ޚަބަރު

ޝަޚުސު އޮޅުވާލައިގެން ރާއްޖެ އެތެރެވާން އުޅުނު ބިދޭސީއަކު ހުއްޓުވައިފި


ޝަޚުސު އޮޅުވާލައިގެން ރާއްޖެއަށް އެތެރެވާން އުޅުނު ބިދޭސީއަކު އިމިގްރޭޝަނުން ހުއްޓުވައިފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ، ވައްތަރު މީހެއްގެ ޕާސްޕޯޓު ބޭނުންކޮށް ޝަޚްސު އޮޅުވާލައިގެން ރާއްޖެ އެތެރެވުމަށް މަސައްކަތްކުރި 23 އަހަރުގެ ބިދޭސީ ފިރިހެނަކު މޯލްޑިވްސް އިމިގްރޭޝަނުން ހުއްޓުވާފައިވާކަމަށެވެ. ރާއްޖެ އެތެރެވާން އުޅުނީ ކޮން ޤައުމެއްގެ މީހެއްކަމެއް އިމިގްރޭޝަނުން ހާމަކުރައްވާފައެއްނުވެއެވެ.

ޝަޚުސު އޮޅުވާލައިގެން ރާއްޖެއަށް އެތެރެވާން އުޅުނު ގިނަ ބަޔަކު މިހާތަނަށް އިމިގްރޭޝަނުން ވަނީ ހުއްޓުވައި އަނބުރާ ފޮނުވާލާފައެވެ. ޕާސްޕޯޓު ނަކަލުކޮށްގެން ރާއްޖެ އެތެރެވާން މަސައްކަތްކުރަނިކޮށް އިމިގްރޭޝަނުން ވަނީ 20އަށްވުރެ ގިނަމީހުން މިދިޔަ އަހަރު އެކަނިވެސް ހިފަހައްޓާފައެވެ. މި މީހުން ހިފެހެއްޓުމަށްފަހު އިމިގްރޭޝަނުން ވަނީ އަނބުރާ ޤައުމަށް ފޮނުވާލާފައެވެ.

މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީން ވަނީ ރާއްޖޭގެ ބޯޑަރ ސެކުއިރިޓީ ވަރުގަދަކޮށް ރާއްޖެ އެތެރެވެ ބޭރުވާ އެއަރޕޯޓްތަކާ، ޕޯޓް ތަކުގެ ސެކިއުރުޓީ ސިސްޓަމްތައް ވަރުގަދަކޮށްފައެވެ. އެގޮތުން ފިންގަރ ޕްރިންޓާއި، ކެމެރާއާއި، ސެކުއިރިޓީ ސޮފްޓްވެއަރތައްވެސްވަނީ ފަހުގެ ސޮފްޓްވެއަތަކަށް އަޕްގްރޭޑްކޮށްފައެވެ.