ޚަބަރު

ވެކްސިނެއް ހޯދުމަށް ޤައުމުތަކުން ކުރަމުންދާ މަސައްކަތުގައި ބައިވެރިއެއް ނުވާނަން: އެމެރިކާ


ކޯވިޑް-19އާ ދެކޮޅަށް ވެކްސިނެއް ތައްޔާރުކުރުމަށް ޤައުމުތަކުން ގުޅިގެން ކުރަމުންދާ މަސައްކަތުގައި ބައިވެރިނުވާނެކަމަށް އެމެރިކާއިން ބުނެފިއެވެ. އެމެރިކާއިން އެހެން ބުނެފައިވަނީ މިދިޔަ ޖުލައި މަހުގެ ތެރޭގައި ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ، ޑަބްލިއުއެޗުއޯއަށް ޗައިނާގެ ނުފޫޒު އޮތްކަމަށްބުނެ އެ ޖަމުޢިއްޔާއިން ވަކިވުމަށް އެމެރިކާއިން ނިންމާފައިވަނިކޮށެވެ.

150އަށްވުރެ ގިނަ ޤައުމުތަކުން ގުޅިގެން ޤާއިމްކުރަމުންދާ ކޯވިޑް-19 ވެކްސިންސް ގްލޯބަލް އެކްސެސް ފެސިލިޓީ ނުވަތަ ކޯވެކްސުން ދަނީ އެ ހަރަކާތުގައި ބައިވެރިވެފައިވާ ޤައުމުތަކަށް ވެކްސިނެއް ލިބޭނެ މަގު ތަނަވަސްކުރުމަށް މަސައްކަތްކުރަމުންނެވެ. އެ މަސައްކަތް ކުރަމުންދަނީ ޑަބްލިއުއެޗުއޯއާ ގުޅިގެންނެވެ. އެ ހަރަކާތުގެ ދަށުން ޤައުމުތަކުން އުފައްދާ ވެކްސިންތަކުގެ ތެރެއިން ކާމިޔާބުވާ ވެކްސިންތައް ކޯވެކްސްގެ ބައިވެރިންނަށް އަވަހަށް ލިބޭނެ އިންތިޒާމް ހަމަޖެހިގެންދާނެއެވެ. ޑަބްލިއުއެޗުއޯއިން ބުނީ ވަކިވަކި ކުންފުނިތަކާ އެއްބަސްވުންތައް ހަދަމުންދާ ޤައުމުތަކަށްވެސް ކޯވެކްސްގައި ބައިވެރިވުމުން ފައިދާކުރާނެކަމަށެވެ. އެއްބަސްވުން ހަދާފައިވާ ކުންފުނީގެ ވެކްސިން ކާމިޔާބު ނުވެއްޖެ ޙާލަތެއްގައި އެހެން ވެކްސިން ލިބުމަށް ކޯވެކްސުން މަގުފަހިކޮށްދޭނެކަމަށް އެ ޖަމުޢިއްޔާއިން ބުނެއެވެ.

ނަމަވެސް އެމެރިކާއިން ބުނީ ޑަބްލިއުއެޗުއޯފަދަ ބައިނަލްއަގްވާމީ ޖަމުޢިއްޔާތަކުގެ ސަބަބުން އެ ޤައުމަށް އެއްވެސް ހުރަހެއް އެޅެން ބޭނުން ނުވާކަމަށެވެ. އެ ޤައުމުގެ ބައިނަލްއަޤްވާމީ ބައިވެރިންނާއެކު ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރާނެކަމަށާއި ޑަބްލިއުއެޗުއޯއާއި ޗައިނާގެ ނުފޫޒު އޮތް އެއްވެސް ޙާރަކާތެއްގައި އެ ޤައުމުން ބައިވެރިނުވާނެކަމަށް އެމެރިކާއިން ބުންޏެވެ. އެމެރިކާގެ ފުޑް އެންޑް ޑުރަގު އެޑްމިނިސްޓްރޭޝަންގެ މިންގަނޑުތަކަށް ފެތޭ ވެކްސިނެއް ތައްޔާރުވުމުން އެ ވެކްސިން ތަހުލީލުކޮށް އޭގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކިތަންމެ ބޮޑު ޚަރަދެއް ކުރުމަށްވެސް އެ ޤައުމުން ތައްޔާރަށް އޮތްކަމަށް ރިޔާސީ އިދާރާ ވައިޓްހައުސްގެ ތަރުޖަމާނު ޖަޑް ޑީރް ވިދާޅުވިއެވެ.

މިހާތަނަށް އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ކޯވިޑް-19 ޖެހިފައިވަނީ އެމެރިކާގައެވެ. އެ ޤައުމުގައި 6 މިލިއަނަށްވުރެ ގިނަ މީހުންނަށް ބަލިޖެހި 185،000 މީހުންވަނީ މަރުވެފައެވެ. އެމެރިކާގެ ރައީސް ޑޮލަންޑު ޓްރަންޕުވަނީ ނޮވެމްބަރު މަހުގެ ތެރޭގައި ބާއްވާ އެ ޤައުމުގެ ރިޔާސީ އިންތިޚާބުގެ ކުރިން ކޯވިޑް-19އާ ދެކޮޅަށް އެމެރިކާއިން ވެކްސިނެއް ތައްޔާރުކުރާނެކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ. ނަމަވެސް އެމެރިކާގައި ތައްޔާރުކުރާ އެއްވެސް ވެކްސިނެއްގެ ފަހު މަރުހަލާ މިހާތަނަށް ނިމިފައެއް ނުވެއެވެ.

އެމެރިކާގެ ކުންފުންޏެއްކަމަށްވާ މޮޑާނާއިން ތައްޔާރުކުރުމަށް މަސައްކަތްކުރަމުންދާ ވެކްސިންގެ ތަހުލީލުގެ ފަހު މަރުޚަލާއާ ހަމައަށްވަނީ ގޮސްފައެވެ. އެ ވެކްސިންގެ އެންމެ ފަހު ތަހުލީލުތަކުގައި 30،000އެއްހާ މީހުން ބައިވެރިވާނެއެވެ. ނަމަވެސް އެ މަރުހަލާ ނިމޭނެ ތާރީޚެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. އިނގިރޭސިވިލާތުގެ ކުންފުންޏެއްކަމަށްވާ އެސްޓްރަޒެނެކާއިންވެސް ވަނީ އެ ކުންފުނިން ތައްޔާރުކުރަމުންދާ ވެކްސިންގެ ތަހުލީލުތަކުގެ ފަހު މަރުހަލާ އެމެރިކާގައި ފެށިގެން ކުރިއަށްދާކަމަށް ބުނެފައެވެ. އެމެރިކާގެ ޕްފިޒާ އިންކާ ގުޅިގެން ޖަރުމަނުވިލާތުގެ ބަޔޯއެންޓެކުންވެސްދަނީ ވެކްސިނެއްގެ މަސައްކަތްކުރަމުންނެވެ.

އޭގެ އިތުރުން ރަޝިޔާއާއި ޗައިނާއާއި އޮސްޓްރޭލިއާގައި ތައްޔާރުކުރަމުންދާ ވެކްސިންތަކުގެ ފަހު މަރުހަލާ ކުރިއަށްދާކަމަށް އެ ޤައުމުތަކުންވަނީ ބުނެފައެވެ