ޚަބަރު

ވެކްސިންތަކަށް ކުއްލި ހުއްދަ ދިނުމުގައި ސަމާލުވާންޖެހޭ: ޑަބްލިއުއެޗުއޯ


ކޯވިޑް-19އާ ދެކޮޅަށް އުފައްދާ ވެކްސިންތަކަށް ކުއްލި ހުއްދަ ދިނުމުގައި ވަރަށް ފަރުވާތެރިވާންޖެހޭނެކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ، ޑަބްލިއުއެޗުއޯއިން ބުނެފިއެވެ. އެ ޖަމުޢިއްޔާއިން އެހެން ބުނީ އެމެރިކާއިން ތައްޔާރުކުރަމުންދާ ވެކްސިންގެ މަސައްކަތްތައް އިތުރަށް އަވަސްކުރުމަށް ވިސްނަމުންދާކަމަށް އެމެރިކާއިން ބުނެފައިވަނިކޮށެވެ.

ދުނިޔޭގެ 188 ޤައުމަކާއި ސަރަޙައްދެއްގައި މިހާތަނަށް 25.6 މިލިއަން މީހުންނަށް ކޯވިޑް-19 ޖެހި 855،000 މީހުންވަނީ މަރުވެފައެވެ. އެންމެ ހަލުވިކޮށް ބަލިފެތުރެމުންދާ އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނުގެ އިސްވެރިޔާވަނީ ވެކްސިނުން ލިބިދާނެ ގެއްލުމަށްވުރެ އޭގެ ފައިދާ ބޮޑުވާނެކަމަށް ޤަބޫލުކުރެވޭނެމަ ހުއްދަ ދިނުމުގައި ޢަމަލުކުރާ އާންމު އުސޫލުތަކަށް އަމަލުނުކޮށް ވެކްސިނަށް އަވަހަށް ޙުއްދަ ދިނުމަށް ތައްޔާރަށް ހުންނެވިކަމަށް ވިދާޅުވެފައެވެ.

ކޯވިޑް-19އާ ދެކޮޅަށް ފުރަތަމަ ވެކްސިނެއް އުފައްދާފައިވާ ރަޝިޔާއިންވެސްވަނީ އެންމެ ދެ މަސް ދުވަހު އިންސާނުން ބޭނުންކޮށްގެން ވެކްސިން ތަހުލީލުކޮށް ވެކްސިން ބޭނުންކުރުމުގެ ޙުއްދަ ދީފައެވެ. އެއާއެކު ހުޅަނގުގެ ބައެއް މާހިރުންވަނީ އެ ވެކްސިންގެ ރައްކާތެރިކަމާއި އޭގެ ކާމިޔާބުކަމާމެދު ސުވާލު އުފައްދާފައެވެ.

ޑަބްލިއުއެޗުއޯގެ އިސް ސައިންސުވެރިޔާ، ސައުމްޔާ ސްވާމިނަތަން ވިދާޅުވީ ވެކްސިންތަކުގެ ތަހުލީލުތައް އެއްކޮށް ފުރިހަމަ ނުކޮށް އެ ވެކްސިންތަކަށް ޙުއްދަ ދިނުމުގެ ބާރު ކޮންމެ ޤައުމަކަށް ލިބިފައިވާ ނަމަވެސް އެއީ ފަރުވާލެއް ނުބަހައްޓާ ކުރާވަރުގެ ކަމެއް ނޫންކަމަށެވެ. ސްވާމިނަތަން ވިދާޅުވީ ވެކްސިންތަކާބެހޭ ފުރިހަމަ މަޢުލޫމާތު ލިބި އެތަކެއްޗާބެހޭ އިތުރު ދިރާސާތައް ކުރުމަށް ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން ބޭނުންވާކަމަށެވެ. އެއަށްފަހު ކޮންމެ ވެކްސިނެއްގެ ކާމިޔާބުކަމާ ރައްކާތެރިކަން ވަކިވަކިން ބަލައި ކަށަވަރުކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.

ޑަބްލިއުއެޗުއޯގެ ކުއްލި ޙާލަތްތަކާބެހޭ އިސްވެރިޔާ، މައިކް ރަޔާން ވިދާޅުވީ އަބޯލާއަށް ފަރުވާ ދިނުމަށް ތަހުލީލުކުރަމުންދާ ބައެއް ބޭސްތައް އެ ޖަމުޢިއްޔާއިން މީގެ ކުރިން އެފުރިކާގައި ބޭނުންކޮށްފައިވާ ކަމަށެވެ. އޭރުގެ މަސައްކަތް ކާމިޔާބުވެފައިވާ ނަމަވެސް އަވަސް އަރުވާލައިގެން ބޭހެއް ނުވަތަ ވެކްސިނެއް ބޭނުންކުރުމުގެ ޙުއްދަދޭނަމަ ކަންކަން ވަރަށް ގާތުން ބަލަންޖެހޭނެކަމަށާއި ރައްކާތެރިކަން ޔަޤީންކުރުމަށް ޚާއްސަ ފިޔަވަޅުތައް އަޅަންޖެހޭނެކަމަށެވެ. އެއްވެސް މައްސަލައެއް ފާހަގަވެއްޖެނަމަ އެ ބޭނުންކުރުން ވަގުތުން ހުއްޓާލަންވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ. މާ އަވަސްއަރުވާލައިގެން އެތައް މިލިއަން މީހުންނަށް ވެކްސިން ދީފިނަމަ އޭގެ ބައެއް ނޭދެވޭ އަސަރު ފާހަގަނުވެ ދިޔުން އެކަށީގެންވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.