ހޫނު މޫސުމުގެ ބަންދަށްފަހު ވިލާތުގެ ގިނަ ސަރަޙައްދުތަކުގެ މަދަރުސާތައްދަނީ ހުޅުވަމުންނެވެ. ކޯވިޑް-19ގެ ނުރައްކާ ފިލައިގެންގޮސްފައިނުވި ނަމަވެސް ބަލިމަޑުކަމުގެ ސަބަބުން އެތައް މަހެއް ވަންދެން ތަޢުލީމު ހާޞިލްކުރަމުންދިޔަ ދަރިވަރުން މަދަރުސާގެ ވެއްޓަށް އަނބުރާ ދިޔުމަކީ ކޮންމެހެން މުހިންމުކަމެއްކަމަށް ސަރުކާރުތަކުންދަނީ ބުނަމުންނެވެ. މަދަރުސާތައް އަލުން ހުޅުވުމުގައި އެކި ޤައުމުގައި ޢަމަލު ކުރަމުންދަނީ އެކި ގޮތަށެވެ. ބަލި ފެތުރޭ މިންވަރު އިތުރުވިޔަ ނުދިނުމަށް އެކި ސަރަޙައްދުތަކުގައި އަޅާފައިވަނީ އެކި ފިޔަވަޅުތަކެވެ.
އިނގިރޭސިވިލާތުގެ ފަށާ ތަޢުލީމުދޭ މަދަރުސާތައް ޖޫން މަހުގެ 1ވަނަ ދުވަހުވަނީ ހުޅުވަން ފަށައިފައެވެ. އެމުރުން 15 އަހަރާއި 18އަހަރާ ދެމެދުގެ ސާނަވީ ތަޢުލީމު ހާޞިލްކުރަމުންދާ ދަރުވަރުން ޖޫން މަހުގެ 15ވަނަ ދުވަހުން ފެށިގެންވަނީ މަދަރުސާއަށް އަނބުރާ ދާން ފަށައިފައެވެ. އައު ދިރާސީ އަހަރު ފެށި ހުރިހާ ގުރޭޑެއްގެ ދަރިވަރުން މިދިޔަ ހަފުތާގައިވަނީ މަދަރުސާއަށް އަލުން ދާން ފަށައިފައެވެ.
އިނގިރޭސިވިލާތުގައި ކުރި ދިރާސާއަކުން ދައްކާގޮތުގައި މަދަރުސާތަކުގެ ކުލާސްތައް ބަހާލައި އެއްފަހަރާ ކިޔަވާދޭ ދަރިވަރުންގެ ޢަދަދު މަދަރުސާތަކުގެ 96 އިންސައްތަވަނީ ކުޑަކޮށްކޮށްފައެވެ. އެގޮތަށް ޢަމަލުކުރަނީ ކުދިންގެ ދެމެދުގައި ރައްކާތެރި ދުރުމިނެއް ބަހައްޓައި ބަލިފެތުރުމުގެ ފުރުޞަތު ކުޑަކުރުމަށެވެ. ކިޔަވައިދޭން ފަށާ ގަޑިތަކާއި ކުދިންނަށް ބުރޭކުދޭ ގަޑިތަކަށް ބަދަލުގެނައުމަށް ގިނަ މަދަރުސާތަކުންވަނީ ރާވާފައެވެ. މާސްކާއި ރައްކާތެރިކަމުގެ އެހެނިހެން ވަޞީލަތްތައް ބޭނުންކުރުމުގައި އެކި މަދަރުސާތަކުގައި ޢަމަލުކުރަމުންދާ ގޮތް ތަފާތެވެ. އާންމު ތަންތަނުގައި ސާނަވީ ތަޢުލީމު ހޯދާ ދަރިވަރިން މާސްކު ބޭނުންކުރަންޖެހެނީ އެ ސަރަޙައްގެއް ފުރަބަންދުކޮށްފައިވާނަމަ އެކަންޏެވެ. ނަމަވެސް ސްކޮޓުލޭންޑުގައި މަދަރުސާގެ އެއްތަނުން އަނެއްތަނަށް ދާއިރުގައި މާސްކު ބޭނުންކުރަން ޖެހެއެވެ.
