ޚަބަރު

ލުބުނާނަށް އިސްލާހީ ބަދަލުތައް ގެނައުމަށް 8 ހަފުތާގެ މުހުލަތެއް ދީފި


ލުބުނާނަށް އިސްލާހީ ބަދަލުތައް ގެނައުމަށް އަށް ހަފުތާގެ މުހުލަތެއް ދީފައިވާކަމަށް ފަރަންސޭސިވިލާތުގެ ރައީސް އެމަނުއަލް މެކްރޯން ވިދާޅުވެއްޖެއެވެ.

އޮގަސްޓު މަހުގެ 4ވަނަ ދުވަހު ލުބުނާނުގެ ބައިރޫތުގައި ހޮންގި ބޮޑެތި ގޮވުންތަކަށްފަހު އެ ޤައުމުގެ ސަރުކާރުންވަނީ އިސްތިޢުފާދީފައެވެ. އެ ޤައުމުގެ އައު ސަރުކާރު އުފެއްދުމަށްރުމަށް ޚާރިޖީ ދާއީރާގައި ފުންނާބު އުދް ބޭފުޅެއްކަމަށްވާ މުސްޠަފާ އަދީބަށްވަނީ ޙަވާލުކޮށްފައެވެ.

ބޮޑު ގޮވުންތަކުގެ ފަހުން ލުބުނާނަށް އެއް މަސް ދުވަހުގެ ތެރޭގައި ކުރައްވަމުންދާ ދެވަނަ ދަތުރުފުޅުގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން މެކްރޯން ވިދާޅުވީ ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި ތަޖުރިބާކާރު މާހިރުންގެ ބައިވެރިވުމާއެކު އައު ސަރުކާރެއް އެކުލަވާލާނެކަމުގެ ޔަޤީންކަން ލުބުނާނުގެ އިސް ފަރާތްތަކުން ދީފައިވާކަމަށެވެ. ކުރިއަށްއޮތް ހަ ހަފުތާއާއި އަށް ހަފުތާއާ ދެމެދު ހެޔޮ ބަދަލުތައް ގެނައުމަށް ޝަރުތުކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ލުބުނާނަށް މާލީ އެހީތެރިކަން ފޯރުކޮށްދޭނީ އެ ޝަރުތުގެ މަތިންކަމަށް އޭނާ ވިދާޅުވިއެވެ. އިސްލާހީ ބަދަލުތައް ގެނައުމަށް ސިޔާސީ ފަރާތްތަކުން ނާކާމިޔާބުވެއްޖެނަމަ ލުބުނާނަށް އެހީތެރިނުވާނެކަމަށް މެކްރޯން ވިދާޅުވިއެވެ.

މެކްރޯން އިތުރަށް ވިދާޅުވީ ކޮރަޕްޝަނުގެ ޢަމަލުތައް ހިންގަމުންދާކަން ޔަޤީންވެއްޖެނަމަ ދަތިކުރުމުގެ ފިޔަވަޅުތައް އެޅުން އެކަށީގެންވާކަމަށެވެ. އެ ފިޔަވަޅުތައް އަޅާނީ ވިލާތުގެ އިއްތިޙާދާ ގުޅިގެންނެވެ. ނަމަވެސް އޮކްޓޯބަރު މަހުގައި އެފަދަ ފިޔަވަޅެއް ނާޅުއްވާނެކަމަށާއި ފުރަތަމަ މަރުހަލާއަކީ ދެ ފަރާތްދެމެދުގައި އިތުބާރު ޤާއިމްކޮށް އެކުގައި މަސައްކަތްކުރުންކަމަށް އޭނާ ވިދާޅުވިއެވެ. ލުބުނާނުގެ ކަންކަން ބެއްލެވުމަށް ޑިސެމްބަރު މަހުގެ ތެރޭގައި ލުބުނާނަށް އަނެއްކާވެސް ޒިޔާރަތްކުރައްވާނެކަމަށް މެކްރޯންވަނީ ވިދާޅުވެފައެވެ.