ޚަބަރު

މަތީ ތައުލީމާއި ތަމްރީނު ޕްރޮގްރާމްތަކުގައި ވޭތުވެދިޔަ އަހަރު 13999 ދަރިވަރުން ބައިވެރިވި


ވޭތުވެދިޔަ އަހަރު މަތީ ތައުލީމާއި ތަމްރީނު ޕްރޮގްރާމްތަކުގެ ގޮތުގައި ކޮލެޖް އަދި ޔުނިވަރސިޓީތަކުން ހިންގި 843 ޕްރޮގްރާމެއްގައި 13999 ދަރިވަރުން ބައިވެރިވެފައިވާ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީް ވިދާޅުވެއްޖެއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވަނީ 2019 ވަނަ އަހަރުގެ ޔުނިވަރސިޓީ އަދި ކޮލެޖްތަކުގެ ތަފާސް ހިސާބު ހިމެނޭ ފޮތެއް ނެރެފައެވެ. މި ފޮތް ނެރެދެއްވީ ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމެވެ.

ޔުނިވަރސިޓީ އަދި ކޮލެޖްތަކުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން ވޭތުވެދިޔަ އަހަރު އެއްމެ ގިނަ ދަރިވަރުން ކިޔަވާފައިވާ ދާއިރާގެ ގޮތުގައި ފާހަގަވެފައިވަނީ ބިޒްނަސް، އެޑްމިނިސްޓްރޭޝަން އެންޑް ލޯ، އެޑިއުކޭޝަން، އާރޓްސް އެންޑް ހިއުމެނިޓީސްއެެވެ. ނެޗުރަލް ސައިންސް، މެތަމެޓިކްސް އަދި ސްޓެޓިސްޓިކްސް ފާހަގަވެފައިވަނީ އެންމެ މަދުން ދަރިވަރުން ކިޔަވާ ދާއިރާތަކުގެ ގޮތުގައެވެ.

އެއްމެ ގިނައިން ހިންގާފައިވަނީ ޑިގްރީ އަދި ސެޓްފިކެޓް ލެވެލް 4 އެއްގެ ޕްރޮގްރާމްތައް ކަމަށް މި ތަފާސް ހިސާބުތަކުން ދައްކައެވެ. މި ތަފާސް ހިސާބުން ދައްކާގޮތުގައި 2019 ވަނަ އަހަރު މަތީ ތައުލީމާއި ތަމްރީނުގައި ބައިވެރިވި އަންހެނުންގެ ނިސްބަތަކީ 59 އިންސައްތައެވެ. އަދި މިވަގުތު މަތީ ތައުލީމާއި ތަމްރީނު ޕްރޮގްރާމްތަކުގައި ޖުމުލަ 64 އިންސައްތަ އަންހެނުން ބައިވެރިވެއެވެ. 2019 ވަނަ އަހަރު ދަސްވެނިވި ނިސްބަތަށް ބަލާއިރު 37 އިންސައްތަ ފިރިހެނުން ވަނީ މަތީ ތައުލީމާއި ތަމްރީނު ޕްރޮގްރާމްތަކުން ދަސްވެނިވެފައެވެ. އެންމެ ގިނައިން ދަރިވަރުން ދަސްވެނިވެފައިވާ ދާއިރާތަކުގެ ގޮތުގައި ފާހަގަވަނީ ބިޒްނަސް، އެޑްމިނިސްޓްރޭޝަން، ލޯ، އައިޓީ، ޕްރައިމަރީ ޓީޗިންގް އާއި ޕްރީ ސްކޫލް ޓީޗިންގްއެވެ.

މި ފޮތް ނެރެދެއްވާ ވާހަކަފުޅުދައްކަވަމުން ޓުއަރިޒަމް މިނިސްޓަރ ޑރ.އަބްދުﷲ މައުސޫމް ވިދާޅުވީ ޤައުމެއް ތަރައްގީވުމުގައި އެންމެ ބޮޑު އެއް ދައުރެއް އަދާކުރާކަމަކީ މައުލޫމާތުގެ އަލީގައި ކަންކަން ނިންމުމުގެ ފުރުސަތު ފަހިވެގެން ދިއުންކަމަށެވެ. އަދި އިންސާނީ ވަސީލަތް ތަރައްގީކުރުމުގައި އެންމެ މުހިންމު ކަމަކީ މަތީ ތައުލީމާއި ތަމްރީނުގެ ފުރުސަތު ކަމަށްވެސް ޑރ. އަބްދުﷲ މައުސޫމް ވިދާޅުވިއެވެ.

ވޭތުވެދިޔަ އަހަރުތަކުގައި، މަތީ ތައުލީމާއި ތަމްރީނާއި ގުޅޭ ތަފާސް ހިސާބަކީ ގަވާއިދުން ބެލެހެއްޓިގެން އާއްމުކުރެވޭ މައުލޫމާތަކަށް ވެފައިނުވާތީ، އޭގެ ސަބަބުން މި ދާއިރާއިން ދިރާސާކުރާ ފަރާތްތަކަށާއި، މައުލޫމާތުގެ އަލީގައި ކަންކަން ނިންމުމުގައި ދަތިތަކެއް ހުރިކަން މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ އިބްރާހިމް ހަސަން ފާހަގަކުރެއްވިއެވެ. އަދި މަތީ ތައުލީމާއި ތަމްރީނަށް މީހުންގެ ޝައުގާއި ލޯބި އިތުރުކުރުމުގެ ގޮތުން، ދާއިރާއާއި ގުޅުންހުރި އެކި މައުލޫމާތު އާއްމުންނާއި ހިއްސާކުރަމުން ގެންދަވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ މި ފޮތަކީ ކިޔަވާ ކުދިންނަށާއި، މުދައްރިސުންނަށާއި، ޢިލްމީ ދިރާސާތައް ކުރައްވާ ބޭފުޅުންނަށް ވަރަށް މުހިންމު ފޮތަކަށްވެގެންދާނެ ކަމަށެވެ.

އަހަރުތަކަކަށްފަހު، މަތީ ތައުލީމާއި ތަމްރީނާއި ގުޅޭ ތަފާސް ހިސާބު އާއްމުކުރެވުނީ ޔުނިވަރސިޓީ އަދި ކޮލެޖްތަކުގެ ވަރަށް ބޮޑު ބައިވެރިވުމާއެކުގައި ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. އަދި ތަފާސް ހިސާބުގެ ގޮތުގައި ކޮންމެ އަހަރަކުވެސް މިފޮތް ނެރުމަށް އެ މިނިސްޓްރީން ވަނީ ނިންމަވާފައެވެ.