ޚަބަރު

ލުބުނާނުގެ ހިންގުމަށް ހެޔޮ ބަދަލު ގެނައުމަށް މަސައްކަތް ކުރާނަން: މެކްރޯން


ލުބުނާނުގެ ހިންގުމަށް ހެޔޮ ބަދަލު ގެންނެވުމަށް މަސައްކަތް ކުރައްވާނެކަމަށް ފަރަންސޭސިވިލާތުގެ ރައީސް އެމަނުއަލް މެކްރޯން ވިދާޅުވެއްޖެއެވެ. އޭނާ އެހެން ވިދާޅުވީ އޮގަސްޓު މަހުގެ 4ވަނަ ދުވަހު ބައިރޫތުގައި ހިނގި ބޮޑު ގޮވުންތަކަށްފަހު އެ ޤައުމަށް ކުރައްވަމުންދާ ދެވަނަ ޒިޔާރަތުގައެވެ.

ލުބުނާނަށް ކުރައްވަމުންދާ ދެ ދުވަހުގެ ދަތުރުފުޅާގުޅޭގޮތުން ރައީސް މެޚްރޮން ޢަރަބި ބަހުން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ލުބުނާނަށް އޭނާ އެނބުރި ވަޑައިގަތީ އެ ޤައުމާއެކު މަސައްކަތްކޮށް ޤައުމު އަލުން އާރާސްތުކުރުމަށް ބޭނުންވާ ކަންކަން ފުރިހަމަކުރުމަށް އެހީތެރިވެދިނުމަށްކަމަށެވެ. ރައީސް މެކްރޯން ލުބުނާނަށް ވަޑައިގަތުމުގެ ގަޑިއިރުކޮޅެއް ކުރިން ލުބުނާނުގެ އައު ސަރުކާރު އެކުލަވާލުމަށް ޚާރިޖީ ދައިރާގައި މަސައްކަތްކުރައްވަމުންދިޔަ މުސްޠަފާ އަދީބަށްވަނީ ޙަވާލުކޮށްފައެވެ.

ބޮޑު ގޮވުންތަކަށްފަހު ލުބުނާނުގެ ސަރުކާރު އިސްތިޢުފާ ދިނުމުން އައު ސަރުކާރު އެކުލަވާލުމަށް ޙަވާލުކުރާނެ ފަރާތަކާމެދު ކުރަމުންދިޔަ މަޝްވަރާތައް އަވަސްކުރުމުގައި ރައީސް މެކްރޯންގެ ދަޢުރު ވަރަށް މުހިންމުކަމަށް ލުބުނާނުގެ ރަސްމީ ފަރާތްތަކުންވަނީ ބުނެފައެވެ. ލުބުނާނުގެ ސިޔާސީ އިސް ފަރާތަކުން ވިދާޅުވީ ރައީސް މެކްރޯން ކުރައްވަމުންދިޔަ ފޯނު ކޯލުތަކާއި އެ ޤައުމަށް ދަތުރުކުރައްވަން ހަމަޖެހިފައި އޮތުމުގެ ސަބަބުން ބޮޑުވަޒީރުގެ މަޤާމަށް އިސްކުރާނެ ފަރާތެއް ނިންމުމުގެ ކަންކަން އަވަސްވެގެންދިޔަ ކަމަށެވެ.

ގޮވުންތަކަށްފަހު މެކްރޯން ދަނީ ލުބުނާނުގެ ޙާލަތު ކައިރިން ބައްލަވާ، އެ ޤައުމުގެ އިސް ފަރާތްތަކާ މަޝްވަރާތައް ކުރައްވަމުންނެވެ. އެ ޤައުމުގައި އެތައް އަހަރެއް ވަންދެން ހިންގަމުންދިޔަ ކޮރަޕްޝަނާއި ފަސާދައިގެ ޢަމަލުތައް ހުއްޓުމަކަށް ގެނެސް، ޤައުމާއި ރައްޔިތުންގެ މަސްލަހަތު އިސްކުރުމަށް ރައީސް މެކްރޯންދަނީ ބާރުއަޅުއްވަމުންނެވެ.

ލުބުނާނުގެ ޙާލަތު ރަނގަޅުކުރުމަށް ގިނަ މަސައްކަތްތައް ކުރައްވަމުންދަނީ މި ވަގުތު އެ ޤައުމުގެ ޙާލަތު އޮތް ގޮތުން ކަމަށް މީގެ ކުރިން މެޚްރޮންވަނީ ވިދާޅުވެފައެވެ. ލުބުނާނުގެ މައްސަލަތައް ޙައްލުކުރުމުގެ މެދިވެރިއެއްގެ ގޮތުގައި މަސައްކަތްކުރުމަށް ފަރަންސޭސިވިލާތަކީ ތެދުވެރި ޤައުމެއްކަން ވިލާތާއި އެމެރިކާ އާއި އެހެނިހެން ސަރަޙައްދީ ބައިވެރިންނަށް އެ ޤައުމުން ޔަޤީންކޮށްދީފައިވާނެކަމަށް އޭނާ ވިދާޅުވިއެވެ.