ފަރަންސޭސިވިލާތުގެ މަދަރުސާތައް ސެޕްޓެމްބަރު މަހުގެ 1ވަނަ ދުވަހުވަނީ ހުޅުވާފައެވެ. އުމުރުން 11އަހަރުން މަތީގެ ދަރިވަރުން ހުރިހާ ވަގުތެއްގައިވެސް މާސްކު ބޭނުންކުރަންޖެހެއެވެ. އެއީ މަދަރުސާގެ އެތެރޭގެ ކުލާސްރޫމްތަކާއި މާލަންތައްވެސް ހިމެނޭގޮތަށެވެ. ކުލާހުގެ ގުރޫޕުތައް އެއްވިޔަ ނުދިނުމަށާއި މަދަރުސާތަކުގައި ރަނގަޅަށް ވައި ދައުރުކުރޭތޯ ޔަޤީންކުރުމާއި ކުލާސްތަކުން ޖަރާސީމު ފިލުވުމަށް މަދަރުސާތަކަށްވަނީ އަންގާފައެވެ. ކުލާހަށް ހާޒިރުވުން ލާޒިމްކޮށްފައިވީ ނަމަވެސް ބަލި ފެތުރޭ މިންވަރު އިތުރުވާނަމަ ހަފުތާއެއްގެ ތެރޭގައި މަދަރުސާއަށް ހާޒިރުވާންޖެހޭ ދުވަހުގެ ޢަދަދު މަދުކުރެވިދާނެއެވެ. އަދި ބަލިފެތުރޭ މިންވަރު ވަރަށް ބޮޑަށް އިތުރުވެއްޖެނަމަ ވަގުތީގޮތުން މަދަރުސާރައް ބަންދުކުރެވޭނެއެވެ.
ޅަފަތުގެ ތަޢުލީމުދޭ މަދަރުސާތަކުގައި އެއް ކުލާހެއްގެ ގުރޫޕުގެ ދަރުވަރުން އިޖުތިމާޢީ ގައިދުރުކަން ބަހައްޓާކަށް ނުޖެހޭނެއެވެ. ފަށާ ތަޢުލީމުދޭ މަދަރުސާތަކުގައި ކުލާހުގެ ކުދިން ދެބަޔަކަށް ބަހާލައި އެއްފަހަރާ ކުލާހަށް ހާޒިރުވާ ދަރިވަރުންގެ ޢަދަދު 8 ދަރިވަރިންނާއި 15 ދަރިވަރުންނާ ދެމެދުގެ ޢަދަދެއްގައި ބެހެއްޓިދާނެއެވެ. މަދަރުސާގައި އެއް ގުރޫުން ތަޢުލީމު ހާސިލްކުރާ ދުވަސް ދުވަހު އަނެއް ގުރޫޕުގެ ކުދިން ކިޔަވާނީ ގޭގައި ތިބެގެންނެވެ. ސާނަވީ ތަޢުލީމުދޭ މަދަރުސާތަކުގައި ހުރިހާ ކުދިންވެސް ހަފުތާއެއްގެ ތެރޭގައި ވަކި ޢަދަދަކަށް މަދަރުސާއަށް ހާޒިރުވާން ޖެހޭނެއެވެ.
އޮގަސްޓު މަހުގެ ކުރީކޮޅުން ފެށިގެން ޖަރުމަނުވިލާތުގެ މަދަރުސާތަކުގެ ދަރިވަރުންވަނީ ކުރިއެކޭ އެއްގޮތަށް މަދަރުސާއަށް ހާޒިރުވާން ފަށައިފައެވެ. ގިނަ ސްޓޭޓުތަކުގައި ޑެސްކު ކައިރީގައި ތިބޭ ވަގުތުނޫން ހުރިހާ ވަގުތެއްގައި ޓީޗަރުންނާއި ދަރިވަރުންވެސް މާސްކު ބޭނުންކުރަން ޖެހެއެވެ. ކުދިންނަށް ދޭ ބުރޭކު ގަޑިތަކުގައި އެކި ގުރޭޑުތަކާއި ކުލާސްތަކުގެ ދަރިވަރުން ތިބެންޖެހޭނީ ކަނޑައެޅިފައިވާ ޚާއްޞަ ސަރަޙައްދެއްގައެވެ. ދޮރުތަކާއި ކުޑަދޮރުތައް ގިނަ ވަގުތުތަކުގައި ހުންނަނީ ހުޅުވާފައެވެ.
