ވިޔަފާރި

ބީއެމްްއެލްގެ ލޯނުތައް ދެއްކުން ނޮވެމްބަރުމަހާ ހަމައަށް ފަސްކޮށްދެނީ


ކޯވިޑްއާ ގުޅިގެން ބީއެމްއެލްގެ ލޯނުތައް ފަސްކުރުމަށް އިތުރު ފުރުޞަތެއް ބީއެމްއެލްއިން ހުޅުވާލައިފިއެވެ.

ކޯވިޑް-19އާ ގުޅިގެން އާއްމުންނާއި ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަތުމަށް އެހީތެރިވުމުގެ ގޮތުން ބޭންކުން ނަގާފައިވާ ލޯނާއި ފައިނޭންސިންގއަށް ފައިސާދެއްކުން ފަސްކޮށްދިނުމަށް ނިންމައި، ބީއެމްއެލްއިން ވަނީ މިދިޔަ މާރިޗު މަހު އެކަން ހާމަކޮށްފައެވެ.

ބީއެމްއެލްއިން ބުނީ މިގޮތުން ހުޅުވާލެވުނު ފުރުސަތުގައި މިދިޔަ ޖުލައި މަހުގެ ނިޔަލަށް ޕަރސަނަލް، ހައުސިންގ އަދި ވިޔަފާރި ލޯނާއި ފައިނޭންސް ހިމެނޭ ގޮތަށް ސަތާރަ ހާސް ހަތް ސަތޭކަ ލޯނު 6 މަސްދުވަހަށް ފަސްކޮށްދިނުމަށް އެދި އެކި ފަރާތްތަކުން ހުށަހަޅާފައިވާކަމަށެވެ. އަދި ބޭންކް އޮފް މޯލްޑިވްސްއިން ދޫކޮށްފައިވާ ލޯނަށް ދައްކަންޖެހޭ ފައިސާ ފަސްކޮށްދިނުމަށް މިހާތަނަށް އެދި ހުށަހަޅާފައިނުވާ ފަރާތްތަކަށް 31 ޑިސެމްބަރުގެ ނިޔަލަށް އެ ފުރުސަތު ހުޅުވާލެވިފައިވާކަމަށް ބީއެމްއެލްއިން ބުނެއެވެ.

ބީއެމްއެލްއިން ބުނީ ލޯނަށް ދައްކަންޖެހޭ ފައިސާ އަނބުރާދެއްކުން ފަސްކޮށްދީފައިވާ ގިނަ ކަސްޓަމަރުންނަށް ދީފައިވާ 6 މަސްދުވަހުގެ މުއްދަތު މިހާރު ނިމުމަކަށް އައިސްފައިވާކަމަށެވެ. އެހެންކަމުން ކަސްޓަމަރުން ލޯނަށް ދައްކަންޖެހޭ ފައިސާ އަނބުރާ ދެއްކުން ފަސްކުރުމަށް އެދި ހުށަހެޅުމުގެ އިތުރު ފުރުސަތެއް ދިނުމަށް ނިންމާފައިވާކަމަށް ބީއެމްއެލްއިން ބުނެއެވެ. މިގޮތުން ސެޕްޓެމްބަރުމަހުން ފެށިގެން ނޮވެމްބަރުމަހުގެ ނިޔަލަށް ފައިސާދައްކަން ފަށަންޖެހޭ ކަސްޓަމަރުންނަށް އެ ފުރުސަތު ލިބޭނެކަމަށާއި އެ ފުރުސަތު ލިބިގެންދާނީ މިހާރުވެސް މޮރަޓޯރިއަމްއަށް އެދި ހުށަހަޅާފައިވާ ކަސްޓަމަރުންގެ ތެރެއިން އެ މަސްތަކުގައި ފައިސާދައްކަންޖެހޭ ކަސްޓަމަރުންނަށްކަމަށް ބީއެމްއެލްއިން ބުނެއެވެ.

ލޯނަށް އަނބުރާ ފައިސާދެއްކުން ފަސްކުރުމަށް އިތުރު ފުރުސަތަކަށް އެދި ހުށަހެޅުމުގެ ޝަރުތު ހަމަވާ ކަސްޓަމަރުންނަށް 8 ސެޕްޓެމްބަރުން ފެށިގެން 30 ނޮވެމްބަރުގެ ނިޔަލަށް ބޭންކުގެ ޕޯރޓަލް މެދުވެރިކޮށް ހުށަހެޅޭނެކަމަށްވެސް ބީއެމްއެލްއިން ބުނެއެވެ.

ބީއެމްއެލްއިން ބުނީ ލޯނަށް އަނބުރާދައްކަން ޖެހޭ ފައިސާ ފަސްކޮށްދިނުމަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ފައިސާ ދެއްކޭނެ ޤާބިލްކަން ލިބިފައިވާ ކަސްޓަމަރުން ދެވަނަ ފަހަރަށް ފައިސާދެއްކުން ފަސްކޮށްދިނުމަށް އެދި ކޮންމެހެން ހުށަހަޅަން ނުޖެހޭނެކަމަށެވެ.