ޚަބަރު

ޤައުމުތައް އަލުން ހުޅުވުމުގައި ފަރުވާތެރިވޭ: ޑަބްލިއުއެޗުއޯ


ޤައުމުތައް އަލުން ހުޅުވުމުގައި ފަރުވާތެރި ނުވެއްޖެނަމަ ދުނިޔޭގެ ޙާލަތު ގޯހުން ގޯހަށް ދާނެކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ، ޑަބްލިއުއެޗުއޯއިން ބުނެފިއެވެ.

ޑަބްލިއުއެޗުއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޮސް އަދަނޮމް ގެބްރިއޭސުސް ވިދާޅުވީ ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް އަޅާފައިވާ ފިޔަވަޅުތަކާމެދު އާންމުން މާޔޫސްވާން ފަށައިފައިވާކަމަށާއި ބަލިމަޑުކަން ފެތުރޭތާ އަށްމަސް ދުވަސް ފާއިތުވެގެން ދާއިރު ކުރީގެ ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާނެކަން ޤަބޫލުކުރައްވާކަމަށެވެ. ޤައުމުތަކުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ޙަރަކާތްތައް އަލުން ފަށައި، ދަރިވަރުން އަނބުރާ މަދަރުސާއަށްގޮސް މަސައްކަތްތެރިން ވަޒީފާއަށް ނުކުތުމަކީ ޑަބްލިއުއެޗުއޯއިން ދެކެން ބޭނުންވާ މަންޒަރެއްކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެގޮތަށް ޢަމަލުކުރަންވާނީ ޢާންމުންގެ ރައްކާތެރިކަން ޔަޤީންކޮށްފައިކަމަށް އޭނާ ވިދާޅުވިއެވެ.

ޓެޑްރޮސް އިތުރަށް ވިދާޅުވީ ބަލިމަޑުކަމުން އަރައިގަނެވިފައިވާކަމަށް އެއްވެސް ޤައުމަކަށް ޤަބޫލުކުރެވެން ނެތްކަމަށާއި ހަޤީޤަގަކީ އެ ބައްޔަކީ ވަރަށް ފަސޭހަކަމާއެކު ފެތުރޭ ބައްޔެއްކަން ދަންނަންޖެހޭކަމަށެވެ. އެއްވެސް ބެލުމެއް ނެތި މުޖުތަމަޢުތަކާ އިޤްތިޞާދުތައް ހުޅުވާލުމުން އޭގެ ނަތީޖާ ވަރަށް ގޯސްވާނެކަމަށް އޭނާ ވިދާޅުވިއެވެ.

ކުޅިވަރު އެކުވެނިތަކާއި ދީނީ މަރުކަޒުތަކާއި ގިނަ ޢަދަދެއްގެ މީހުން އެއްވެ އުޅޭ ތަންތަނުގައި އާދަޔާ ޚިލާފަށް ގިނަ ޢަދަދެއްގެ މީހުންނަށް ބަލިޖެހެމުންދާކަމަށްވެސް ޓެޑްރޮސް ވިދާޅުވިއެވެ. އެހެންކަމުން، އެފަދަ އެއްވުންތައް ބޭއްވުމުގެ ފުރުޞަތު ނުދިނުމަށް އޭނާވަނީ ޤައުމުތަކަށް ގޮވާލައްވައިފައެވެ. ގިނަ ޢަދަދެއްގެ މީހުން އެއްވާ ޙަރަކާތްތައް ބޭއްވުމަށް ޙުއްދަ ދިނުމުގައި އެ ސަރަޙައްދެއްގެ ޙާލަތުގެ މައްޗަށް ރިޢާޔަތްކޮށް ގިނަ ކަންތައްތަކެއް ބަލަންޖެހޭނެކަމަށް އޭނާ ވިދާޅުވިއެވެ.

ދުނިޔޭގެ 188 ޤައުމަކާއި ސަރަޙައްދެއްގައި މިހާތަނަށް 25.6 މިލިއަން މީހުންނަށް ކޯވިޑް-19ޖެހި 855،000 މީހުންވަނީ މަރުވެފައެވެ. މީގެ ކުރިން ބަލި ފެތުރުން ހުއްޓުވިފައިވާކަމަށް ޤަބޫލުކުރެވިފައި އޮތް ޤައުމުތަކުގައިވެސްވަނީ ބަލި އަލުން ފެތުރެން ފަށައިފައެވެ.