ޚަބަރު

ފެންބޮޑުވުމާއި ޗަކަ ފޭބުމުގެ ހާދިޘާއެއްގައި ނޭޕާލުގައި 12 މީހުން މަރުވެއްޖެ


ބޯ ވާރޭގެ ސަބަބުން ނޭޕާލުގައި ހިނގި ފެންބޮޑުވުމާއި ޗަކަ ފޭބުމުގެ ހާދިޘާއެއްގައި 12 މީހުން މަރުވެ 36 މީހުން ގެއްލިފައިވާކަމަށް އެ ޤައުމުން ބުނެފިއެވެ.

ނޭޕާލުގެ ދާޚިލީ ވުޒާރާގެ ފަރާތުން ވާހަކަދެއްކެވި މުރާރީ ވަސްތީ ވިދާޅުވީ ފެންބޮޑުވުމުގެ ހާދިޘާތަކުގައި ނޭޕާލުގެ ބަގުލަންގު ޑިސްޓުރިކްޓުގެ 30އަށްވުރެ ގިނަ ގެ ނެތިގޮސްފައިވާކަމަށެވެ. މިހާތަނަށް އެ ސަރަޙައްދުން 12 މީހުންގެ ހަށިގަނޑުވަނީ ފެނިފައެވެ. ހާދިޘާގައި ޙަލުގައި ޖެހިފައިވާ މީހުން ހޯދުމުގެ މަސައްކަތްކުރަމުންދާކަމަށާއި މަރުވި މީހުންގެ ޢަދަދު އިތުރުވުން އެކަށީގެންވާކަމަށް އޭނާ ވިދާޅުވިއެވެ. ވަސްތީ އިތުރަށް ވިދާޅުވީ މިއީ މި އަހަރު ނޭޕާލަށް ކުރިމަތިވި އެންމެ ބޮޑު ގުދުރތަތީ ކާރިސާކަމަށެވެ.

ނޭޕާލުގެ އަސްކަރިއްޔާގެ ތަރުޖަމާނު ސަންތޯޝް ބީ ޕުޑްޔަލް ވިދާޅުވީ ޙާލުގައި ޖެހިފައިވާ މީހުން ހޯދުމުގެ މަސައްކަތް ސިފައިން ކުރަމުންދާކަމަށެވެ. ނަމަވެސް ބޯ ވާރޭގެ ސަބަބުން ހެލިކޮޕްޓަރު ޖެއްސުމަށް ދަތިވެ އެ މަސައްކަތަށް ހުރަސްއެޅިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ޖޫން މަހާއި ސެޕްޓެމްބަރުމަހާ ދެމެދު މޫސުމީ ވާރޭގެ ސަބަބުން ފެންބޮޑުވުމާއި ޗަކަފޭބުމުގެ ގިނަ ހާދިޘާތައް ނޭޕާލުގައި ހިންގައެވެ. މި އަހަރުގެ މިހާތަނަށް އެފަދަ ހާދިޘާތަކުގައި އެ ޤައުމުގައި 287 މީހުން މަރުވެ 157 މީހުންވަނީ ޒަޚަމްވެފައެވެ. 114 މީހުންވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ.