އިންޑިއާ ސަރުކާރުގެ އެހީގައި ރާއްޖޭގައި ކުރިއަށްގެންދާ އެތައް މަޝްރޫޢުތަކެއް ފެށި އަނެއްބައި މަޝްރޫޢުތައް ފެށުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ. ކޯވިޑް-19ގެ މިދަތި ޙަލަތުގައި ރާއްޖޭގެ އިޤްތިޞާދީ ހަރާކާތްތައް ހުއްޓި އިޤްތިޞާދު ހީނަރުވެފައިވާ ދަނޑިވަޅެއްގައިވެސް އިންޑިއާއިން ވަނީ ޜާއްޖެއަށް އެކި ގޮތްގޮތުން ެހީތެރިކަން ފޯރުކޮށްދީފައެވެ. އެއީ ކޯވީޑްގެ ބަލިމަޑުކަމުގައި ބޭނުންވާ ސިއްޙީ އެހީތެރިކަމާއި، ރާއްޖޭގެ ޢުމްރާނީ ތަރައްޤީއަށްބޭނުންވާ މަޝްރޫޢުތަކަށްވެސް ބޮޑެތި ޢަދަދުތަކުން އެހީތެރިކަން ފޯރުކޮށްދީފައެވެ.
އިންޑިއާއިން ބޮޑެތި އެހީތަކެއް ދިން މިދަނޑިވަޅުގައި އިދިކޮޅުން މިވަނީ އިންޑިއާއިން ރާއްޖެއަށް ނުފުޒު ފޯރުވަން މަސައްކަތްކުރާކަމަށް ތުހުމަތުކޮށް އެކަމުގެ އަޑު ގަދަކޮށްފައެވެ. ނަމަވެސް ހަޤީޤަތަކީ އިންޑިއާއަކީ ކުއްލިއަކަށް ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭން ފެށި ޤައުމެއް ނޫންކަމަށެވެ. މިއީ ދެޤައުމުގެ ދެމެދުގައިވާ އެތައް ޒަމާނެއްވީ ގުޅުމުގެތެރެއިން ރާއްޖެއަށް ވަމުން އަންނަ އެހީތެރިކަމެއްކަން އެނގެއެވެ. ރާއްޖެއަށް ދިމާވާ ކޮންމެ ކާރިސާއެއްގައި އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދިނުމަށް އަތެއް ދިއްކޮށްލާ ޤައުމަކީވެސް އަވަށްޓެރި އިންޑިއާއެވެ.
ނަމަވެސް މިހާރުގެ ތަފާތަކީ ކުރީ ސަރުކާރުތަކާ ޚިލާފަށް މިސަރުކާރުގައި އިންޑިއާއާއެކު ރާއްޖެއިން އޮންނަ ގުޅުން އިތުރުރަށް ބަދަހިވެގެންދިއުމެވެ. ޒަމާންތަކަކަށް ދިގުދެމިގެންގޮސްފައިވާ ގުޅުން ކުޑަ ދުވަސްކޮޅެއްގެތެރޭގައި މިވަނީ އައު ހަރުފަތަކަށް އަރާފައެވެ. ނަތީޖާއަކަށްވެގެންދިޔައީ ރާއްޖޭގެ ތަރައްޤީއަށް އިންޑިއާއިން ބޮޑެތި އެހީތަކެއްވެދިނުމެވެ. އެކަން މިދިޔަ މަހު އެކަނިވެސް އިންޑިއާއިން ވެދިން އެހީތަކުން ހާމަވެއެވެ.
