ޚަބަރު

އަޑުގެ އެންޓަނާތައް ތިލަފުއްޓަށް ބަދަލުކުރަނީ


ހެންވޭރު ލޮނުޒިޔާރަތްކޮޅުގައި ހުރި
ދިވެހިރާއްޖޭއަޑުގެ އެންޓަނާތައް ތިލަފުއްޓަށް ބަދަލުކުރުމަށް، ތިލަފުށިން އެކަމަށްބޭނުންވާ
ބިން ހިއްކުމުގެ މަސައްކަތްކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.



މިއަދު ހޯމް މިނިސްޓްރީގައި ބޭއްވި
ރަސްމިއްޔާތެއްގައި މިމަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ހޯމް
މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވުމަށްފަހު ޕީއެސްއެމްއަށް މައުލޫމާތުދެއްވަމުން
ހޯމް މިނިސްޓަރ އުމަރު ނަޞީރު ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން ބިންހިއްކުމުގެ
މަސައްކަތް މިއަހަރުގެ ފަހުކޮޅު ނިންމާ އެންޓަނާތައް އެތަނުގައި ހަރުކުރުމުގެ
މަސައްކަތް ފެށޭވަރުވާނެކަމަށެވެ. މިނިސްޓަރ އުމަރު ނަޞީރު ވިދާޅުވީ
މިމަސައްކަތަކީ މާލެ ރީޑިވޮލޮޕް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފައްޓަވާފައިވާ
މަސައްކަތުގެ ދަށުން ކުރިޔަށްދާ މަސައްކަތެއްކަމަށާ، އެގޮތުން ލޮނުޒިޔާރަތްކޮޅުގައި
ހުރި އެންޓަނާތައް ނަގާ އެތަނަކީވެސް މުނިފޫހި ފިލުވުމުގެ ކަންކަންފަދަ ކަންކަން
ބޭނުންކުރެވޭ ތަނަކަށް ވެގެންދާނެކަމަށެވެ.



"ރައީސް ޔާމީންގެ މާލެ މުޅިން
ރިޑިވޮލޮޕްކުރުމުގެ ޕްލޭންގައި ހިމެނޭ ވަރަށް މުހިންމު މަސައްކަތެއް މި
މަސައްކަތަކީ. އެހެންވީމާ އެއްބަސްވުމުގެ ދަށުން އެމްޓީސީސީގެ ފަރާތުން
ތިލަފުށީގައި ބިމެއް ހިއްކާ އެބިމަށް ހެންވޭރު އަޑިޕާކުގައި މިހުރި އެންޓަނާތައް ވަރަށް
އަވަހަށް ބަދަލުކުރެވިގެންދާނެ" މިނިސްޓަރ ވިދާޅުވިއެވެ.



މި އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން
ސޮއިކުރެއްވުމަށްފަހު މީޑިޔާއަށް މައުލޫމާތުދެއްވަމުން އެމްޓީސީގެ ސީއީއޯ
އިބްރާހިމް އަބުދުއްރައްޒާގު ހަލީމް ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން
ތިލަފުށީގައި ދެހާސް އައްސަތޭކަ އަށްޑިހަ ދެ އަކަމީޓަރުގެ ސަރަހައްދެއް ހިއްކުމަށް
ހަމަޖެހިފައިވާކަމަށާ، މިހާރުން މިހާރަށްވެސް އެސަރަހައްދުގެ އީއައިއޭ ހެދުމުގެ
މަސައްކަތް ފައްޓަވާނެކަމަށެވެ.



އަޑުގެ އެންޓަނާތައް
ބަދަލުކުރުމާބެހޭގޮތުން  ޕީއެސްއެމްގެ
މެނޭޖިންގް ޑިރެކްޓަރ އިބްރާހިމް ޚަލީލު ވިދާޅުވީ، ތިލަފުށީގައިގައި
ޤާއިމުކުރެވިގެންދާނީ މުޅިން އާތަނެއްކަމަށާ، މި މަސައްކަތް ނިމޭއިރު ދިވެހި
ރާއްޖޭ އަޑުގެ ޚިދުމަތް ޑިޖިޓަލްކޮންނާއި އެނަލޮގްކޮށްވެސް މުޅި ރާއްޖެއަށް
މިހާރަށްވުރެ ފުރިހަމައަށް އަޑުގެ ޚިދުމަތް ލިބިގެންދާނެކަމަށެވެ.



" ޖަޕާނު ސަރުކާރުގެ ހިލޭ އެހީގެ
ދަށުން އަޅުގަނޑުމެން ފަށާ މަޝްރޫއެއް މިއީ. މި މަޝްރޫއު ނިމޭއިރު ރާއްޖޭގެ ތުރާކުނުންފެށިގެން
އައްޑުއަށް، ކަނޑާއެއްކޮށް، އެނަލޮގް ކޮންނާ ޑިޖިޓަލްކޮށް ދިވެހިރާއްޖޭއަޑުގެ
ޚިދުމަތް ލިބިގެންދާނެ" ޚަލީލު ވިދާޅުވިއެވެ.



ޚަލީލު ވިދާޅުވީ ޖަޕާނު ސަރުކާރުގެ ހިލޭ
އެހީގެ ދަށުން ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވާ މިމަޝްރޫއުގެ މަސައްކަތްނިމި
އަންނަ އަހަރުގެ ކުރީކޮޅު މިތަން މެދުވެރިކޮށް ދިވެހިރާއްޖޭގެ އަޑުން ބްރޯޑްކާސްޓް
ކުރަން ފެށޭވަރުވާނެކަމަށެވެ.