ޚަބަރު

ގެފުޅު ޒަމްޒަމާއި ފިނިފެނާއި އަތަރުން ދޮވުން

ކައުބަތުﷲ ގެފުޅު ދޮވުން ނުވަތަ (ގުސުލް ކާބާ) އަކީ މީގެ އެތައް އަހަރެއް ކުރިން مُحَمَّدٌ رَسُولُ ٱللَّٰهِ صلى الله عليه وسلمގެ ޒަމާނުންސުރެ ކުރަމުން އަންނަކަމެކެވެ.

މާތް ނަބިއްޔާ މައްކާ ފަތަހަ ކުރެއްވުމަށްފަހު އެތަނުގައި ހުރި ބުދުތަކާއި ކާފަރުން އަޅުކަން ކުރުމަށް ބޭނުންކުރި ތަކެތި ނައްތާލައްވައި ގެފުޅު ދޮވެ ސާފުކުރެއްވިއެވެ. އެއަށްފަހު އެކަލޭގެފާނުގެ ސަހާބީންވެސް ކޮންމެ އަހަރަކު ގެފުޅު ދޮންނަވަމުން ގެންދެވިއެވެ.

ބައެއް އިލްމްވެރިންގެ ވިދާޅުވާ ގޮތުން ނަބިއްޔާގެ ދުވަސްވަރު އެކަލޭގެފާނު އަހަރަކު ދެ ފަހަރު ގެފުޅު ދޮންނަވައެވެ. އިސްލާމުން ފާހަގަކުރާ ހިޖްރީ އަހަރުގެ ތެރޭ ދެ ފަހަރުއެވެ. މިގޮތުން ގެފުޅު ފުރަތަމަ ދޮންނަނީ ހިޖްރީ އާ އަހަރުގެ ފުރަތަމަ މަސް މުހައްރަމް މަހުގެ ތެރޭގައެވެ. ދެން ގެފުޅު ދޮންނަނީ ކޮންމެ އަހަރެއްގެވެސް ރޯދަ މަސްފެށުމުގެ ކުރިން ޝައުބާން މަހުގެ ތެރޭގައެވެ.

ސައުދީ ސަރުކާރުން އަދި އަދަށްވެސް އަންނަނީ ނަބިއްޔާގެ މި ސުންނަތުގައި ހިފަހައްޓަމުންނެވެ. ހިޖްރީ ކޮންމެ އަހަރަކވެސް ދެ ފަހަރަށް ގެފުޅުން ދޮންނަމުންނެވެ. މިކަމަށް ކޮންމެ އަހަރަކުވެސް ހާއްސަ ރަސްމިއްޔާތެއް ބާއްވަމުންނެވެ.

މި އަހަރު ގެފުޅު ދޮވުން އޮތީ ރޭ އިޝާނަމާދަށް ފަހުއެވެ. މި ފަހަރުގެ މި ރަސްމިއްޔާތު އެހެން އަހަރުތަކާއި މިވަނީ ތަފާތުވެފައެވެ. ގެފުޅު ދޮވުމުގެ ކުރިންވެސް މި އަހަރު އެހެން ބައެއް ކަންކަން މިވަނީ ކުރަން ޖެހިފައެވެ.

ގެފުޅު ދޮންނަނީ ކޯއްޗަކުން

ގެފުޅު ދޮވުމަށް ބޭނުންކުރާ ފެން ތައްޔާރުކުރުމަށް ވަކި މެމްބަރުންތަކެއް ކަނޑައަޅާ އެ މަސައްކަތް އޮންނަނީ އެ މެމްބަރުންނާއި ހަވާލުކޮށްފައެވެ. މިގޮތުން ގެފުޅު ދޮވުން އޮންނަ ދުވަހުގެ ކުރީ ދުވަހު މި ޓީމުން ގެފުޅު ދޮވުމަށް ބޭނުންކުރާ ފެން ތައްޔާރުކުރެއެވެ.

ގެފުޅު ދޮވުމަށް ބޭނުންކުރަނީ ވަކި ބާވަތްތަކެއް ބޭނުންކޮށްގެން އުފައްދާ ފެނެކެވެ. މިގޮތުން މި ފެން އުފައްދަނީ ޒަމްޒަމް ފެނުގެ ތެރެއަށް ފިނިފެނާއި އޫދް އަތަރު އެއްކޮށްގެންނެވެ. މިކަމަށް ބޭނުންކުރާ އަތަރާއި ފިނިފެނަކީ އެންމެ ފެންވަރު ރަނގަޅު ތަކެތިކަން ބަލައި މިކަމަށް އެކުލަވާލާފައިވާ މެމްބަރުން ޔަގީންކުރާނެއެވެ. އަދި އެމީހުން އެ ޔަޤީންކަން ދިނުމުން ނޫނީ ގެފުޅު ދޮންނަ ބޭނުންކުރާ ފެން ތައްޔާރެއް ނުކުރާނެއެވެ.

