އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީގެ ޓްވިޓަރ އެކައުންޓެއް ހެކުކޮށްފައިވާކަން ޓްވިޓަރއިން ޔަޤީންކޮށްދީފިއެވެ.
މޯދީގެ ޓްވިޓަރ އެކައުންޓަކުން އެހީތެރިކަން ފޯރުކޮށްދޭ ފަންޑެއްކަމަށްވާ ޕީއެމް ނޭޝަނަލް ރިލީފު ފަންޑަށް އިންޓަނެޓު ފައިސާ ނުވަތަ ކުރިޕްޓޯ ކަރަންސީ ބޭނުންކޮށްގެން ފައިސާ ހަދިޔާކުރުމަށް އެދި ގިނަ ޓުވީޓުތަކެއްވަނީ ކޮށްފައެވެ. އެ ޓުވީޓުތައް މިހާރުވަނީ ޑިލީޓު ކޮށްލާފައެވެ. މޯދީގެ ނުރަސްމީ ވެބްސައިޓާއި ނަރެންދްރާ މޯދީ މޯބައިލް އެޕްލިކޭޝަނުގެ ރަސްމީ ޓްވިޓާ އެކައުންޓުގެ ގޮތުގައި ބޭނުންކުރާ އެ ހޭންޑުލް 2.5 މިލިއަނަށްވުރެ ގިނަ މީހުން ފޮލޯކުރެއެވެ. ޓްވިޓާއިން ބުނީ މޯދީގެ އެކައުންޓަކަށް ސައިބަރ ޙަމަލާއެއް ދީފައިވާކަން ފާހަގަވެފައިވާކަމަށާއި އެކައުންޓުގެ ސަލާމަތްކަން ޔަޤީންކުރުމަށް ފިޔަވަޅުއަޅާފައިވާކަމަށެވެ.
އެ ހާދިޘާ އިތުރަށް ތަހުގީގުކުރަމުންދާކަމަށްވެސް ޓްވިޓާރގެ ފަރާތުން ވާހަކަދެއްކި ތަރުޖަމާނަކު ބުންޏެވެ. އެހެން އިތުރު އެކައުންޓަކަށް ޙަމަލާ ދީފައިވާކަން މިހާތަނަށް އެނގިފައިނުވާކަމަށް ޓްވީޓަރއިން ބުންޏެވެ. 61 މިލިއަން މީހުން ފޮލޯކުރާ މޯދީގެ ރަސްމީ އަމިއްލަ އެކައުންޓަށް ހާދިޘާގައި އަސަރުކޮށްފައެއް ނުވެއެވެ.
ބޮޑުވަޒީރު މޯދީގެ އެކައުންޓެއް ހެކުކޮށްފައިވަނީ މިދިޔަ ޖުލައި މަހުގައި މަޝްހޫރު ބައެއް ފަރާތްތަކުގެ ޓްވިޓަރ އެކައުންޓުތައް ހެކުކޮށްފައި ވަނިކޮށެވެ. އެގޮތުން އެމެރިކާގެ ރިޔާސީ ކެންޑިޑެޓު ޖޯ ބައިޑަނާއި ކުރީގެ ރައީސް ބަރަކް އޮބާމާއާއި ބިލިއަނަރު އީލޮން މަސްކުގެ އެކައުންޓު ހެކުކޮށް އިންޓަނެޓު ފައިސާ ހޯދުމަށްވަނީ ބެނުންކޮށްފައެވެ.