ޚަބަރު

ކްރިމިނަލް ކޯޓުގެ ފުރަތަމަ އަންހެން ޤާޟީއަކަށް ދީބާނާޒް ފަހުމީ ޢައްޔަންކުރައްވައިފި


ކްރިމިނަލް ކޯޓުގެ ގާޟީކަމަށް އައްޔަންކުރެއްވި ފުރަތަމަ އަންހެން ފަނޑިޔާރަކަށް ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް އަލްއުސްތާޛާ ދީބާނާޒް ފަހުމީ އައްޔަންކުރައްވައިފިއެވެ.

ޖުޑީޗަލް ސާރވިސް ކޮމިޝަން، ޖޭއެސްސީން ނެރުނު ބަޔާނެއްގައި ވަނީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމަށް ކ.މާލެ މ.ގުލްޝަން، އަލްއުސްތާޛާ ދީބަޔާޒް ފަހުމީ އާއި
ސ.ހުޅުދޫ ހެޕީ ޑްރީމް، އަލްއުސްތާޛު މުޙައްމަދު މިޞްބާޙު ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަންކުރުމަށް "ފަނޑިޔާރުން ޢައްޔަންކުރުމުގައި ކޮމިޝަނަށް ލަފާދޭ ކޮމިޓީ"އަށް ފެންނަކަމަށް ނިންމުމާ ގުޅިގެން މިއަދު އެދެބޭފުޅުން ފަނޑިޔާރުކަމުގެ ހުވާ ކުރައްވާފައިވާކަމަށެވެ. އެ ދެބޭފުޅުންނަށް ފަނޑިޔާރުކަމުގެ ހުވާ ލައިދެއްވީ، ސުޕްރީމްކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙުސްނުއްސުޢޫދު އެވެ.

އަލްއުސްތާޛު ދީބަޔާޒް ފަހުމީއަކީ ޤާނޫނީ ރޮނގުން ބެޗްލަރ އޮފް ލޯ (އޮނަރސް) މެލޭޝިއާ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީއިން ހާސިލް ކުރެއްވުމަށްފަހު، މާސްޓަރ އޮފް ލޯ ނިއުޒިލެންޑްގެ ޔުނިވަރސިޓީ އޮފް ކެންޓަރބަރީއިން ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން އެބޭފުޅާއަކީ ޖިނާއީ އަދުލުގެ ނިޒާމުގައި ގިނަގުނަ މަސައްކަތްތަކެއް ކުރައްވާ 17 އަހަރު ދުވަހުގެ ތަޖުރިބާ ހުރި ބޭފުޅެކެވެ.

އަލްއުސްތާޛު ދީބަޔާޒް ފަހުމީއަކީ ކްރިމިނަލް ކޯޓަށް އައްޔަނު ކުރި ފުރަތަމަ އަންހެން ފަނޑިޔާރެވެ. އަލްއުސްތާޛު މުޙައްމަދު މިޞްބާޙު އަކީ ޤާނޫނާ ޝަރީޢާގެ ރޮނގުން މިސްރުގެ އަލް އަޒްހަރު ޔުނިވަރސިޓީއިން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ ފުރިހަމަ ކުރެއްވުމަށްފަހު، ޤާނޫނީ ދާއިރާގެ 6 އަހަރު ދުވަހުގެ ތަޖުރިބާ ހުރި ބޭފުޅެކެވެ. ޤާނޫނީ ވަކީލުކަމުގައި ގިނަ އަހަރުތަކެއްގެ ޕަބްލިކް ޕްރޮސެކިއުޓަރއެއްގެ ގޮތުގައާއި ޕްރައިވެޓް ޕްރެކްޓިސްގެ އިތުރުން، މިދާއިރާއިން ކިޔަވާދިނުމުގެ ތަޖުރިބާވެސް ހުރި ބޭފުޅެކެވެ.

ކްރިމިނަލް ކޯޓުގެ ގާޟީކަމަށް ދީބާނާޒް ފަހުމީ އައްޔަންކުރެއްވުމާއި ގުޅިގެން ދައުލަތުގެ ބަންޑާރަ ނާއިބު އިބްރާހީމް ރިފްޢަތު ވަނީ ކްރިމިނަލް ކޯޓުގެ ޤާޟީކަމަށް ޢައްޔަނުކުރެވުނު އަލްއުސްތާޛު މުޙައްމަދު މިޞްބާޙަށާއި ކްރިމިނަލް ކޯޓުގެ ފުރަތަމަ އަންހެން ޤާޟީ އަލްއުސްތާޛާ ދީބާނާޒް ފަހުމީއަށް މަރުޙަބާ ދަންނަވާފައެވެ. އަދި މިއީ ޖުޑިޝަރީގައި އަންހެން ފަނޑިޔާރުން އިތުރުކުރުމަށް ކުރެވޭ މަސައްކަތަށް ލިބުނު ބޮޑު ކާމިޔާބީއެއްކަމަށް ވިދާޅުވެފައެވެ. އަދި ދީބާނާޒް ފަހުމީއަކީ ޤާބިލް ބޭފުލެއްކަމށްވެސް ވިދާޅުވިއެވެ.

މިއަދު ކުރެވުނު 2 ފަނޑިޔާރުންނާއެކު މިހާރު ކްރިމިނަލް ކޯޓުގައި 11 ފަނޑިޔާރުން މަސައްކަތްކުރައްވާނެއެވެ.

މިއަދު ކްރިމިނަލް ކޯޓަށް ކުރެއްވި 2 ފަނޑިޔާރުންނާއެކު މިހާރު ކްރިމިނަލް ކޯޓުގައި 11 ފަނޑިޔާރުން ތިއްބަވާނެއެވެ.