ގެފުޅުގެ އެތެރެ ފާރުތައް ދޮވެ ސާފުކުރުމަށް ބޭނުންކުރަނީ މިކަމަށް ހާއްސަކޮށް ތާއްޔާރުކުރާ ފެން ބޭނުންކޮށްގެން ހުދު ފޮތިންނެވެ. އަދި ބިންމަތި ސާފުކުރަނީ މި ބުނި ފެން ބިންމައްޗަށް ޖެހުމަށްފަހު ހުސްއަތުން ނޫނީ ކަދުރު ރުކުގެ ފަން ބޭނުންކޮށްގެންނެވެ.

ގެފުޅު ދޮންނަށް ތައްޔާރުކުރާ ފެން އުފެއްދުމަށް ސައުދީ ސަރުކާރުން ކޮންމެ އަހަރަކުވެސް އެތައް ހާސް ރިޔާލެއް ހޭދަކުރެއެވެ.

ގެފުޅު ދޮވުމުގައި ބައިވެރިވަނީ ކޮންބައެއް

ކޮންމެ އަހަރަކުވެސް ގެފުޅު ދޮވުމުގެ ރަސްމިއްޔާތުގައި ސައުދީ ސަރުކާރުން ބައިވެރިކުރާ މެހެމާނުންނާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތަކާއި ނަފްތަރު ސައުދީ ސަރުކާރަށް ރައްދުވެއެވެ. ބައެއް މީހުން ރުޅިގަދަވަނީ ހަރަމް ފުޅުގައި އޮންނަންޖެހޭ ހަމަހަމަކަން ސައުދީ ސަރުކާރުން ނުބާއްވާކަމަށް ބުނެއެވެ. ހަރަމްފުޅު ބެލެހެއްޓުމުގައި ހަރަކާތްތެރިވާ ސިފައިން އެވަގުތު އަޅުކަން ކުރަމުންދާ އާއްމުން ގެފުޅު ކައިރިން ދުރައްޖައްސާތީއެވެ. އަދި ގެފުޅު ދޮވުމުގައި ބައިވެރިވުމުގެ ފުރުސަތު ސައުދީއާއި އެހެން ޤައުމުތަކުގެ މަތީ މަޤާމުތަކުގައި ތިބޭ މީހުންނަށް ދޭތީއެވެ.

އެހެންނަމަވެސް މިކަމާއި މެދު ރަނގަޅަށް ވިސްނާލުން މުހިއްމެވެ. ހަރަމްފުޅުގެ މަތާފް ސަރަހައްދު ނުވަތަ ގެފުޅު ހުންނަ ސަރަހައްދުގައި އާއްމުކޮށް ކޮންމެ ވަގުތަކުވެސް 1000 މީހުން ތަވާފްކުރުމާއި ނަމާދުކުރުމުގައި އުޅޭނެއެވެ. ސަލާމަތީ ކަންކަން ދޫކޮށްލާ މި އެންމެން ގެފުޅު ދޮވުމުގައި ބައިވެރިވުމަށް ދޫކޮށްލައިފިނަމަ ވާނެ ގޮތް ހިތައް ގެންނަމާހެވެ.

މުސްލިމުންގެ ޤިބްލަކަމުގައިވާ ގެފުޅުގައި އަތް ބީއްސާލުމަށް ކޮންމެ މުސްލިމަކު ބޭނުންވާއިރު ގެފުޅު ދޮވުމުގައި ބައިވެރިވާން ބޭނުންނުވާނެ އެކަކުވެސް ހުންނާނެ ހެއްޔެވެ. އާއްމުކޮށްވެސް މީހުން ގިނަ މި ސަރަހައްދުގައި ފެންނާނީ ގެފުޅުގައި އަތް ބީއްސާލެވޭ ހިސާބާއި ހަޖަރުލް އަސްވަދު ކައިރީ ފިތި ބާރުވެގެން މީހުން އުޅޭތަނެވެ. އެހެން މީހުންނަށް އަނިޔާއެއް ނުވަތަ ގެއްލުމެއް ލިބޭގޮތަށް ކަންކަން ކުރުން އިސްލާމްދީނުގައި ހުއްދަ ނޫންނަމަވެސް އަނެއް މީހާއަށް ބެލުމެއްނެތި ކޮށްޕަމުންވެސް ބައެއް މީހުންގެ ގެފުޅުގައި އަތް ބީއްސާލުމަށް މީހުން ގަނޑުގެ ތެރެއިން އެތެރެއަށް ވަންނަ މަސައްކަތް ކުރާ ތަން ފެނާނެއެވެ.

