ޚަބަރު

ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި ފަރަންސޭސިވިލާތުގެ ޙާލަތު ގޯސްވާނެ


ކުރިއަށްއޮތް 15 ދުވަހުގެ ތެރޭގައި ފަރަންސޭސިވިލާތުގައި ކޯވިޑް-19ގެ ސަބަބުން ޙާލުދެރަވާ މީހުންގެ ޢަދަދު އިތުރުވާނެކަމުގެ އިންޒާރު އެ ޤައުމުގެ ސަރުކާރުން ދީފިއެވެ.

ފަރަންސޭސިވިލާތުގައި މިހާތަނަށް 317،706 މީހުންނަށް ކޯވިޑް-19ޖެހި 30،724 މީހުންވަނީ މަރުވެފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 8،550 މީހުންނަށް ބަލިޖެހފައެވެ. އެއީ މިދިޔަ މާރިޗު މަހުގެ ތެރޭގައި ފަރަންސޭސިވިލާތުގައި ހަރުކަށި ފުރަބަންދެއް ޤާއިމްކޮށްފައިވާ އޮތްއިރު ދުވާލެއްގެ މައްޗަށް އެވަރެޖުކޮށް ބަލިޖެހެމުންދިޔަ 7،578 މީހުންނަށްވުރެ 1،500 ކޭސް އިތުރު ޢަދަދެކެވެ.

ފަހަކަށް އައިސް ފަރަންސޭސިވިލާތުގައި ބަލި ގިނައިން ޖެހިފައިވަނީ ޒުވާނުންނަށްކަމުން ކުރިން ބާރުބޮޑުވެފައިވާ އެ ޤައުމުގެ ހަސްފަތާލުތަކުގެ ޙާލަތު މާ ބޮޑަށް ގޯސްވެފައެއް ނުވެއެވެ. އޭޕްރިލް މަހުން ފެށިގެން ހަސްފަތާލުގައި އެނދުމަތިކުރާ މީހުންގެ ޢަދަދު ދަށަށް ދިޔަ ނަމަވެސް ފާއިތުވި ހަ ދުވަހުގެ ތެރޭގައި އެ ޢަދަދުވަނީ އަނެއްކާވެސް އިތުރުވާން ފަށައިފައެވެ.

ފަރަންސޭސިވިލާތުގެ ޞިއްޙަތާބެހޭ ވަޒީރު އޮލިވިއާ ވެރަން ވިދާޅުވީ ފާއިތުވި ދުވަސްތަކުގައި ބަލިޖެހިފައިވާ މީހުންގެ ޢަދަދު އިތުރުވުމުގެ ސަބަބުން ކުރިއަށް ދެ ހަފުތާގެ ތެރޭގައި ޙާލުދެރަވާ މީހުންގެ ޢަދަދު އިތުރުވާނެކަމަށެވެ. ނަމަވެސް މުޅި ޤައުމު ފުރަބަންދުކުރަން ޖެހޭނެކަމަށް ޤަބޫލުކުރައްވާކަމަށާއި ތަހުލީލުކުރުން އިތުރުކުރުންފަދަ އުކުޅުތައް ބޭނުންކޮށްގެން ބަލިފެތުރޭ މިންވަރު މަދުކުރެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.

ވެރަން އިތުރަށް ވިދާޅުވީ ނިމިގެންދިޔަ ބަހާރު މޫސުމުގައި ބަލިފެތުރުނު މިންވަރަށް މިހާރު އެ ޤައމުގައި ބަލި ނުފެތުރޭކަމަށެވެ. ބަލިފެތުރޭ މިންވަރު ލަސްވެފައިވާ ނަމަވެސް އެންމެންވެސް ސަމާލުވެ ހުށިޔާރުވާންޖެހޭނެކަމަށް އޭނާ ވިދާޅުވިއެވެ. ޙާލު ބޮޑުވާ މީހުންނަށް ފަރުވާދޭ އައިސީޔޫގައި ދުވާލަކު 55 މީހުންނަށް މިހާރު ފަރުވާދެމުންދާކަމަށާއި އޭގެ މާނައަކީ މަހެއްގެ މައްޗަށް 1،500އާއި 2،000އާ ދެމެދުގެ ޢަދަދަކަށް އައިސީޔޫގައި ފަރުވާދޭން ޖެހޭކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މިހާރު އެނދުމަތިކޮށްފައިވާމީހުންނަކީ މީގެ ދެ ހަފުތާކުރިން ބަލި ޖެހިފައިވާ މީހުންކަމަށާއި ކުރިއަށް އޮތް ދެ ހަފުތާގައި ޙާލު ބޮޑުވާ މީހުންގެ ޢަދަދު އިތުރުވާނެކަމަށް އޭނާ ވިދާޅުވިއެވެ.