ޚަބަރު

ނަވަލްނީއަށް ގެއްލުން ދީފައިވަނީ ކެމިކަލެއް ބޭނުންކޮށްގެން: މާކެލް


ރަޝިޔާގެ އިދިކޮޅު ސީޔާސީ ލީޑަރެއްކަމަށްވާ އެލެކްސީ ނަވަލްނީއަށް ގެއްލުންދިނުމަށް ނާވް އޭޖެންޓެއް ބޭނުންކޮށްފައިވާކަމަށް ޖަރުމަނުވިލާތުގެ ޗާންސެލަރު އަންގެލާ މާކެލް ވިދާޅުވެއްޖެއެވެ.

މިދިޔަ މަހުގައި މޮސްކޯއަށް ދަތުރުކުރައްވަން މަތިންދާބޯޓެއްގައި އިންނަވަނިކޮށް ނަވަލްނީގެ ހާލުކޮޅު ދެރަވެ މަތިންދާބޯޓުވަނީ ކުއްލި ޙާލަތުގައި ސައިބީރިއާގެ އޮމްސްކަށް ޖައްސައި، އެ ސިޓީގެ ހަސްފަތާލެއްގެ އައިސީޔޫގައި ފަރުވާ ދީފައެވެ. ނަވަލްނީއަށް ޒަހަރު ދީފައިވާކަމަށް އޭނާގެ ޢާއިލާއާއި ވާގިވެރިން ތުހުމަތުކުރިއެވެ. ނަމަވެސް ނަވަލްނީއަށް ފަރުވާދިން ހަސްފަތާލުންވަނީ އޭނާއަށް ޒަހަރު ދީފައިވާކަމުގެ ހެއްކެއް ފެނިފައި ނުވާކަމަށް ބުނެފައެވެ. އޭގެ ފަހުން، ޢާއިލާގެ އެދުމުގެ މަތިން އޭނާވަނީ އިތުރު ފަރުވާއަށް ޖަރުމަނުވިލާތަށް ގެންގޮސްފައެވެ. ބާލިންގައި ހުންނަ ހަސްފަތާލެއްގައި އޭނާއަށް މިހާރު ފަރުވާދެމުންދަނީ ވެންޓިލޭޓަރުގެ އެހީގައި އައިސީޔޫގައެވެ.

މާކެލް ވިދާޅުވީ ނަވަލްނީއަށް ގެއްލުން ދިނުމަށް ރޫސީވިލާތުގެ އަސްކަރިއްޔާއިން ބޭނުންކޮށްފައިވާފަދަ މާއްދާއެއް ބޭނުންކޮށްފައިވާކަމަށެވެ. އޭނާއަށް ގެއްލުން ދިނުމަށް ބޭނުންކޮށްފައިވާ ނާވް އެޖެންޓު ނުވަތަ ނާރުތަކުން ހަށިގަނޑުގެ ގުނަވަންތަކަށް މެސެޖު ފޮނުވުމަށް ހުރަސްއަޅާ ކެމިކަލް ހަތިޔާރެއްކަމަށްވާ ނޮވިޗޮކް ބޭނުންކޮށްފައިވާކަން އެނގޭކަމަށެވެ. ނަވަލްނީ އަވަހާރަކޮށްލުމަށް މަސައްކަތްކޮށްފައިވާކަން މިހާރު ޔަޤީންވެފައިވާކަމަށާއި އެކަމާގުޅޭ ގޮތުން ރަޝިޔާއިން ޖަވާބުދާރީވާންޖެހޭކަމަށް މާކެލް ވިދާޅުވިއެވެ. ނޭޓޯގެ ބައިވެރިންނާއެކު މައްސަލައާ ގުޅޭގޮތުން ޢަމަލުކުރާނެ ގޮތަކާމެދު މަޝްވަރާކުރައްވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެއާއެކު ރަޝިޔާއަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފާނެކަމުގެ ފުރުޞަތު އޮތްކަމަށްވަނީ ބެލެވިފައެވެ.

ނަމަވެސް ރަޝިޔާއިންވަނީ އެ ޤައުމުގެ އެއްވެސް ބައިވެރިވުމެއް ނަވަލްނީ އަވަހާރަކޮށްލުމަށް ކޮށްފައިވާ މަސައްކަތުގައި ނޯންނާނެކަމަށް ބުނެފައެވެ. ރަޝިޔާގެ ޚާރިޖީ ވުޒާރާރިން ބުނީ ޖަރުމަނުވިލާތުން ކުރަމުންދާ ތުހުމަތުތަކަށް ބާރުދޭ އެއްވެސް ހެއްކެއް ނެތްކަމަށެވެ. އަދި ނަވަލްނީއާ ގުޅޭ މަޢުލޫމާތު ޙިއްޞާކުރުމުގައި ޖަރުމަނުވިލާތުން ޢަމަލުކުރަމުންދާގޮތް އެ އިދާރާއިންވަނީ ކުށްވެރިކޮށްފައެވެ