ބައެއް މީހުންގެ އަމަލުތައް ހުންނަނީ މިގޮތަށްކަން އެނގޭއިރު ބޭނުން މީހަކަށް ގެފުޅު ދޮވުމަށް ގެފުޅަށް ވަނުމަށް ދޫކޮށްލައިފިނަމަ ތަނުގެ ކޮންޓްރޯލް ގެއްލި ފިތި ބާރުވެ ނުރައްކާތެރި ހާދިސާތައް ހިނގާ އެތައް ބައެއްގެ ފުރާނަ ގެއްލުމަކީ އެކަށީގެންވާކަމަކެވެ.

ވަކި ބަޔަކަށް ގެފުޅު ދޮވުމުގައި ބައިވެރިވުމުގެ ފުރުސަތު ސައުދީ ސަރުކާރުން ދެނީ މިހެންވެއެވެ. އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށެވެ. މިގޮތުން ގެފުޅު ދޮވުމުގައި ބައިވެރިވުމަށް ހުރިހާ މުސްލިމް ޤައުމުތަކުގެ ސަފީރުންނަށް ދައުވަތު ފޮނުވައެވެ. މިގޮތަށް އަމަލު ކުރުމުން ކޮންމެ މުސްލިމް ޤައުމަކަށްވެސް ގެފުޅު ދޮވުމުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދެއެވެ.

ގެފުޅު ދޮވުމުގެ ކަންކަން ހިގަނީ ކިހިނެތް

މާތް ނަބިއްޔާ مُحَمَّدٌ رَسُولُ ٱللَّٰهِ صلى الله عليه وسلمގެ ޒަމާނުން ފެށިގެން ކޮންމެ އަހަރަކުވެސް އާއްމުކޮށް ގެފުޅު ދޮންނަނީ މުހައްރަމް މަހުގެ 15 ވަނަ ދުވަހާއި ޝައުބާން މަހުގެ ފަހުކޮޅުއެވެ.

ކޮންމެ އަހަރަކުވެސް މި ރަސްމިއްޔާތު އޮންނަ ދުވަހު ހެނދުނު ހެނދުނާއި ހަރަމްފުޅުގެ ސަލާމަތީ ކަންކަން ބަލަހައްޓާ ފުލުހުން ގެފުޅު ވަށައިގެން އެތުރި އާއްމުން މަޑުމަޑުން ގެފުޅާއި ދުރަށް ޖައްސަން ފަށައެވެ. އަދި މި ސިފައިން ތިބޭ މި ބޮޅު ފުޅާކުރަމުން ކުރަމުން ގޮސް ވީހާވެސް ދުރަށް އާއްމުން ޖައްސައެވެ.

މި ރަސްމިއްޔާތަށް އެންމެ ފުރަތަމަ ހާޒިރުވާނީ ހަރަމްފުޅުގެ އިމާމުންނާއި މުއާޒިނުންނެވެ. ދެން މައްކާގެ ދުވަސްވީ މީހުންގެ ތެރެއިން ދައުވަތު ދީފައިވާ މީހުންނާއި ޤައުމުތަކުން އަންނަ މީހުންނެވެ. މި ރަސްމިއްޔާތުގައި ބައިވެރިވާ އެންމެ އިސްފަރާތް ހާޒިރުވާނީ މި އެންމެން ހާޒިރުވުމުންނެވެ.

މައްކާ ގަޑިން ހެނދުނުގެ ވަގުތެއްގައި އާއްމުކޮށް ބާއްވާ މި ރަސްމިއްޔާތެއް ހާޒިރުވާ ފަރާތްތަކުން މިސްކިތަށް ވަނުމަށްފަހު ފުރަތަމަ ކުރާނީ ތަހިއްޔަތުލް މަސްޖިދްގެ ނުވަތަ މަސްޖިދު ސުނަތުގެ ދެ ރަކުއަތެވެ. ގެފުޅު ދޮންނަން ފަށާނީ އެއަށްފަހުއެވެ.

ގެފުޅު ދޮވުމުގައި އާއްމުކޮށް ވަނީ އެންމެ ގިނަވަގެން ބައިގަޑިއިރެވެ. ގެފުޅު ދޮވެ ނިމުމުން އެކަމުގައި ބައިވެރިވި އެންމެ ތަވާފެއް ފުރިހަމަ ކުރާނެއެވެ. އަދި އެއަށް ފަހު އިބްރާހިމް ގެފާނު މަޤާމުފުޅު ކައިރީގައި ތަވާފްގެ ދެ ރަކުއަތް ނަމާދުކުރާނެއެވެ، އަދި މާތް ނަބިއްޔާގެ ސުންނަތާއި އެއްގޮތަށް ގެފުޅު ދޮވުމުގައި ބައިވެރިވި އެންމެނަށް ބޯތަށިތަކުގައި ޒަމްޒަމް ފެން ދޭނެއެވެ. އެއަށްފަހު ގެފުޅު އެ އައަހަރަށް ދޮވެ ނިމުނީއެވެ.

