ޚަބަރު

އިންޑިޔާގެ ރޭލު ދުއްވާ މަގުތައް ހުޅުވައި ކުޅިވަރު ހަރަކާތްތައް ފަށަނީ


އަންނަ މަހުން ފެށިގެން އިންޑިޔާގެ ރޭލުދަތުރުކުރާ މަގުތައް ހުޅުވައި ކުޅިވަރު ހަރަކާތްތަކާއި ދީނީ ހަރަކާތްތައް ކޮންމެވެސް ވަރަކަށް އަލުން ފަށާނެކަމަށް އެ ޤައުމުން ބުނެފިއެވެ.

ދުނިޔޭގައި ތިންވަނައަށް އެންމެ ހަލުވިކޮށް ކޯވިޑް-19 ފެތުރޭ ޤައުމުގެ ގޮތުގައި އޮތީ އިންޑިޔާއެވެ. 1.2 ބިލިއަން މީހުންގެ އާބާދީއެއް އޮންނަ އިންޑިޔާގައި މިހާތަނަށް 3.5 މިލިއަން މީހުންނަށް އެ ކޯވިޑް-19 ޖެހި 63،600 މީހުންވަނީ މަރުވެފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 76،472 މީހުންނަށް ބަލިޖެހި 1،021 މީހުންވަނީ މަރުވެފައެވެ. ފާއިތުވި ހަފުތާގެ ތެރޭގައި މީގެ ކުރިން އިތުރު ނުވާ މިންވަރަށް ދުވާލެއްގެ މައްޗަށް ބަލިޖެހޭ މީހުންގެ ޢަދަދުވަނީ އިންޑިޔާގައި އިތުރުވެފައެވެ.

ޤައުމުގައި ބަލި ފެތުރޭ މިންވަރު ދަށަށް ގޮސްފައި ނުވާނަމަވެސް އިޤްތިޞާދު ކޮޅަށްޖެހުމުގެ ބޭނުމުގައި އެ ޤައުމުގައި އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ލުއި ދިނުމަށްވަނީ ނިންމާފައެވެ. ދާޚިލީ ވުޒާރާއިންބުނީ ވެރިކަންކުރާ ނިއު ދިއްލީގެ އެތައް މިލިއަން މީހުން ބޭނުންކުރާ އަންޑަގުރައުންޑު ރޭލު ނިޒާމު ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން މަރުޙަލާތަކަށް ބަހާލައިގެން ބޭނުންކުރަން ފަށާނެކަމަށެވެ. އަދި ސެޕްޓެމްބަރު މަހުގެ 21ވަނަ ދުވަހުން ފެށިގެން ގިނަވެގެން 100 މީހުންނަށް ބައިވެރިވެވޭގޮތަށް ކުޅިވަރު އަދި ދީނީ ޙަރަކާތްތައް ބޭއްވުމުގެ ޙުއްދަ ދިނުމަށްވަނީ ނިންމާފައެވެ. ނަމަވެސް ސެޕްޓެމްބަރު މަހުގެ ނިޔަލަށް މަދަރުސާތަކާއި ކޮލެޖުތައް ހުންނާނީ ބަންދުކޮށްފައެވެ.

ލުއިތައް ދިންކަމުގައި ވިޔަސް އިންޑިޔާގައި އެންމެ ހަލުވިކޮށް ބަލިފެތުރޭ ސަރަޙައްދުތަކުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ނުދޭނެކަމަށް ސަރުކާރުން ބުންޏެވެ. އިންޑިޔާގައި މިވަގުތު އެންމެ ޙާލަތު ގޯހީ މަހާރަޝްތާ ސްޓޭޓުގައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 331 މީހުންވަނީ އެ ސްޓޭޓުގައި މަރުވެފައެވެ.