މިދިޔަ މަހުގެ ތެރޭގައި އިންޑިއާއިން ވަނީ ކްރެޑިޓް ލައިންގެ ތެރެއިން ރާއްޖޭގައި ބޮޑު 7 މަޝްރޫޢުއެއް ހިންގުމަށް އެހީ ފޯރުކޮށްދީފައެވެ. މި މަޝްރޫއުތަކުގެ ތެރޭގައި 34 ރަށުގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމާއި، އައްޑޫސިޓީގައި ރަށްތަކުގައި މަގު ހެދުމާއި، އައްޑޫގެ މަގުތަކުގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމާއި، ބިން ހިއްކުން ހިމެނެއެވެ. އަދި ހުޅުމާލޭގައި ކްރިކެޓް ސްޓޭޑިއަމެއް ގާއިމްކުރުމާއި، ބައިނަލްއަގްވާމީ ޕޯޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓާއި، ހުޅުމާލޭގައި 100 އެނދުގެ ކެންސަރ ހޮސްޕިޓަލެއް ގާއިމްކުރުމާއި، ގެމަނަފުށި އަދި ފެލިވަރު މިފްކޯ ފެސިލިޓީ ތަރައްޤީކުރުމުގެ އިތުރަށް ހަނިމާދޫ އެއަރޕޯޓް ތަރައްޤީކުރުން ހިމެނެއެވެ.
އިންޑިއާއިން މިދިޔަ މަހު ފޯރުކޮށްދިން އެހީތަކުގެތެރެއިންވެސް އެންމެ ފާހަގަކޮށްލެވޭކަމަކީ، ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖް މަޝްރޫއަށް އިންޑިއާއިން 500 މިލިއަން ޑޮލަރުގެ އެހީ ދިނުމެވެ. ބްރިޖްގެ މަޝްރޫޢަށް އިންޑިއާ ސަރުކާރުން ދެއްވާ 500 މިލިއަން ޑޮލަރުގެ މި އެހީގެ ޕެކޭޖްގައި ލޯން އަދި ހިލޭ އެހީވެސް ހިމެނެއެވެ.6695 ކިލޯ މީޓަރުގެ ބްރިޖްތަކާއި ކޯޒްވޭގެ މައްޗަށް އެކުލެވޭ މި މަޝްރޫޢަކީ މާލެ، ވިލިނގިލި، ތިލަފުށި އަދި ގުޅީފަޅު ގުޅާލުމަށް ޖުމްލަ 3 ބްރިޖެއް ހެދުމަށް ނިންމާފައިވާ މަޝްރޫޢެކެވެ.
"ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް"ގެ ދަށުން މާލެ، ވިލިގިނލި، ތިލަފުށި އަދި ގުޅީފަޅު ގުޅާލުމުން ރާއްޖޭގެ އިޤްތިޞާދަށް އޭގެ ގިނަ ފައިދާތަކެއް ލިބި، ވިޔަފާރިތަކަށާއި އާއްމު ރައްޔިތުންނަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެކަމަށް ސަރުކާރުންވަނީ ވިދާޅުވެފައެވެ.
މިމަޝްރޫޢުތައް އިޢުލާންކުރިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އިންޑިއާއާއި ގުޅުވާ އިދިކޮޅުން ވަނީ އެކި ތުހުމަތުތައް ކުރަން ފަށާފައެވެ. ނަމަވެސް ހަޤީގަތަކީ އިންޑިޔާއާއެކު އޮންނަ އެކުވެރި ގުޅުމުގެ ސަބަބުން އިޤްތިސާދީ ގޮތުންނާއި އިޖުތިމާއީގޮތުން ރާއްޖެއަށް އޭގެ މަންފާ އަބަދުވެސް ކުރަމުން އައިސްފާވާކަމެވެ. އެކަން މިހާރުގެ ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީވެސް ވަނީ ފާހަގަކުރައްވާފައެވެ.
ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވެފައި ވަނީ ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ވަރުގަދަ ގުޅުމުގެ ނަތީޖާއެއްގެގޮތުން ރާއްޖެއަށް އެހީ ބޭނުންވާ ވަގުތުތަކުގައި އިންޑިއާގެ ފަރާތުން ޚާއްސަ އެހީތެރިކަން ލިބިފައިވާކަމަށެވެ. އެގޮތުން 3 ނޮވެމްބަރުގެ ހާދިސާގައި ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލު ހިމާޔަތްކުރުމުގައި ލިބުނު އެހީތެރިކަމާއި 2014 ވަނަ އަހަރު މާލެއަށް ކުރިމަތިވި ފެނުގެ ކާރިޘާގެ ވަގުތުގައިވެސް އިންޑިއާއިން ލިބުނު ކުއްލި އެހީތެރިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
އަދި ކޯވިޑް-19ގެ މިދަނޑިވަޅުގައިވެސް އިންޑިއާއިން ވަމުން ގެންދާ އެހީތެރިކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. މިނިސްޓަރ މާރިޔާ ވިދާޅުވީ ރާއްޖެއާއި އިންޑިއާއާ ދެމެދުވާ ގާތްގުޅުމާއި އިންޑިއާއިން ފޯރުކޮށްދީފައިވާ އެހީތެރި ކަމާމެދު އެއްވެސް ފަރާތަކަށް ދެކޮޅުހެދެން ނޯންނާނެކަމަށެވެ. އެކަން ކުރީ ސަރުކާރުގެ ދުވަސްވަރު މާލެ ފެނަށް ޖެހުނު ހާދިސާއިންވެސް އެނގެން އެބައޮތެވެ. 2014 ވަނަ އަހަރު މާލެ ފެނަށްޖެހުނު ހާދިސާގައިވެސް އެންމެ ބޮޑު އެހީއެއް އެންމެ އަވަހަށް ދިއްކޮށްލި ޤައުމަކީ ހަމަ އަވަށްޓެރި އިންޑިއާއެވެ.
މިނިސްޓަރ މާރިޔާގެ ޓުވީޓް ރިޓުވީޓްކޮށް ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީން ވިދާޅުވީ އިންޑިއާއިން އަބަދުވެސް އޮންނާނީ ދިވެހިރާއްޖެއާ އެކުގައިކަމަށެވެ. އިންޑިއާ އެމްބަސީން ވިދާޅުވީ ތާރީޚާއި ޘަޤާފީގޮތުން ދެޤައުމުގެ ރައްޔިތުންގެ މެދުގައިއޮތް ގުޅުމަކީ ޒަމާންވީ ގުޅުންތަކެއްކަމަށެވެ. އެއާއެކު ކުރިއެކޭވެސް އެއްފަދައިން ގާތް އަވަށްޓެރި އަދި ރަހްމަތްތެރިއެއްގެ ގޮތުގައި އިންޑިއާ އަބަދުވެސް ދެމިއޮންނާނެ ކަމަށް އެމްބަސީން ވިދާޅުވިއެވެ. އަދި ރާއްޖެއަށް ކުރިމަތިވާ ދަތި އުނދަގޫ ދަނޑިވަޅުތަކުގައިވެސް އެ ގާތްގުޅުން އޮންނާނެކަމުގެ ޔަގީންކަން އެމްބަސީން ވަނީ ދެއްވާފައެވެ
އެހެންކަމުން އިންޑިއާއާއި ރާއްޖެއާ ދެމެދުގައިވާ ގުޅުމުގެ މައްޗަށް އިދިކޮޅު ފަރާތްތަކުން ފާޑުކިޔަމުން ދިޔަނަމަވެސް ފެންނަން އޮތް ހަޤީގަތަކީ ކޮންމެ ސަރުކާރެއް އޮތަސް، ރާއްޖެއަށް އެންމެ ބޭނުންވާ ވަގުތުތަކުގައި އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދޭ ޤައުމަކީ އިންޑިއާކަމެވެ. އެއީ 1988ވަނަ އަހަރުގެ ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާކަމުގައިވިޔަސް، 2014 ވަނަ އަހަރު މާލެ ފެނައްޖެހުނު ކާދިސާކަމުގައިވިޔަސް އަދި މިހާރު ދިމާވެފައިވާ ކޯވިޑް-19ގެ ބަލިމަޑުކަމުގެ ކާރިސާގައިވިޔަސް އިންޑިއާއިން ރާއްޖެއަށް ވެދެމުން އަންނަނީ އަގުނުކުރެވޭވަރުގެ އެހީތަކެކެވެ.