އިޓަލީވިލާތުގެ ގިނަ ސަރަޙައްދުތަކުގެ މަދަރުސާތައް ސެޕްޓެމްބަރު މަހުގެ 14ވަނަ ދުވަހު ހުޅުވަންވަނީ ހަމަޖެހިފައެވެ. ރައްކާތެރިކަމުގެ ފިޔަވަޅުތައް އަދި އިޢުލާނުކޮށްފައެއް ނުވެއެވެ. ނަމަވެސް އިޖުތިމާޢީ ގައިދުރުކުން ޔަޤީންކުރުމަށް މަދަރުސާ ހުޅުވާ ގަޑިތަކަށް ބަދަލު ގެނެސް ކޮންމެ ކުއްޖަކަށްވެސް ވަކިވަކި ޑެސްކު ދޭނެއެވެ. މަދަރުސާއަށް ވަންނައިރާއި ނުކުންނައިރު މާސްކު ބޭނުންކުރުން ލާޒިމުވާނެއެވެ. ސާނަވީ ތަޢުލީމުދޭ ބައެއް މަދަރުސާތަކުގައި މަދަރުސާގައި ކިޔަވައިދިނުމުގެ އިތުރުން އިންޓަނެޓު މެދުވެރިކޮށްވެސް ކިޔަވައިދޭނެއެވެ. ރައްކާތެރިކަމާއެކު މަދަރުސާއަށް ގޮސް އައުމަށް ދަތުރުފަތުރުގެ ކަންކަން ހަމަޖެއްސުމަށް ސަރުކާރުން އިތުރު ޚަރަދުކުރުމަށްވަނީ އެއްބަސްވެފައެވެ.
ހަތަރުވަނައަށް އެންމެ ގިނަ މީހުންނަށް ކޯވިޑް-19ޖެހިފައިވާ ރަޝިޔާގެ މަދަރުސާތައް ސެޕްޓެމްބަރު މަހުގެ 1ވަނަ ދުވަހު ވަނީ ހުޅުވައިފައެވެ. މަދަރުސާއަށް ކުދިން ހާޒިރުވާގަޑިތަކާއި ކުލާސްތައް އޮންނަ ގަޑިތަކަށްވަނީ ބަދަލުގެނެސްފައެވެ. ދަރިވަރުންގެ ހަށިގަނޑުގެ ފިނިހޫނުމިން މަދަރުސާއިން ބަލާނެއެވެ. މާސްކު އެޅުން ދަރިވަރުންނަށް މަޖުބޫރު ނޫނަސް މާސްކު އެޅުން އެދެވިގެންވާކަމަށް ދަރިވަރުންނަށްވަނީ އިރުޝާދުދީފައެވެ. ނަމަވެސް މުދައްރިސުން މާސްކުގެ ބޭނުންކުރަންޖެހޭނެއެވެ. އެ ޤައުމުގައި އިންޓަނެޓު މެދުވެރިކޮށް ކިޔަވައިދިނުމުގެ ފުރުޞަތެއް މިހާރަކު ނުދެއެވެ.
ސެޕްޓެމްބަރު މަހުގެ ފުރަތަމަ ތިން ހަފުތާގެ ތެރޭގައި ސްޕެއިނުގެ ފަށާ ތަޢުލީމާއި ސާނަވީ ތަޢުލީމުދޭ މަދަރުސާތައް ހުޅުވުމަށްވަނީ ހަމަޖެހިފައެވެ. މަދަރުސާއަށް ހުރިހާ ދަރިވަރުންވެސް ހާޒިރުވުން ލާޒިމުވާނެއެނެ. އަދި އުމުރުން ހަ އަހަރުން މަތީގެ ދަރިވަރުން މާސްކު ބޭނުންކުރަން ޖެހޭނެއެވެ. މަދަރުސާގައި ހޭދަކުރާ ވަގުތުގައި މަދުވެގެން ފަސް ފަހަރު ދަރިވަރުން އަތް ދޮންނަން ޖެހޭނެއެވެ. އޭގެ އިތުރުން އިޖުތިމާޢީ ގައިދުރުކަމުގެ ފިޔަވަޅުތައް އަޅަންޖެހޭނެއެވެ.