މި ފަހަރު ބައެއް ކަންކަން ތަފާތު

މިއަހަރުގެ ގެފުޅު ދޮވުމުގެ ރަސްމިއްޔާތުގައި ބައިވެރިވީ މަދު ބައެކެވެ. ސައުދީ ރަސްގެފާނު ކިންގް ސަލްމާންގެ ފަރާތްޕުޅުން މި ފަހަރުގެ ރަސްމިއްޔާތުގައި އެންމެ އިސްބޭފުޅެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތީ ކިންގެ ސަލްމާންގެ އެޑްވައިޒަރ، މައްކާގެ އަމީރު ހާލިދް އަލް ފައިސަލްއެވެ.

ކުރިން ކޮންމެ އަހަރަކު ދެ ފަހަރު ގެފުޅު ދޮވުނު ނަމަވެސް ސައުދީ ސަރުކާރުން ވަނީ އެ ނިންމުމަށް ބަދަލު ގެނެސްފައެވެ. މިގޮތުން ސައުދީ ސަރުކާރުން ނިންމާފައިވަނީ އަހަރަކު އެއް ފަހަރު ގެފުޅު ދޮންނާށެވެ. މި ބަދަލު ގެނައީ މިދިޔަ އަހަރުން ފެށިގެންނެވެ. މިގޮތަށް އަހަރަކު އެއްފަހަރު ގެފުޅު ދޮވުމަށް ސައުދީ ސަރުކާރުން ނިންމީ މިސްކިތް ބޮޑުކުރުމުގެ މަސައްކަތް ކުރަމުން އަންނާތީއެވެ.

އާއްމުކޮށް ގެފުޅު ދޮވުން މައްކާ ގަޑިން ހެނދުނު 10:00 ޖަހާއިރު ބޭއްވި ނަމަވެސް މި ފަހަރު ގެފުޅު ދޮވުން އޮތީ ރޭ އިޝާނަމާދަށްފަހުއެވެ. މި ފަހަރު ގެފުޅު ދޮވުމުގެ ރަސްމިއްޔާތު ބޭއްވުމުގެ ކުރިން ބުދަދުވަހުގެ ރޭ ވަނީ ގެފުޅު އެއްކޮށް ޑިސްއިންފެކްޓް ކޮށްފައެވެ. މީގެތެރޭގައި ގެފުޅުގެ ދޮރުކޮޅުން އެތެރެއަށް ވަނުމަށް ބޭނުންކުރާ ސިޑިތައްވެސް ވަނީ ޑިސްއިންފެކްޓް ކޮށްފައެވެ.

މިފަހަރުގެ އަނެއް ބަދަލަކީ ގެފުޅު ދޮވުމުގެ ރަސްމިއްޔާތު ކުރިޔަށްދިޔައީ ކޯވިޑާއި ގުޅިގެން އެކުލަވާލާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި އެކުއެވެ. މިގޮތުން މި ރަސްމިއްޔާތުގައި ބައިވެރިވާ ފަރާތްތަކަށް ޒަމްޒަމް ފެންދިނީ ކުދި ފުޅިތަކުގައެވެ. އަދި މިތަކެތި ވަނީ ބުދަދުވަހުގެ ރޭ ތައްޔާރުކޮށް ރައްކާތެރިކަމާއި އެކު ބަހައްޓާފައެވެ.

މި ފަހަރުގެ ގެފުޅު ދޮވުމުގެ ރަސްމިއްޔާތުގައި ފެނުނު އެންމެ ބޮޑު އެއް ތަފާތަކީ މި ފަހަރު ހަރަމްފުޅުގެ ސަލާމަތީ ކަންކަން ބަލަހައްޓާ ފުލުހުން ހެނދުނު ހެނދުނާއި ގެފުޅު ކައިރިން މީހުން ދުރަށް ޖައްސަން މަސައްކަތް ފަށާކަށް ނުޖެހޭނެއެވެ. ކޯވިޑާއި ގުޅިގެން ހަރަމްފުޅު އަދިވެސް އާއްމުންނަށް ހުޅުވާލާފައި ނުވާތީ ތަވާފްކޮށް މިސްކިތުގައި ނަމާދުކުރަނީ މިސްކިތް ދޮވެ ސާފުކޮށް ބަލަހައްޓާ މުވައްޒަފުންނެވެ.