ޚަބަރު

އިނގިރޭސި ޝާހީ ޢާއިލާ ކެއުމުގެ ކަންތައްތަކުގައި ޢަމަލުކުރާ އާދަޔާޚިލާފު ބައެއް ކަންކަން


އިނގިރޭސިވިލާތުގެ ޝާހީ ޢާއިލާގެ ބޭފުޅުން ޢާންމު ދިރިއުޅުމުގައި ޢަމަލުކުރާ ޤަވާޢިދުތަކާއި ގެންގުޅޭ އާދަކާދަތަކަކީ ޢާންމު ރައްޔިތުންގެ ދިރިއުޅުމާ ވަރަށް ތަފާތު އާދަކާދަތަކެކެވެ. އެހެން މީހުންނާ މުޢާމަލާތްކުރާގޮތާއި ކައިބޮއެ ހެދުމުގައިވެސް ޢަމަލުކުރާގޮތަކީ އެ ޢާއިލާއަށް ޙާއްޞަ ޤަވާއިދުތަކަކާއި އާދަކާދަތަކެކެވެ.

އިނގިރޭސި ރާނީ އެލިޒަބެތު ދެވަނަ ފަރީއްކުޅުވަނީ ދުވާލަކު ހަތަރު ފަހަރެވެ. އެއީ ހެނދުނުގެ ނާސްތާއާއި، މެންދުރުގެ ކެއުމާއި ހަވީރު ސަޔާއި ރޭގަނޑުގެ ކެއުމެވެ. އެކަމަނާގެ ހެނދުނުގެ ނާސްތާއަށް އަބަދުވެސް ބައްލަވާނީ ސަޔާއި ކޯންފްލޭކްސްއެވެ. އެކަމަނާ އެންމެ ގަޔާވެލައްވާ ކެއުމަކީ ހަވީރުގެ ސައެވެ. ކޮންމެ ތަނެއްގައި ހުންނެވި ނަމަވެސް ސައިގަޑި ޖެހުމުން ސައި ހިއްޕަވަން އެކަމަނާ ބޭނުންވެލައްވާނެއެވެ. ޝާހީ ގަނޑުވަރުގައި މަސައްކަތްކޮށްފައިވާ ކައްކާއަކު ބުނި ގޮތުގައި އޮސްޓުރޭލިއާއަށް ރާނީ ކުރެއްވި ދަތުރުފުޅެއްގައި އެ ޤައުމުގެ ގަޑިން ފަތިހު 5ޖަހާއިރަށް ރާނީއަށް ހަވީރުގެ ސައި ތައްޔާރުކޮށްދޭން ޖެހެއެވެ. އެއީ އިނގިރޭސިވިލާތުގެ ގަޑިން ހަވީރު 5 ޖަހާއިރެވެ. އެކަމަނާ ރޭގަނޑުގެ ކެއުން ބައްލަވާނީ ވަރަށް ލުއިކޮށެވެ. ރޭގަނޑުގެ ކެއުމުގައި ޕާސްތާ، ބަތް، އަލުވިފަދަ ބާވަތްތައް ޝާހީ ގަނޑުވަރުގައި ނުހިމަނައެވެ.

ރާނީ އެލިޒަބެތު އެންމެ ގަޔާވާ ކެއުންތަކުގެ ތެރޭގައި ޚާއްޞަ ސޯސްއެއްގައި ތައްޔާރުކޮށްފައި ހުންނަ ޑިންގާ ހިމެނެއެވެ. އެކަމަނާ އެންމެ ކާހިތްވާ އެކައްޗަކީ ޗޮކުލެޓެވެ. ކޮންމެ ހަފުތާއަކުވެސް އެ ހަފުތާއެއްގައި ކެއުމަށް ތައްޔާރުކުރާ ބާވަތްތައް ރާނީއަށް އެންގުމަށް އެ ހަފުތާއެއްގެ މެނޫ ރާނީއާ ޙިއްޞާކުރުމުން މެނޫގައި ޗޮކުލެޓު ހިމެނޭ ބާވަތެއް ހިމެނުމަށް ހުށަހަޅާފައިވާނަމަ އެ އެއްޗެއް ރާނީ އަބަދުވެސް ޚިޔާރުކުރައްވައެވެ. އެނގިފައިވާ ގޮތުގައި އަނބަކީވެސް އެކަމަނާއަށް ވަރަށް ކަމުދާ މޭވާއެކެވެ. އެ ސަބަބަށްޓަކައި ޝާހީ ގަނޑުވަރުގައި އަބަދުވެސް އަނބު ލިބެން ހުރެއެވެ.

