ޚަބަރު

އެތެރޭ މާލަންތަކުގައި ކައިވެނި ހަފުލާތައް ބޭއްވުން އިސްތަންބުލުގައި މަނާކޮށްފި


އިމާތާތްތަކުގެ އެތެރޭގައި ހުންނަ މާލަންތަކުގައި ކައިވެނި ހަފުލާތައް ބޭއްވުން ތުރުކީވިލާތުގެ އިސްތަންބުލުގައި މަނާކޮށްފިއެވެ.

ފާއިތުވި ދުވަސްތަކުގައި ތުރުކީވިލާތުގައި ކޯވިޑް-19 ފެތުރޭ މިންވަރުވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މިހާތަނަށް 267،064 މީހުންނަށް ބަލި ޖެހި 6،284 މީހުން ތުރުކީވިލާތުގައިވަނީ މަރުވެފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 1،549 މީހުންނަށް ބަލިޖެހި 39 މީހުންވަނީ މަރުވެފައެވެ. މިދިޔަ ޖޫން މަހުން ފެށިގެން އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ކޯވިޑް-19 ޖެހިފައިވަނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައިކަން ފާހަގަކުރައްވާ ތުރުކީވިލާތުގެ ދާޚިލީ ވަޒީރު ފަހްރުއްދީން ކޯކާ ވިދާޅުވީ ބަލީގެ ސަބަބުން ޙާލު ދެރަވާ މީހުންގެ ޢަދަދު އިތުރުވަމުންދާކަމަށާއި ފިޔަވަޅުތަކަށް ލުއި ދިނުމުގައި ސަމާލުވާންޖެހޭކަމަށެވެ.

ބަލި ފެތުރޭ މިންވަރު ދަށްކުރުމަށް ތުރުކީވިލާތުން ކުރަމުންދާ މަސައްކަތުގެ ދަށުން އޮގަސްޓު މަހުގެ 31ވަނަ ދުވަހުން ފެށިގެން އިސްތަންބުލުގައި އިމާރާތްތަކުގެ އެތެރޭގައި ހުންނަ މާލަންތަކުގައި ބާއްވާ ކައިވެނި ހަފުލާތަކާއި ހިތާނު ޕާޓީފަދަ ޙާރަކާތްތައް ބޭއްވުން މަނާވާނެއެވެ. ބޭރުގެ ތަންތަނުގައި ބާއްވާ ޙަފުލާތައް ބޭއްވުމަށް ހުރަހެއް ނެތްނަމަވެސް އެ ހަފުލާތަކުގައި ކުޑަކުދިންނާއި އުމުރުން 60އަހަރަށް ވުރެ މަތީގެ މީހުން ބައިވެރިވުން މަނާވާނެއެވެ