ޚަބަރު

ސިންގަޕޫރު ސަފީރު ކަމަށް ޝަހީބު އައްޔަންކުރަން ރުހުން ދެއްވައިފި


ސިންގަޕޫރަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ފޮރިން މިނިސްޓްރީގެ ޗީފް އޮފް ޕްރޮޓޮކޯލް އިބްރާހީމް ޝަހީބަށް މަޖިލީހުން ރުހުން ދެއްވައިފިއެވެ.

މިމައްސަލަ ދިރާސާ ކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީންނެވެ. ފޮރިން މިނިސްޓްރީގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަޤާމު މިހާރުވެސް ފުރުއްވަމުންގެންދަވާ އިބްރާހީމް ޝަހީބަކީ އެމިނިސްޓްރީގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކޮށްދެއްވަމުން އަންނަ ބޭފުޅެކެވެ. އޭނާއަށް ރުހުން ދެއްވާފައިވަނީ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 58 ވޯޓުންނެވެ.

1991 ވަނަ އަހަރުން ފެށިގެން ފޮރިން މިނިސްޓްރީގައި ޚިދުމަަތް ކުރައްވަމުން އަންނަ އިބްރާހީމް ޝަހީބަކީ ކެރިއާ ޑިޕްލޮމެޓެކެވެ. މިފަހުން ރާއްޖެއިން ބޭރުގެ އެކި ޤައުމުތަކަށް ކަނޑައެޅުއްވި ސަފީރުންނަކީވެސް ސިޔާސީ ބޭފުޅުންނަށްވުރެ ބޮޑަށް ކެރިއާ ޑިޕްލޮމެޓުންކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއްވައެވެ.

ބޭރު ޤައުމުތަކަށް ސަފީރުން ކަނޑައަޅުއްވާއިރު ކޮމިޓީން އެބޭފުޅަކާއި އިންޓަވިއު ކުރާގޮތަށް މަޖިލީހުގެ ޤަވާއިދަށްވަނީ ބަދަލު ގެނެސްފައެވެ. ސަފީރުކަމަށް އައްޔަން ކުރުމުގެ ކުރިން ކޮމިޓީން އެބޭފުޅުންނާއި އިންޓަރވިއުކުރުމަށް ނިންމާފައިވަނީ ރާއްޖެ ތަމްސީލު ކުރާ ފަރާތެއް ބޭރު ގައުމެއްގައި އެންމެ އިސް ފަރާތެއްގެ ގޮތުގައި ހުންނަ އިރު، އެމީހާއަކީ އެކަމަށް އެންމެ އެކަށީގެންވާ މީހެއްގެ ގޮތުގައި ބެލުމަށްކަމަށެވެ.