އޭގެ އިތުރުން ކޮންމެ ހުކުރު ދުވަހެއްގައި ފިޝް އެންޑް ޗިޕްސް ފަރީއްކުޅުވުމަކީވެސް ރާނީ އެލިޒަބެތުގެ އާދައެކެވެ. ތައްޔާރީ ކާނާއަށް މާ ބޮޑަށް ލޯބި ނުކުރެއްވިނަމަވެސް ހުކުރު ދުވަހުގެ އެ ކެއުމަކީ އެ ކަމަނާއަށް ޙާއްޞަ ކެއުމެކެވެ. ގަނޑުވަރުގައި މަސައްކަތްކުރާ 300އެއްހާ މުޒައްވަފުންވެސް ހުކުރު ދުވަހުގެ މެންދުރުގެ ކެއުމަށް ކަނީ ފިޝް އެންޑް ޗިޕްސެވެ. ނަމަވެސް ސޯސްގެ ބަދަލުގައި އެ ކެއުން ޝާހީ ގަނޑުވަރުގައި ކައި އުޅެނީ ސެލެޑަކާއެކުގައެވެ.

ރާނީ އެލިޒަބެތު ގަޔާވެނުލައްވާ ބާވަތްތައްވެސް ހުރެއެވެ. އެގޮތުން ޝާހީ ގަނޑުވަރުގައި ތައްޔާރުކުރާ އެއްވެސް ކާނާއެއް ތައްޔާރުކުރުމަށް ލޮނުމެދު ބޭނުންކުރުމަކީ މަނާކަމެކެވެ. ރާނީ ބައްލަވާ ކެއުންތައް ނޫނަސް ޝާހީ ޢާއިލާގެ އެހެން ބޭފުޅުންނަށް ތައްޔާރުކުރާ ކެއުންތަކުގައިވެސް ލޮނުމެދު ހިމެނުން މަނާވާނެއެވެ.

ރާނީ ބައްލަވާ ކެއުމަކަށް އެކަމަނާ މާ ބޮޑަށް ގަޔާވެވަޑައިނުގަންނަވާނަމަ އެކަން އަންގަވަން ރާނީ ބޭނުންކުރައްވަނީ އެކަމަނާގެ މުވައްޒަފުންވެސް އެކަމާ މާޔޫސްނުވާފަދަ އުކުޅެކެވެ. ކާ އެއްޗެއްގެ ރަހަ ކަމުނުގޮސްފިނަމަ ބޭރުފުށުން އެކަން މާ ބޮޑަށް ނުދައްކަވާ، ނޯޓެއްގެ ޒަރިއްޔާއިން އެ ކެއުން ދެން ބައްލަވަން ބޭނުންފުޅު ނުވާކަން މުވައްޒަފުންނަށް އަންގަވައެވެ.

ސައިތަށި ހިފެހެއްޓުމުގައިވެސް ޝާހީ ޢާއިލާއިން ޢަމަލުކުރަންޖެހެނީ ވަކި ޚާއްޞާ ގޮތަކަށެވެ. ސައި ބައްލަވާއިރު ފުރަތަމަ ބައްލަވާނީ ކިރު ނާޅައެވެ. އެއަށްފަހު ސައި ދެން ބައްލަވާނީ ކިރު އަޅައިގެންނެވެ. ސައިތަށި ގިރާއިރު ތަށީގައި ސަމްސާ ޖެހުމަކީ ހަޑިކަމެކެވެ. އަންހެން ބޭފުޅުން ސައި ބައްލަވާއިރުގައި ތަށީގެ ބޭރުގައި ތުންފަތުގައި ޖައްސާފައިހުރި ކުލަ އުނގުޅިފައި ހުރުމަކީވެސް ބޭއަދަބީ ކަމެކެވެ. އެހެންކަމުން ދިޔާއެއްޗެހި ބައްލަވާއިރު ތަށީގެ ކޮންމެވެސް އެއް ތަންކޮޅެއްގައި ތުންފަތް ޖެއްސުމަކީ އެދެވިގެންވާ ކަމެކެވެ. ހަމަ އެގޮތަށް ޓިޝޫއާއި ނެޕްކިންފަދަ ތަކެތި ބޭނުންކުރުމުގައިވެސް ޢަމަލުކުރަންޖެހެނީ ވަކި ގޮތަކަށެވެ. ތުން ފޮހުމަށް ބޭނުންކުރާނީ ޚާއްޞަ ގޮތަކަށް ފަތްޖަހާފައި ހުންނަ ޓިޝޫގެ އެތެރެ ފަރާތެވެ.

