާޅުވީ އަލަށް ބަލިޖެހުނު ގިނަ މީހުންނަކީ ޒުވާނުންކަމުގައި ވިޔަސް އެހެން ޤައުމުތަކުގައި ފާހަގަވެފައިވާ ފަދައިން ޒުވާނުންގެ މެދުގައި ބަލިފެތުރޭ މިންވަރު އިތުރުވުމުން މުޅި މުޖުތަމަޢުގައި ބަލި ފެތުރޭ މިންވަރުވެސް އިސާހިތަކު އިތުރުވެދާނެކަމަށެވެ. އެހެންކަމުން ހުރިހާ ރައްޔިތުންވެސް އިޖުތިމާޢީ ގައިދުރުކަމުގެ އުސޫލުތަކަށް ޢަމަލުކޮށް ބަލި އިތުރަށް ފެތުރުނަ ނުދިނުމަށް މަސައްކަތްކުރުމަށް އޭނާ ގޮވާލެއްވިއެވެ. ޚާއްޞަކޮށް ޒުވާނުންގެ ފަރާތުން އެމީހުންގެ ދުވަސްވެފައިވާ މައިންބަފައިންނާއި ޢާއިލީ މެންބަރުންނަށް ބަލި ޖެހުނަ ނުދިނުމަށް އޭނާ ގޮވާލެއްވިއެވެ.

މި އަހަރުގެ ބަހާރު މޫސުމާއި ހޫނު މޫސުމުގައި އިނގިރޭސިވިލާތުގައި ބަލި ފެތުރު މިންވަރު ވަރަށް ބޮޑަށް އިތުރުވެ ޙާލަތު ގޯސްވިކަން ފާހަގަކުރައްވާ ހެންކޮކް ވިދާޅުވީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގައި ހުށިޔާރު ނުވެއްޖެނަމަ ކުރިން ޤައުމަށް ދިމާވި އުނދަގޫ ޙާލަތާ އަނެއްކާވެސް ކުރިމަތިލާންޖެހުން ގާތްކަމަށެވެ.