ކުޅިވަރު

ނޭޝަންސް ލީގު: ޔޫކްރެއިން އަތުން ސްޕެއިން މޮޅުވި މެޗުގައި އަންސު ފަޓީ ރެކޯޑެއް ހަދައިފި


އެންމެ ޒުވާން އުމުރުގައި ސްޕެއިންގެ ގައުމީ ޓީމަށް ގޯލު ޖަހައިދިން ކުޅުންތެރިޔާގެ ޝަރަފު އަންސު ފަޓީ ހޯދައިފިއެވެ.

95 އަހަރުވީ މި ރިކޯޑު ފަޓީ މުގުރާލައިފައިވަނީ އުމުރުން 17 އަހަރުގައެވެ. އަދި ޔޫކްރެއިންއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ 11އިން ޖާގަ ލިބުމުން ފަޓީ ވަނީ އެންމެ ޒުވާން އުމުރުގައި ސްޕެއިންގެ ގައުމީ ޓީމުގެ ފުރަތަމަ 11 އިން ޖާގަ ހޯދި ކުޅުންތެރިޔާއަށްވެސް ވެފައެވެ.

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ޔޫކްރޭން އަތުން ސްޕެއިން މޮޅުވީ 4-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ކުރީކޮޅު ކެޕްޓަން ސާޖިއޯ ރާމޯސް ކާމިޔާބުކުރި ޕެނަލްޓީން އެޓީމުން ވަނީ ލީޑު ނަގާފައެވެ. މި ޕެނަލްޓީއަކީ ސްޕެއިންގެ ޒުވާން ފޯވާޑް އަންސޫ ފަޓީއަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. އަދި މެޗުގެ 29 ވަނަ ރާމޯސް ވަނީ އިތުރު ލަނޑެއް ޖަހާ ސްޕެއިންއަށް ލީޑު ފުޅާކޮށްދީފައެވެ.

ސްޕެއިންގެ ތިންވަނަ ލަނޑު މެޗުގެ 32 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަންސު ފަޓީއެވެ. މިއީ އުމުރުން 17 އަހަރުގެ ފަޓީ ސްޕެއިނަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ. އަދި މި ލަނޑާއެކު ފަޓީ ވަނީ ސްޕެއިނަށް ލަނޑު ޖަހައިދިން އެންމެ ހަގު ކުޅުންތެރިޔާގެ ރިކޯޑު ހަދާފައެވެ.

މެޗުގެ ދެވަނަ ހާފުގައި ސްޕެއިންގެ ފަރާތުން ފެނިގެންދިޔައީ އާދައިގެ ކުޅުމެކެވެ. އެކަމަކު މެޗު ނިމެން ހަ މިނެޓަށް ވެފައިވަނިކޮށް ސްޕެއިނުން ވަނީ އެޓީމުގެ ހަތަރު ވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ފެރާން ޓޮރޭސްއެވެ.

މި ނަތީޖާތަކާއެކު ގްރޫޕް ހަތަރެއްގެ އެއްވަނައިގައި އޮތީ ސްޕެއިނެވެ. ސްޕެއިނަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ޔޫކްރޭނަށް ވަނީ ތިން ޕޮއިންޓް ލިބިފައެވެ. ތިންވަނައިގައި އޮތް ޖަރުމަނަށް ދެ ޕޮއިންޓް ލިބިފައިވާއިރު، ފުލުގައި އޮތް ސްވިޒަލެންޑަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.