ދުނިޔެ

ބިޔަ ބޮޑެތި މަޝްރޫޢުތަކަށް އިންޑިޔާ ތައްޔާރު!


އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުން
މިދިޔަ އަހަރު އިޢުލާނުކުރި "މޭކް އިން އިންޑިޔާ" ކެމްޕޭންގެ ދަށުން
އެޤައުމުގައި އެކުލަވާލާ ސިޔާސަތުތަކުގެ ސަބަބުން އެޤައުމުގެ އެއްގަމު އުޅަނދު
އުފެއްދުމުގެ ދާއިރާއަށް ބޮޑު އިންޤިލާބެއް ގެންނާނެ ކަމަށް ބޭރު ދުނިޔޭގެ
ވިޔަފާރި ދިރާސާކުރާ ނޫސްތަކުން ހަފްތާ ބަންދުގައި ރިޕޯޓްކޮށްފައިވާއިރު މޯދީ
ސަރުކާރުގެ މި ސިޔާސަތުގެ އެންމެ ބޮޑު މަޤްސަދެއްގެ ގޮތުގައި ހިމެނެނީ އަންނަ
އަހަރުން ފެށިގެން ކުރިޔަށްއޮތް ދިހަ އަހަރުގެ ތެރޭގައި އެއްގަމު އުޅަނދު
އުފެއްދުމުގެ ދާއިރާ ކުރިއަރުވައި މިދާއިރާއިން އިންޑިޔާގެ އިޤްތިސާދަށް ހެޔޮ
ބަދަލްތަކެއް ގެނައުމަށް ކަމަށް މޯދީ ސަރުކާރުން ބުނެއެވެ.

މިކެމްޕޭނުގެ ދަށުން އިންޑިޔާގެ ސަރުކާރުން ވަނީ
އެޤައުމުގައި ބިޔަ ބޮޑެތި މަޝްރޫޢުތައް ހިންގުމަށް މަގުފަހިކުރުމުގެ ގޮތުން
އިދާރީގޮތުން މިހާރު ކުރިމަތިވާ އުނދަގޫތަކުން އިންވެސްޓަރުންނަށް
ލުއިހޯދަދިނުމުގެ ގޮތުން ކުރަންޖެހޭ ގިނަ ކަންތައްތަކެއް ފާހަގަކޮށް
އެކަންތައްތައް ފަސޭހައިން ހަމަޖެހޭނެ އިންތިޒާމްތައް ހަމަޖައްސަމުންނެވެ.
"މޭކް އިން އިންޑިޔާ" ކެމްޕޭނަކީ އިންޑިޔާގެ ކުންފުނިތަކާއި ބޭރުގެ
ކުންފުނިތަކުގެ އުފެއްދުންތައް އިންޑިޔާގައި އުފެއްދުމަށް މަގުފަހިކޮށްދޭ
ކެމްޕޭނެކެވެ. މިކެމްޕޭނުގެ ދަށުން އެޤައުމުގައި ފަންސަވީސް ދާއިރާއެއް
ކުރިއަރުވައި ވަޒީފާގެ ފުރުސަތު ރައްޔިތުންނަށް ހޯދަދީ ވަޒީފާ އަދާކުރާ މީހުންގެ
ހުނަރު އިތުރު ކުރުމަށް އަމާޒުކޮށް ކުރިޔަށްގެންދާ ކެމްޕޭނެކެވެ. މިކެމްޕޭންގައި
ހިމެނޭ ފަންސަވީސް ދާއިރާގެ ތެރެއިން އެއްގަމު އުޅަނދު އުފެއްދުމުގެ ދާއިރާ
ކުރިއެރުވުމަށް ސަރުކާރުން ހުށައަޅާ ކަންތައްތައް މިހާރު ވަނީ އާއްމުކޮށްފައެވެ.

