ކުޅިވަރު

ޗައިނާ މެޗުގައި އުމެއިރުއަށްވެސް ނުކުޅެވޭނެ


ވޯލްޑްކަޕް ކޮލިފިކޭޝަނުގައި މިއަދު ޗައިނާއާއި ދެކޮޅަށް ރާއްޖޭގެ ޤައުމީ ޓީމް ނިކުންނަ މެޗުގައި ފޯވާޑް މުޙައްމަދު އުމެއިރުއަށްވެސް ނުކުޅެވޭނެކަމަށް ޓީމުން ބުނެފިއެވެ. އުމެއިރުގެ އުކުޅުވަޅަށް ލިބިފައިވާ އަނިޔާއަކާއި ގުޅިގެން މިއަދުގެ މެޗުގައި ނުކުޅެވޭނެކަން ކޯޗް އިސްމާއިލް މަހުފޫޒް ވަނީ ޔަޤީންކޮށްދީފައެވެ. މީ އުމެއިރަށް ކުރިން ލިބިފައިވާ އަނިޔާއެކެވެ.އުމެއިރު ނެތްތަން ފޫބައްދާނީ ޒުވާން ފޯވާޑް ހަމްޒާ މުޙައްމަދުއެވެ. ޗައިނާގެ، ޝެންޔެންގެ 60،000 މީހުންގެ ޖާގައިގެ އޮލިމްޕިކް ސްޓޭޑިއަމުގައި ކުޅޭ މި މެޗުގައި ރާއްޖޭގެ ކެޕްޓަން އަލީ އަޝްފާޤްވެސް ނުކުޅޭއިރު އާއްމުކޮށް ރާއްޖޭގެ އެންމެ ކުރިއަށް ކުޅޭ އަސަދުﷲ އަބްދުﷲވެސް ހުރީ އަނިޔާގައެވެ.ރާއްޖޭގެ ފޯވާޑް ލައިނުގައި ހަމްޒާއާއެކު ދެން ބައިވެރިވާނެ އަނެއް ދެ ކުޅުންތެރިންނަކީ އަހުމަދު އިމާޒުއާއި އަޙުމަދު ނާޝިދުއެވެ. މިމެޗު ފަށާނީ ރާއްޖެ ގަޑިން މިއަދު ހަވީރު 16:35 ގައެވެ. މިމެޗު ޓީވީއެމްއިން ވަގުތުން ދައްކާނެއެވެ.