ކެއުމުގައި ބޭނުންކުރާ އުލާއި ސަމްސަލާއި ވަޅިފަދަ ތަކެތި ހިފަހައްޓަންވެސް ޚާއްޞަ ގޮތްތަކެއް ހުރެއެވެ. އެގޮތުން ކަނާތުން ވަޅީގައި ހިފަހައްޓާ ވަާތުން އުލުގައި ހިފަހައްޓައެވެ. ވަޅި ބޭނުންކޮށްގެން އުލުގެ ފަހަތު ފަރާތަށް ކާއެއްޗެހި އަޅައި، އަނގަޔާހަމައަށް ކާއެއްޗެހި ގެންދަންޖެހެނީ އެގޮތަށެވެ. ކެއުމުގައި ބޭނުންކުރާ އުލާއި ސަމްސާފަދަ ތަކެތީގެ އެހެން ބޭނުމެއްވެސް އޮވެއެވެ. ކައި ނުނިމޭކަން ނުވަތަ ނިމިއްޖެކަން ވެއިޓަރުންނަށް އިޝާރާތްކުރުމަށްވެސް ބޭނުންކުރަނީ ހަމަ އެ އާލާތްތަކެވެ.

ފަރިއްކުޅުވާއިރު ރާނީއާއެކު ބައިވެރިވެލައްވާ ފަރާތްތަކާ ވާހަކަދެއްކެވުމުގައިވެސް ރާނީ ބެނުންކުރައްވަނީ ވަރަށް އިންސާފުވެރި އުކުޅެކެވެ. ކެއުމުގެ ފުރަތަމަ ބައިގައި ރާނީގެ ދެ ފަރާތުގައި އިންނަވާ ބޭފުޅުންގެ ތެރެއިން ކަނާތްފަރާތުގައި އިންނަވާ ބޭފުޅަކާ ވާހަކަދައްކަވައެވެ. ދެވަނަ ބައި ޚާއްޞަ ކުރައްވަނީ ވާތުފަޅީގައި އިންނަވާ ބޭފުޅަކާ ވާހަކަ ދެއްކެވުމަށެވެ.

ޝާހީ ކެއުންތަކުގައި ފާހަގަކޮށްލެވޭ އަނެއް ޚާއްޞަކަމަކީ ކެއުމުގައި ބައިވެރިވާ ހުރިހާ ފަރާތްތަކުންވެސް ހުރިހާ ގަޑިއެއްގައިވެސް ރަސްމީ ހެދުން ތުރުކުރައްވަން ޖެހުމެވެ. އޭގެ އިތުރުން ކެއުން އޮންނަ މާލަމަށް ޝާހީ ޢާއިލާގެ ބޭފުޅުން ވެންނެވުމުގައި ވަކި ބޭނުންކުރަންޖެހޭ ވަކި ތަރުތީބެއް އޮވެއެވެ. މާލަމަށް ވަނުމުގައި ބޭނުންކުރާ ތަރުތީބަކީ ރަސްކަމަށް އިސްވުމަށް އޮންނަ ތަރުތީބެވެ.