މޯދީ ސަރުކާރުން އެކުލަވާލި ޕްލޭންގެ ދަށުން
މިދާއިރާއިން އެޤައުމަށް ބިޔަ ބޮޑެތި އިންވެސްޓަރުން ގެނައުމަށްޓަކައި ސަރުކާރުގެ
ފަރާތުން ދެވެންހުރި އެއްބާރުލުންދީ ޤައުމުގެ އުފެއްދުންތެރިކަން ކުރިއެރުވުމަށް
ބާރުއަޅާނެއެވެ. މިގޮތުން މިހާރު އެޤައުމުގައި އެއްގަމު އުޅަނދު އުފެއްދުމުގެ
ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އިތުރަށް މިދާއިރާއިން ކުރިއެރުމަށް ހުރި
ހުރަސްތައް ފާހަގަކޮށް، އެކަންކަމުގައި ސަރުކާރުން ދެވެން ހުރި ލުއިތަކަކީ ކޮބާތޯ
ބަލައި، އެކަމުގައި އެފަރާތްތަކަށް އެހީތެރިވުން ހިމެނެއެވެ. މިކެމްޕޭންގެ ދަށުން
މިދާއިރާގައި ހަރަކާތްތެރިވާ އިންޑިޔާގެ އަމިއްލަ ފަރާތްތަކުގެ އުފެއްދުންތެރިކަން
އިތުރުކުރުމަށް އެހީވުމުގެ ގޮތުން އިނާޔަތްތައް ދިނުން ހިމެނެއެވެ. މިކަމުގެ
ސަބަބުން އެޤައުމުގައި މިހާރު ބޭނުންކުރާ ގިނަ ދުވަސްވީ އުޅަނދުފަހަރު މަދުވެ، އާ
އުޅަނދުތައް އެޤައުމުގެ މަގުތަކަށް އިތުރުވެގެންދާނެކަމަށް ދެކޭ ކަމަށް އިންޑިޔާ
ސަރުކާރުން މިކަމުގައި އެކުލަވާލި ކަރުދާހުގައި ފާހަގަކޮށްފައިވެއެވެ. މިކަމުގެ
ސަބަބުން ބާ އުޅަނދުތަކުގެ ސަބަބުން ކުރިމަތިވާ މަގުމަތީގެ ނުރައްކާތެރި
ހާދިސާތައް މަދުވެ، ތިމާވެއްޓަށް ނޭދެވޭ އަސަރު ފޯރާ މާއްދާތައް ޖައްވަށްބޭރުކުރާ
ބާ އުޅަނދުތައް މަގުތަކުން މަދުވެގެންދާނެކަމަށް އެޤައުމުގެ ސަރުކާރުންދެކެއެވެ.

އެއްގަމު އުޅަނދު އުފެއްދުމުގެ ދާއިރާއިން
ކުރިޔަށްއޮތް ދިހަ އަހަރުތެރޭ އިންޑިޔާއަށް ތިން ސަތޭކަ ބިލިއަން އެމެރިކާ
ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށް އިންޑިޔާއިން ލަފާކުރެއެވެ. އިންޑިޔާއަށް
ބޭރުން އަންނަ އިންވެސްޓަރުންނަށް ޙާއްސަކޮށްގެން އެޤައުމުގައި ހުރި ފުރުސަތުތައް
ބުނެދީ، އެޤައުމުގައި މިދާއިރާއިން ދުނިޔޭގެ ފެންވަރުގައި ވާދަކުރެވޭ ފަދަ
ކާރުހާނާތައް ހުޅުވުމުގެ ފުރުސަތު ތަނަވަސްކޮށްދިނުންވެސް މިކެމްޕޭން ތެރޭގައި
ހިމެނެއެވެ. މިކެމްޕޭނު އިފްތިތާހްކުރުމާއެކު ބޭރުގެ އިންވެސްޓަރުންގެ ޝައުޤުވެރިކަން
މިހާރު އިންޑިޔާއަށް ހުޢްތިފައިވާ ކަމަށް އެޤައުމުގެ ސަރުކާރުން ހާމަކުރެއެވެ.

އިންޑިޔާއިން ފަށާފައިވާ މިކެމްޕޭންގެ ސަބަބުން
އެޤައުމުގެ އާއްމުންނަށް ކުރާނެ އެންމެ ބޮޑު ފައިދާއަކަށްވެގެންދާނީ ސަރުކާރުން
އެކުލަވާލި މިޕްލޭނާ އެއްގޮތަށް ކަންތައްތައްގޮސް، މިދާއިރާއިން އުފެދޭނެކަމަށް
ލަފާކުރާ ފަސްދޮޅަސް ފަސް މިލިއަން ވަޒީފާގެ ފުރުސަތު ކުރިޔަށް އޮތް ދިހަ
އަހަރުތެރޭ އެޤައުމުގައި އުފެދިގެން ދިޔުން ކަމަށް ގިނަ ބަޔަކު ދެކެއެވެ. މޭކް
އިން އިންޑިޔާ ކެމްޕޭނުގެ ދަށުން އިތުރު ދާއިރާތަކުން އުފެއްދުންތެރިކަމާއި އިންސާނީ
ވަސީލަތްތައް ތަރައްޤީކުރެވުމާއެކު އިންޑިޔާއިން މުޅި އޭޝިޔާ ސަރަހައްދުގައި
އިޤްތިސާދީ ގޮތުންނާއި އަމިއްލަ ތަނަވަސްކަމާއި ބާރުވެރިކަމުގެ ގޮތުން އެހެން
ޤައުމުތަކުގެ މައްޗަށް ކުރިހޯދާނެކަމަށް ބޭރުދުނިޔޭގެ ގިނަ ނޫސްތަކަކުން
މިހާރުވެސް ދަނީ ބުނަމުންނެވެ.