ޚަބަރު

ގިނަ ޢަދަދެއްގެ ޠާލިބާނު ހަނގުރާމަވެރިން އަނެއްކާވެސް މިނިވަންކޮށްފި


ގިނަ އަދަދެއްގެ ޠާލިބާނު ހަނގުރާމަވެރިން އަފްޣާނިސްތާނުގެ ސަރުކާރުން އަނެއްކާވެސް މިނިވަންކޮށްފިއެވެ.

އަފްޣާނިސްތާނުގައި ޞުލްޙަ ޤާއިމުކުރުމަށް ޠާލިބާނުންނާއި އެމެރިކާއިން މި އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައި ވެފައިވާ އެއްބަސްވުމުގެ ދަށުން މާރިޗު މަހުގެ ތެރޭގައި އަފްޣާނިސްތާނުގެ ސަރުކާރާއެކު ޠާލިބާނުން މަޝްވަރާކުރުމަށްވަނީ ޝަރުތުކޮށްފައެވެ. އެއްބަސްވުމުގެ ދަށުން އަފްޣާނިސްތާނުން ހައްޔަރުކޮށްފައިވާ 5،000 ޠާލިބާނު ހަނގުރާމަވެރިން މިނިވަންކުރުމަށް އެ ޤައުމުގެ ސަރުކާރުންވަނީ އެއްބަސްވެފައެވެ.

މީގެ އިތުރުން، ޠާލިބާނުންގެ ބެލުމުގެ ދަށުގައިތިބި އަފްޣާނިސްތާނުގެ 1،000 ސިފައިން ދޫކޮށްލުމަށް އެ ޖަމާޢަތުންވަނީ އެއްބަސްވެފައެވެ. އޭގެ ތެރެއިން ގިނަ ޢަދަދެއްގެ ހަނގުރާމަވެރިން މިނިވަންކޮށްފައިވާ ނަމަވެސް ނުރައްކާތެރި މުޖުރިމުންގެ ގޮތުގައި ބެލެވޭ 400 ހަނގުރާމަވެރިން މިނިވަންކުރުމަށް އަފްޣާނިސްތާނުގެ ސަރުކާރުން ފަސްޖެހުމުން ޞުލްޙައިގެ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ހުރަސް އެޅުނެވެ.

ޠާލިބާނުންގެ ތަރުޖަމާނު ސުޙައިލް ޝާހީން ބުނީ ޠާލިބާނުގެ ހަނގުރާމަވެރިންތަކެއް އަފްޣާނިސްތާނުން މިނިވަންކޮށްފައިވާކަމަށާއި އެއީ ގިނަ ދުވަސްތަކަކަށް ފަސްވެފައިވާ ޞުލްޙައިގެ ވާހަކަތައް ފެށުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ. ޠާލިބާނުންގެ ފަރާތުން ވާހަކަދެއްކި އެހެން ތަރުޖަމާނަކު ބުނީ އޮގަސްޓު މަހުގެ 31ވަނަ ދުވަހުން ފެށިގެން 200 ޤައިދީން އަފްޣާނިސްތާނުގެ ސަރުކާރުން ދޫކޮށްލާފައިވާކަމަށެވެ. އޭގެ ބަދަލުގައި އަފްޣާނިސްތާނުގެ އަސްކަރިއްޔާގެ ހަތަރު ކޮމާންޑަރުން އެ ޖަމާޢަތުން ދޫކޮށްލާފައިވާކަމަށާއި އިތުރު ދެ މީހުން ސެޕްޓެމްބަރު މަހުގެ 2ވަނަ ދުވަހު ދޫކޮށްލާނެކަމަށެވެ.

އަފްޣާނިސްތާނުގެ ސަރުކާރުގެ ފަރާތުން ވާހަކަދެއްކެވި ބޭފުޅަކު ވިދާޅުވީ ގިނަ ޢަދަދެއްގެ ޠާލިބާނު ހަނގުރާމަވެރިން މިނިވަންކޮށްފައިވާކަމަށާއި ބާކީ ތިބި ހަނގުރާމަވެރިން ވަރަށް އަވަހަށް ދޫކޮށްލާނެކަމަށެވެ. ހުރިހާ ހަނގުރާމަވެރިން ދޫކޮށްލުމުގެ ހަފުތާއެއްގެ ތެރޭގައި ސުލްޙައިގެ މަޝްވަރާތައް ފަށާނެކަމަށް މީގެ ކުރިން ޠާލިބާނުންވަނީ ބުނެފައެވެ.