ރާނީ އެލިޒަބެތު ޢަމަލު ކުރައްވާ ވަރަށް އާދަޔާ ޚިލާފު އިތުރު ޤަވާއިދެއްވެސް އޮވެއެވެ. އެއް މޭޒެއްގެ ދޮށުގައި 13 މީހުންނަކަށް ނުތިބެވޭނެއެވެ. 13 މީހުންނަށްވުރެ ގިނަ ވިޔަސް ނުވަތަ މަދުވިޔަސް އެންމެ ރަނގަޅެވެ. ފަހަރުގައި އެއީ ބައެއް ޤައުމުތަކާއި ދީންތަކުގައި ނަމްބަރު 13އާ ގުޅުވައި ގެންގުޅޭ ބޯދާ ޚިޔާލުތަކުގެ ސަބަބުން ކުރައްވާކަމަކަށްވުން އެކަށީގެންވެއެވެ. އެކަމަނާއަކީ ޢާންމު ގޮތެއްގައި އެފަދަ ބޯދާ ކަންކަމަށް މާބޮޑު ސަމާލުކަން ދެއްވާ ބޭކަންބަލެއްކަމުގައި ނުވިނަމަވެސް އެއް މޭޒެއްގެ ދޮށުގައި ސީދާ 13 މީހުން ތިބުމަކީ އެކަމަނާ ހިތްހަމެޖެހިވަޑައިގަންނަވާކަމެއް ނޫނެވެ.

ޝާހީ ގަނޑުވަރުގައި ބާއްވާ ކެއުންތަކުގައި ހިމެނޭ އެންމެ އާދަޔާ ޚިލާފު އެއްކަމަކީ ރާނީއާއެކު ފަރިއްކުޅުވުމުގައި ބައިވެރިވެވަޑައިގަންނަވާ އެހެން ބޭފުޅުންވެސް ރާނީ ކޭންބައްލަބާ ނިމުމުން ކެއުން ހުއްޓާލަން ޖެހުމެވެ. އެއީ ތަށި ހުސްނުވާ ކަމުގައި ވިޔަސް، އަދި ކިތަންމެ މީރުކޮށް ކޭންބައްލަވަން ތިބި ނަމަވެސްމެއެވެ. ނަމަވެސް އެހެން ބޭފުޅުން ފަރީއްކުޅުވާ ނުނިމޭނަމަ ކެއުމަށް ފުރުޞަތު ދިނުމުގެ ގޮތުން ރާނީގެ ތަށިން އެތިކޮޅެއް ނުކައި ގިނަފަހަރު ބަހައްޓަވައެވެ. ނަމަވެސް ރާނީގެ އަތްދަބަސް މޭޒުމަތީގައި ބަހައްޓަވައިފިނަމަ އެއީ ކުރިއަށް އޮތް ފަސް މިނެޓުގެ ތެރޭގައި ކެއުން ނިމުމަކަށް ގެންނަން ޖެހޭނެކަމުގެ އިޝާރާތެކެވެ.

ސަލާމަތީ ސަބަބުތަކަށްޓަކައި ސީފުޑްގެ ބާވަތެއްކަމަށްވާ ޝެލްފިޝް ޝާހީ ގަނޑުވަރުގެ ކެއުންތައް ތައްޔާރުކުރުމުގައި ބޭނުމެއް ނުކުރެއެވެ. ޝެލްފިޝްއަކީ އެ ކެއުމުގެ ސަބަބުން ވިހަ ވުމުގެ ފުރުޞަތު އޮންނަ އެއްޗެކެވެ. ހަމަ އެފަދައިން ދަތުރުތައް ކުރައްވާއިރު ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން ނޫން ފެން ހިއްޕެވުން ޝާހީ ޢާއިލާގެ ބޭފުޅުންނަށް މަނާވާނެއެވެ. އޭގެ އިތުރުން ޚާއްޞާ ހުއްދައެއްގެ ދަށުން ތައްޔާރުކޮށްފައިވާ ކާބޯތަކެތި ނޫން ތަކެތި ފަރީއްކުޅުވުންވެސް އެ ޢާއިލާއަށް މަނާވާނެއެވެ.

ޝާހީ ގަނޑުވަރުގެ ބަދިގެއަށް ރާނީ ވަންނަވައިފިނަމަ ބަދިގޭގައި މަސައްކަތްކުރާ ހުރިހާ މުޒައްވަފުން މަސައްކަތް މެދުކަނޑާލައި މުޅި ބަދިގެ ހުއްޓުމަކަށް އާދެއެވެ. ރާނީ ނުކުންނެވުމުން ނޫނީ މަސައްކަތްކުރިއަކަށް ނުގެންދެވޭނެއެވެ. އުނދުން މަތީގައި އުދާފައި ހުންނަ އެއްޗެހި މި ސަބަބަށްޓަކައި ބައެއް ފަހަރު އަނދާފަހަރުވެސް އާދެއެވެ.