ގްރީސްގައި ބަލިފެތުރޭ މިންވަރު އިތުރުވެފައިވުމުގެ ސަބަބުން މަދަރުސާތައް ހުޅުވަން ހަމަޖެހިފައިވާ ތާރީޚުވަނީ ސެޕްޓެމްބަރު މަހުގެ 14ވަނަ ދުވަހަށް ފަސްކޮށްފައެވެ. އެ ޤައުމުގައި ދަރިވަރުންނާއި މުދައްރިސުންވެސް މާސްކު އަޅަންޖެހޭނެއެވެ. އޭގެ ބަދަލުގައި އޮގަސްޓު މަހުގެ ތެރޭގައި ހުޅުވާފައިވާ ނެދަލޭންޑްސްގެ މަދަރުސާތަކުގައި މާސްކު ބޭނުންކުރާކަށް ނުޖެހެއެވެ. އުމުރުން ހަ އަހަރުން މަތީގެ ކުދިންގެ ކިބައިން ބަލީގެ ޢަލާމާތް ފެންނަނަމަ ގޭގައި މަޑުކޮށް ބައްޔަށް ތަހުލީލުކުރަންޖެހެއެވެ. ނަމަވެސް ހަ އަހަރުން ދަށުގެ ކުރިންގެ ކިބައިން އަލާމާތް ފެނުނަސް ހުން އަންނަ ކަމުގައި ނުވާނަމަ މަދަރުސާއަށް ހާޒިރުވެވޭނެއެވެ. އޭޕްރިލް މަހުގެ 27ވަނަ ދުވަހުން ފެށިގެން ހުޅުވާފައިވާ ނޯވޭގެ މަދަރުސާތަކުގައިވެސް ޅަފަތުގެ ތަޢުލީމުދޭ މަދަރުސާތަކުގައި ކިޔަވާ ކުދިންގެ ކިބައިން އަލާމާތް ފެނުނަސް މަދަރުސާއަށް ހާޒިރުވެވޭނެއެވެ. އެ ޤައުމުގައި މަދަރުސާގައި މާސްކު އަޅާކަށްވެސް ނުޖެހެއެވެ.
ޕޯލެންޑުގެ މަދަރުސާތައްވަނީ ސެޕްޓެމްބަރު މަހުގެ 1ވަނަ ދުވަހު ހުޅުވާފައެވެ. އެ ޤައުމުގައި މާސްކު ބޭނުންކުރުން މަޖުބޫރެއް ނޫނެވެ. މަދަރުސާއަށް ދަރިވަރުން ފޮނުވުމަށް ބެލެނިވެރިން ދެކޮޅުހަދާނަމަ 2710 އެމެރިކާ ޑޮލަރުން އެ ފަރާތްތައް ޖޫރިމަނާކުރާނެކަމަށް އެ ޤައުމުންވަނީ ބުނެފައެވެ.
ކޯވިޑް-19 ފެތުރޭތީ ސްވީޑަންގެ މަދަރުސާތައް ބަންދުކޮށްފައެއް ނުވެއެވެ. އެ ޤައުމުގެ މަދަރުސާތަކުގެ ރައްކާތެރިކަން ޔަޤީންކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ ސަރަޙައްދީ ސަރުކާރުތަކާއި މަދަރުސާތަކުގެ ޒިންމާއެކެވެ. އެ ޤައުމުގައި މާސްކު އެޅުމަށް މަޖުބޫރުކޮށްފައެއް ނުވެއެވެ. އެ ޤައުމުގެ މަދަރުސާތައް ހުޅުވާފައި ބެހެއްޓުމުގެ ސަބަބުން ބަލިޖެހިފައިވާ ކުދިންގެ ޢަދަދު މަދަރުސާތައް ބަންދުކުރި އަވަށްޓެރި ފިންލޭންޑާ އަޅާބަލާއިރު އިތުރުވެފައެއް ނުވެއެވެ.