ޚަބަރު

ނިއުކުލިޔަރ އެއްބަސްވުމުގެ ބައިވެރިން ވިއެނާގައި ބައްދަލުކޮށްފި


2015ވަނަ އަހަރު އީރާނާއެކު ވެފައިވާ ނިއުކުލިއާ އެއްބަސްވުމުގެ ބައިވެރިން ވިއެނާގައި ބައްދަލުކޮށްފިއެވެ.

މިދިޔަ އަހަރުން ފެށިން އީރާނުންވަނީ އެ ޤައުމުގެ ނިއުކުލިޔަރ ޙަރަކާތްތައް އިތުރުކުރަން ފަށައިފައެވެ. ނިއުކުލިޔަރ އެއްބަސްވުމުގައި ހިމެނޭ އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާއި ޖަރުމަނުވިލާތާއި ޗައިނާއާއި ރަޝިޔާއިންދަނީ އެއްބަސްވުން ރޫޅުނަނުދީ ދެމެހެއްޓުމަށް މަސައްކަތްކުރަމުންނެވެ. އެ މަސައްކަތް ކުރަމުންދަނީ އެއްބަސްވުމުގެ ދަށުން އީރާނާށް ހަތިޔާރު ވިއްކުން މަނާކޮށްފައި އޮތް މުއްދަތު ހަމަވުމުން، އެ މުއްދަތު އިތުރުކުރުމަށް އެމެރިކާއިން ކުރި މަސައްކަތް ނާކާމިޔާބުވުމުން އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް އެމެރިކާއިން މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައެވެ. އެމެރިކާއަކީ 2015 އަހަރުގެ ނިއުކުލިއާ އެއްބަސްވުމުގައި ބައިވެރިވެފައިވާ ޤައުމެއް ނަމަވެސް 2018ވަނަ އަހަރު އެމެރިކާއިންވަނީ އެ އެއްބަސްވުމުން ވަކިވެފައެވެ.

ބައްދަލުވުމުގެ މުޤައްރިރުގެ ގޮތުގައި ހުންނެވީ ވިލާތުގެ އިއްތިޙާދުގެ އިސް ބޭފުޅެއްކަމަށްވާ ހެލްގާ މާރިއާ ޝްމިޑެވެ. އެއްބަސްވުމުގައި ދެން ބައިވެރިވާ ޤައުމުތަކުގެ ޚާރިޖީ ވަޒީރުންގެ ނައިބުންނާއި އެހެނިހެން ސިޔާސީ ޑިރެކްޓަރުންވަނީ ސެޕްޓެމްބަރު މަހުގެ 1ވަނަ ދުވަހު ބޭއްވި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންފައެވެ.

މިދިޔަ ހަފުތާގައި އީރާނުންވަނީ 2000ގެ އަހަރުތަކުގެ ކުރީކޮޅު ނިއުކުލިޔަރ ޙަރަކާތްތައް ހިންގާފައިވާކަމަށް ޝައްކުކުރެވޭ ދެ ނިއުކުލިޔަރ މަރުކަޒެއް އދގެ އިންޓަނޭޝަނަލް އެޓޮމިކް އޭޖެންސީ (އައިއޭއީއޭ)އިން ފާސްކުރުމުގެ ޙުއްދަ ގިނަ ދުވަސްތަކަކަށްފަހު ދީފައެވެ. މިދިޔަ އަހަރު އައިއޭއީއޭގެ އިސްވެރިޔާގެ މަޤާމާ ޙާވާލުވެ ވަޑައިގެންނެވި ރަފައެލް ގްރޮސީވަނީ ފުރަތަމަ ފަހަރަށް އެ މަރުކަޒުތަކަށް ޒިޔާރަތްކުރައްވާފައެވެ. އީރާނުގެ ނިއުކުލިޔަރ އިދާރާއާއެކު ނެރުނު ބަޔާނެއްގައި ގްރޮސީ ވިދާޅުވީ ދެ ސަރަޙައްދު ފާސްކުރުމުގެ ޙުއްދަ އީރާނުން ދީފައިވަނީ އަމިއްލަ އިޚުތިޔާރުގައިކަމަށެވެ. އޭނާ ވިދާޅުވީ އައިއޭއީއޭއަކީ ތަފާތުކުރުމެއްނެތި މިނިވަންކަމާއި އިންސާފުވެރިކަމާއެކު މަސައްކަތްކުރާ އިދާރާއެއްކަމަށް ދެ ފަރާތުންވެސް ޤަބޫލުކުރާކަމަށެވެ.

އީއައިއީއޭއިން މިދިޔަ ޖޫން މަހުގައި އާންމުކުރި ރިޕޯޓަކުން ދައްކާގޮތުގައި އެއްބަސްވުމުގައި ބުނެފައިވާ ވަރަށް ވުރެ އަށް ގުނަ އިތުރަށް އީރާނުންވަނީ ޔުރޭނިއަމް ފައްކާކޮށްފައެވެ. ނަމަވެސް އެ ޢަދަދަކީ ނިއުކުލިއާ ހަތިޔާރު ތައްޔާރުކުރުމަށް ބޭނުންވާ މިންވަރަށްވުރެ މާ ބޮޑަށް ދަށް ޢަދަދެކެވެ. ނިއުކުލިއާ އެއްބަސްވުމުގައި ބައިވެރިވާ ޤައުމުތަކުންދަނީ އެއްބަސްވުމަށް ފުރިހަމައަށް ޢަމަލުކުރުމަށް އީރާނަށް ބާރު އަޅަމުންނެވެ.