ޚަބަރު

މެލްބަންގައި އިޢުލާނުކޮށްފައިވާ ފުރަބަންދުގެ މުއްދަތު އިތުރުކޮށްފި


އޮސްޓްރޭލިއާގެ މެލްބަންގައި އިޢުލާނުކޮށްފައިވާ ފުރަބަންދު އިތުރު ދެ ހަފުތާގެ މުއްދަތަށް ދަމަހައްޓާނެކަމަށް އިޢުލާނުކޮށްފިއެވެ.

އޮސްޓްރޭލިއާގައި މިހާތަނަށް 26،000އަށްވުރެ ގިނަ މީހުންނަށް ކޯވިޑް-19ޖެހި 753 މީހުންވަނީ މަރުވެފައެވެ. އޭގެ ތެރެއިން 90 އިންސައްތައަށްވުރެ ގިނަ މީހުން މަރުވެފައިވަނީ އެންމެ ހަލުވޮކޮށް ބަލި ދެތުރޭމުންދާ ވިކްޓޯރިއާ ސްޓޭޓުގައެވެ. ބަލި ފެތުރޭ މިންވަރު އިތުރުވުމުގެ ސަބަބުން ޖުލައި މަހުގެ 9ވަނަ ދުވަހު އެ ސްޓޭޓުގެ މެލްބަން ސިޓީވަނީ ދެވަނަ ފަހަރަށް ފުރަބަންދުކޮށްފައެވެ.

މެލްބަންގައި އަޅާފައިވާ ފުރަބަންދުގެ މަރުޚަލާ 4ގެ ފިޔަވަޅުތަކުގެ ދަށުން ރޭގަނޑުގެ ވަގުތުތަކުގައި ބޭރަށް ނުކުތުން އެ ސިޓީގައި ދިރިއުޅޭ މީހުންނަށްވަނީ މަނާކޮށްފައެވެ. ކުރިން ހަމަޖެހިފައި އޮތީ މަރުޚަލާ 4ގެ ފިޔަވަޅުތައް ސެޕްޓެމްބަރު މަހުގެ 13ވަނަ ދުވަހު އުވާލުމަށެވެ. ނަމަވެސް ބަލިފެތުރޭ މިންވަރު އެދެވޭ މިންވަރަށް ދަށަށް ގޮސްފައި ނުވާތީ އެ ކާފިއު އިތުރު ދެ ހަފުތާއަށް އިތުރުކޮށް ސެޕްޓެމްބަރު މަހުގެ 28ވަނަ ދުވަހާހަމައަށް ދަމަހައްޓަން ނިންމަވާފައިވާކަމަށް ވިކްޓޯރިއާ ސްޓޭޓުގެ ޕްރެމިއާ ޑެނިއަލް އެންޑްރޫސްވަނީ އިޢުލާނުކުރައްވާފައެވެ.

ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި ކޮންމެވެސް ވަރެއްގެ ލުއިތަކެއް ދޭނެއެވެ. އެގޮތުން ރޭގަނޑު 8 ޖަހާއިރު މިހާރު ފަށައި ކާފިއު ދެން ފަށާނީ ރޭގަނޑު 9 ޖަހާއިރެވެ. އޭގެ އިތުރުން އެކަނި ދިރިއުޅޭ ފަރާތްތަކުގެ ގެއަށް އެއް މެހެމާނު ޒިޔާރަތްކުރުމުގެ ޙުއްދަވަނީ ދީފައެވެ. ކޮންމެ ދުވަހަކުވެސް ކަސްރަތުކުރުމަށް ދޭ އެއް ގަޑިއިރުވަނީ ދެ ގަޑިއިރަށް އިތުރުކޮށްފައެވެ.

އެންޑްރޫސް ވިދާޅުވީ ސެޕްޓެމްބަރު 28ގެ ކުރިން ދުވާލެއްގެ މައްޗަށް ބަލިޖެހޭ މީހުންގެ ޢަދަދު 30އާއި 50އާ ދެމެދުގެ ޢަދަދެއްގައި ހުންނަނަމަ ޢާންމު ތަންތަނުގައި ބައްދަލުކުރެވޭ މީހުންގެ ޢަދަދު ދެ ގޭބިސީއަކަށް ނިޞްބަތްވާ ފަސް މީހުންނަށް އިތުރުކުރައްވާނެކަމަށެވެ. އޭގެ އިތުރުން މަދަރުސާތަކުގައި ބައެއް ގުރޭޑުތަކުގެ ކިޔެވުންވެސް އަލުން ފަށާނެއެވެ. އޭގެ އިތުރުން ކުޑަކުދިން ބަލަހައްޓައިދޭ މަރުކަޒުތަކާއި ބައެއް ސިނާޢަތްތައްވެސް އަލުން ހުޅުވައިލާނެއެވެ.

އޭގެ އިތުރުން އޮކްޓޯބަރު މަހުގެ 26ވަނަ ދުވަހުގެ ކުރިން ދުވާލެއްގެ މައްޗަށް ބަލިޖެހޭ މީހުންގެ ޢަދަދު 5އަށްވުރެ ދަށްވެއްޖެނަމަ ކާފިއު އުވާލައި ޢާންމުން ގެއިން ބޭރަށް ނުކުތުމުގައި އެއްވެސް ހުރަހެއް ނޯންނާނެކަމަށް ވެރަން ވިދާޅުވިއެވެ. އަދި 5 ކިލޯ މީޓަރަށްވުރެ ދުރަށް ދަތުރު ނުކުރެވޭގޮތަށް އޮތް އޮތުންވެސް އުވާލާނެއެވެ. އެންޑްރޫސް ވިދާޅުވީ ކަންކަން އަލުން ފަށައިގަތުމުގައި ރައްކާތެރިކަމާއި ފަރުވާތެރިކަމާއެކު މަސައްކަތްކުރުން ވަރަށް މުހިންމުކަމަށެވެ.