ޚަބަރު

އަފްޣާނިސްތާނުގެ އެކްޓިންގ ފޮރިން މިނިސްޓަރަށް ދިވެހި ޚާރިޖީ ވަޒީރުގެ ތަޢުޒިޔާގެ މެސެޖެއް


އަފްޣާނިސްތާނުގެ ޕަރްވާން ޕްރޮވިންސަށް ބޯކޮށް ވާރޭ ވެހި، ފެންބޮޑުވުމުގެ ޙާދިސާތަކެއް ހިނގައި، ގިނަ އަދަދެއްގެ ބަޔަކު މަރުވުމާ ގުޅިގެން ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު، އަފްޣާނިސްތާނުގެ އެކްޓިންގ ފޮރިން މިނިސްޓަރ މުހައްމަދު ހަނީފް އަތުމާރް އަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

މި މެސެޖްގައި، ޕަރްވާން ޕްރޮވިންސްގައި ހިނގި ފެންބޮޑުވުމުގެ ޙާދިސާތަކުގައި ގިނަ ބަޔަކު މަރުވެ، އެތައް ބައެއްގެ ގެދޮރު ގެއްލުނު ޚަބަރު އެއްސެވީ ފުން ހިތާމަޔާއެކުގައި ކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

ކޯވިޑް-19ގެ ބަލިމަޑުކަމާ ކުރިމަތިލަމުންދާ މިދަނޑިވަޅުގައި އަފްޣާނިސްތާނަށް ކުރިމަތިވި ހިތާމައިގައި މިދަނޑިވަޅުގައި ދިވެހި ސަރުކާރާއި ރައްޔިތުން ބައިވެރިވެ، އަފްޣާނިސްތާން ސަރުކާރާއި ރައްޔިތުންނަށް ތައުޒިޔާ ދަންނަވާ ކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ. މީގެ އިތުރުން މީހުން ސަލާމަތްކުރުމާއި ރިކަވަރީގެ މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މަސައްކަތަށް ކާމިޔާބީއަށް މިނިސްޓަރ އެދިވަޑައިގެންނެވިއެވެ.

ކާބުލްއާ އިންވެގެން އޮންނަ ޕަރްވާން ޕްރޮވިންސްގައި ހިނގި ފެންބޮޑުވުމުގެ ޙާދިސާތަކުގައި 90 އަށްވުރެ ގިނަ މީހުން މަރުވެ، 100 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެފައިވެއެވެ. ފެންބޮޑުވެފައިވަނީ މިދިޔަ ހަފްތާގައި އެސަރަހައްދަށް ބޯކޮށް ވާރޭ ވެހުމާ ގުޅިގެންނެވެ. މިހާދިސާގައި 1500 އަށްވުރެ ގިނަ ގެތައް ވަނީ ހަލާކުވެ ގިނަ ބަޔަކު ވީނުވީއެއް ނޭނގިވަނީ ގެއްލިފައެވެ. ޕަރްވާންގެ އިތުރުންވެސް އަފްޣާނިސްތާނުގެ 7 ޕްރޮވިންސަކަށް ފެންބޮޑުވުމުގެ އަސަރުކޮށްފައިވެއެވެ.